ހދ. މަކުނުދޫ ހިމެނޭހެން ތިން ރަށެއްގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި މަކުނުދޫ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 'އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް' އާއި އެވެ.
މި މަސައްކަތަށް 12,008,846.18 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވެސް ބައިވެރިވެ ވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މެންބަރު ރާޢީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމަށްޓަކައި ރައީސް ޞާލިޙަށާއި، މިނިސްޓަރު ޢާއިޝަޠުއަލީގެ އިތުރުން ބައެއް އިތުރު އެހެން ފަރާތްތަކަށް ޝުކުރު އަދާ ކުރަށްވާފައެވެ.
"މަކުނުދޫ ސްކޫލް މަލްޓިޕާރޕަސް ހޯލްގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވިފައި. ދައްޗާއި އުނދަގުލާއި ފުރައްސާރައިގެ ތެރޭން، މިކަމުގައި ސްކޫލު ފަރާތުން މުޙައްމަދު އިޙްސާންއާއި ޖިނާހް އަޅުގަނޑަށް ދެއްވި ފުރިހަމަ އެއްބާރުލުމަށާއި ފޯރުކޮށްދެއްވި ކަމާއި ގުޅުންހުރި ގިނަގުނަ މައުލޫމާތު ތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" ރާޢީގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
އެޑިޔުކޭޝަނުން މިއަދު ވަނީ އިތުރު ދެ ސްކޫލެއްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތްވެސް ކޮންޓެކްޓަރުންނާއި ހަވާލުކޮށްފައެވެ. މީގެތެރެއިން ރ. އިންނަމާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ މަކުނުދޫ ސްކޫލްގެ ހޯލްގެ މަސައްކަތް ހަވާލުކުރި "އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާއިއެވެ. މިއީ 11,341,575.60 ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތް ނިންމަންޖެހެނީ 325 ދުވަހުގެ ތެރޭގައެވެ.
މިއަދު އިތުރަށް ދެން ހަވާލުކުރީ ތ. މަޑިފުށި ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތެވެ. 9,148,413.11 ޚަރަދުވާ އެ މަސައްކަތް، 330 ދުވަސް ތެރޭ ނިންމާގޮތަށް ހަވާލުކުރީ "ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" އާއިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!