މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ.

Ad
rt

އޭނާ ފާހަގަކުރެެއްވި ގޮތުގައި އެމްޑީޕީގައި އެކްޓިވްކޮށް ތިބި ގިނަ މީހުންނަކީ މިވަގުތު ސަރުކާރުގެ މަގާމްތަކުގައި ތިބި މީހުންނެވެ. އެހެންކަމުން ޕާޓީގެ މަސައްކަތްތައް ވެސް ހިންގަމުން ދާނީ ސަރުކާރާއެކީ ކަމަށް ވިދާޅުވެއެވެ.

"އޭގެތެރޭގައި ލީޑަރޝިޕްގައި ހިމެނޭ މީހުން ސަރުކާރު ބަދުނާމުކޮށް، ފާޑުކިޔުންތައް އަމާޒުކުރުމަކީ ވަރަށް ދެރަކަމެއް، އެބޭފުޅުން ވެސް ތިބީ ދައުލަތުގެ ތެރޭގައި، އަނެއްބައި ބޭފުޅުން މިތިއްބެވީ ސަރުކާރުގައި، އެހެންވީމަ އެބޭފުޅުންގެ ޒިންމާއެއް ސަރުކާރު ދިފާޢު ކުރުމާއި، ޕާޓީއަށް ނިސްބަތްވާ ސަރުކާރު ދެމެހެއްޓުމާއި، ސަރުކާރުން ކުރާ މަސައްކަތްތައް ކިޔައިދީ އޮޅުން ފިލުވައިދީ، އެކަންތައް ކުރުމަކީ ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުންކަމެއް" އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، އެމްޑީޕީ ވަރުގަދަކުރުމާއި، ހަރުދަނާ ކުރުމާއި، މަގްބޫލްކަން އިތުރު ކުރުމަކީ އެ ޕާޓީގެ ކޮންމެ މެންބަރަކު ވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"ހަގީގަތުގައި ސަރުކާރުގައި ތިބި ބޭފުޅުން ޕާޓީ ވަރުގަދަ ކުރާނީ، ޕާޓީއަކީ ހަގީގަތުގައި ވަކި ބޭފުޅަކަށް ނިސްބަތްވާ ޕާޓީއެއް ނޫން، ޕާޓީގައި ހިމެނޭ ހުރިހާ މެންބަރުންގެ ވެސް ޕާޓީއެއް، ޕާޓީ ވަރުގަދަކުރުމާއި، ހަރުދަނާ ކުރުމާއި، މަގްބޫލްކަން އިތުރު ކުރުމަކީ ކޮންމެ މެންބަރަކު ވެސް ކުރަންޖެހޭނެ ކަމެއް، އެކަންތައް ކުރެވޭނީ އަޅުގަނޑު ދެކޭގޮތުގައި ސަރުކާރަށް ތާއީދުކޮށްގެން، ސަރުކާރުން އެ ކުރަނީ ޕާޓީގެ މަސައްކަތް، ޕާޓީގެ މެނިފެސްޓޯ ސަރުކާރުން ރައްޔިތުންނަށް ޑެލިވަރކޮށްދެނީ އެ، ޕާޓީގެ ވައުދުތައް ފުއްދަމުން އެދަނީ، އެކަންތައްތައް ބަރާބަރަށް ކުރެވެމުންދޭ" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ރިޔާސީ އެމްޑީޕީން އިންތިޚާބު ކާމިޔާބު ކުރުމަށް، ސަރުކާރަށް ތާއީދުކުރާ މީހަކު އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް އައުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން މިހާރު ބޯމަތިވެފައިވާ ޗެއާޕާސަންގެ އިންތިޚާބުގައި ޕާޓީއާއި، މެންބަރުންގެ ލާބައަށް ޗެއާޕާސަން މަޤާމަށް ހޮވަންވާނީ ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓެއް ކަމަށާއި، އެމީހަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އިބްރޭ ވަނީ ވިދާޅުވެފައެވެ.

ވަކި ބޭފުޅަކު ޗެއާޕާސަން މަޤާމަށް ގެނައުމަށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރުދައްކާ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އިބްރޭ ވިދާޅުވީ، އޭނާ ވަރަށް ފަހުން އުތުރަށް ދަތުރެއް ކުރެއްވި ކަމަށެވެ. އަދި އެ ދަތުރުން ލިބުނު މައުލޫމާތަށް ބަލާއިރު ވަޒީފާއަށް ނުފޫޒު ފޯރުވާކަން ފާހަގަ ކުރެވިފައެއް ނެތް ކަމަށެވެ. ނަމަވެސް އެކަން އެހެން އޮތްކަމަށް ވާދަވެރިން މީސް މީޑީއާގައި ލިޔެ ޚަބަރު ފަތުރާ ކަމަށާއި، އެކަމަކު އެއީ އަސްލެއްނެތް ވާހަކަ ތަކެއްކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފަކާމެދު ފިޔަވަޅު އަޅާފައިވާނަމަ އެކަން ހިނގާފައިވަނީ އެ މުވައްޒަފެއްގެ ފަރުވާކުޑަކަމުން ނުވަތަ ކުރި ނޭދެވޭ އަމަލެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އިބްރޭ ވަނީ ސަރުކާރަށް މަޝްރޫޢުތައް ނުހިންގޭ ކަމަށް ބުނެ ފާޑުކިޔަންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުން ދަނީ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރަށް ކުރިއަށް ގެންދަމުން ކަމަށް ވިދާޅުވިއެވެ.