ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެއަށް ގެނައި ދިވެހި ޢާއިލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވައިލައްވައިފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ގޮވައިލެއްވީ، އެ ޢާއިލާ، އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ރާއްޖެއިން ބޭރު ގައުމެއްގައި ކުރި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިން ރާއްޖެ ދޫކޮށް ދިޔަ ދިވެހި މި އާއިލާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހުއެވެ.
އެދުވަހު ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި މިހާރު އެމީހުން ބައިތިއްބާފައިވާ ކަމަށެވެ.
މި ޢާއިލާގެ ބަންދުގެ މުއްދަތު އިތުރުކުރުން އުމަރު މިއަދު ވިދާޅުވީ، ތުއްތު 4 ކުދިންނާ، އެކުދިންގެ މައިމީހާ ކުށެއްސާބިތު ނުކޮށް 8 މަހަށް ހައްޔަރު ކުރުމީ ބޮޑު ނާއިންސާފެއްކަމަށެވެ.
"މި އަންހެން ކަބަލަކީ ހަމަގައިމުވެސް ހަތިޔާރެއް އުފުލި މީހަކަށް ނުވާނެ. ހުޅަގު ރުއްސުމަށް ކަންތައް ކުރީމަ އިންސާނީ ޙައްޤު ތަކާ، ކުޑަކުދިންގެ ޙައްޤު ތަކެއް ނޯވޭ. ހަމަމިހާރުން މިހާރަށް ދޫކޮށްލައްވާ." އުމަރު ވިދާޅުވެފައި ވެއެވެ.
މި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރުގައި އުފަންވި ދެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ވަނީ ހަމަޖައްސާފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ދެވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގައިވާ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުން ނޫންގޮތަކަށް ހަނގުރާމައަށް ދިޔުމާއި، ނުވަތަ އެ ޤާނޫނުގައި ބުނާ އެފަދަ ސަރަހަދަކަށް ދިޔުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާ ރިސްކް އެސެސްމެންޓުގައި އެ ނޫންގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި މެނުވީ، ހަނގުރާމަވެރިންގެ ޢާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަކީ، ކުށުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކެއް ކަމަށް ބަލައި، އެފަދަ މީހުން ބައިތިއްބައްވާނީ އެ ޤާނޫނުގައި ބުނާފަދަ މަރުކަޒެއްގައި ކަމަށް އެ ޤާނޫނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!