1443 ވަނަ އަހަރުގެ ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ، ތިންވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގުޅިގެން ދިނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދިނީ ޝިޢާރު އަށަގެންނެވުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ.

Ad
rt

"ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން" މި މަޢުޟޫއަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވުމަށް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޑރ. ސައުދުﷲ ޢަލީއާއި އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިންއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ އިހްޔާ ފޯރަމް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޭއްވުމަށް ނިނމާފައެވެ. މިގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރިލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ.