ދުޅަހެޔޮ ސިއްހަތެއްގައި ތިބާ ދުނިޔޭގައި ވަނިކޮށް ރަމަޟާން މަހަކާއި ބައްދަލުވުމަކީ ބޮޑު ނިޢުމަތެކެވެ. ރަމަޟާން މަހަކީ އަޅުކަމުގައި ހީވާގިވެލައި ހިތުގައި ޖަހާފައިވާ ދަބަރު ފިލުވާލައި އީމާންތެރިކަމާއި ތަޤުވާވެރިކަން އިތުރު ކޮށްލަން ހަޔާތުގައި ލިބިގެންދާ މުހިންމު ވަގުތުތަކެކެވެ.

ރަމަޟާންމަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

Ad
rt

ރަމަޟާން މަހާއި ކުރިމަތިލާއިރު އެ މަހުގެ މާތްކަމާއި މުހިންމުކަން ހިތްމައްޗަށް ގެނެސްގަތުމަށްޓަކައި އެ މައްސަރު މުހިންމުވާ ސަބަބުތަކާއި މެދު ވިސްނައި އެ މަޢުލޫމާތު ހޯދައި ދަސްކުރުމަކީ، އެ މަހަށް ހެޔޮގޮތުގައި އިސްތިޤުބާލް ކުރުމަށް ލިބޭ ބާރަކަށް ވާނެކަން ޔަޤީނެވެ.

ރަމަޟާން މަސް ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރުއާން ބާވާލެއްވުން ހިމެނެއެވެ. މީގެ އިތުރުން އެ މައްސަރުގެ ފަހު ދިހައެއްގެ ދުވަސްތަކުގެ ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ، ހެޔޮކަން ބޮޑުވެގެންވާ ރެއެއް ކަމުގައިވާ ލައިލަތުލްޤަދުރި ވިލޭރޭ ލައްވާފައިވުނެ ހިމެނެއެވެ.

سلمان اللفارسى رضي الله عنه ގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައިވެއެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. އޭ މީސްތަކުންނޭވެ! ބަރަކާތްތެރި މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އެ މަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. މާތް ﷲ އެ މަހުގެ ރޯދަ ހިފުން ފަރުޟު ކުރެއްވިއެވެ. އެ މަހުގައި ރޭއަޅުކަންކުރުން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެ މަހުގައި ހެޔޮކަމެއް ކޮށްފި މީހާ އެ ނޫން މަހެއްގައި ފަރުޟެއް އަދާކުރި މީހަކު ފަދައެވެ. އެ މަހުގައި ފަރުޟެއް އަދާކޮށްފި މީހާ އެ ނޫން މަހެއްގައި ހަތްދިހު ފަރުޟު އަދާކުރި ފަދައެވެ. އަދި އެއީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ޖަޒާއާއި ސަވާބަކީ ސުވަރުގެއެވެ. އަދި އެއީ ހަމްދަރުދީއާއި އެހީތެރިކަމުގެ މައްސަރެވެ. އަދި އެ މަހުގައި މުއުމިނުންގެ ރިޒުޤު އިތުރުކުރައްވައެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައި ލެއްވުނީ މި މައްސަރުގައި ކަމަށްވުމާއިއެކު ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހެއެވެ. ކީރިތި ޤުރްއާން ކިޔެވައި ތަދައްބުރު ކުރުމަކީ ރަމަޟާންމަހު ކުރެވޭ އަޅުކަންތަކުގެ ތެރެއިން އިތުރުކަން ބޮޑު އަޅުކަމެކެވެ.

ރަމަޟާން މަހު އިޝާނަމާދަށްފަހު ޖަމާޢަތުގެކުރެވޭ ތަރާވީޙު ނަމާދު، ޖަމާޢަތުގައި ކުރުމަށް އިސްކަން ދޭންޖެހެއެވެ. އަދި ހަމަ އެހެންމެ ރޭ އަޅުކަން ކުރުމުގައި ހީވާގިވާން ޖެހެއެވެ. ތަރާވީޙު ނަމާދު އިމާމު މީހާއާ އެކު ނިމެންދެން ކޮށްފި މީހާ، މުޅި ރޭ އަޅުކަންކުރި މީހެއްގެ ގޮތުގައި ލިޔުއްވައެވެ.

رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން މީހަކު އިމާމާގެ ފަހަތުގައި އިމާމާ ނިމެންދެން އަޅުކަމުގައި ދެމި ހުރެއްޖެނަމަ މުޅި ރޭ އަޅުކަންކުރި ކަމަށް ﷲ ތަޢާލާ ލިޔުއްވާ ހުއްޓެވެ." (رواه الترمذي وصححه الأ لباني)

ރަމަޟާންމަހު ހެޔޮކަންކަމުގައި މާލީގޮތުން ހޭދަކުރުމަކީ ވެސް ނުހަނު ބޮޑު އަޖުރު ލިބިގެންދާ ކަމެކެވެ. ރަމަޟާންމަހު ރޯދަވެރިޔަކަށް ރޯދަވީއްލާނެ ކާއެއްޗެއް ނުވަތަ ބޯނެއެއްޗެއް ދީފިމީހާގެ ފާފަ ﷲ ތަޢާލާ ފުއްސަވައެވެ. އެ މީހާ ނަރަކައިން މިންޖުކޮށްދެއްވައެވެ. އަދި ރޯދަވެރިޔާއަށް ލިބޭ ރޯދައިގެ ސަވާބާއި އެއްވަރަށް އެ މީހާއަށް ވެސް ސަވާބުލިބެއެވެ. އެއީ ރޯދަވެރިޔާގެ ސަވާބުން އުނި ކުރެއްވުމެއް ވެސް ނެތިއެވެ.

ރަމަޟާން މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ، ދުވަސްތަކަކަށް ވީހިނދު ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި ކުރެވިފައިވާ ފާފަތަކުން ތައުބާވުމަކީ އެންމެ ފައިދާ ބޮޑު ގޮތެވެ. އިންސާނުންގެ ކުށް ފާފަތައް، ކިތަންމެ ގިނަވިޔަސް ﷲ ތަޢާލާ އެ ފާފަތައް ފުއްސަވައި ދެއްވާނެކަން ދަނެ، އެކަމަށް އަވަސްވެ ގަންނާށެވެ.

ޑޮކްޓަރީގޮތުން ބެލިނަމަވެސް ރޯދަ ހިފުމަކީ އެތައްގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެއްކަން މިއަދުގެ ކުރިއަރާފައިވާ ސައިންސް ހެކިދެއެވެ. ޑޮކްޓަރުންނާއި ޞިއްބީ މާހިރުން ވިދާޅުވަނީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް މަރާމާތުވުމާއި، ތަފާތު ބަލިތަކާއި، ވައިރަސްތަކާއި، ބެކްޓީރިއާތައް ނައްތާލުމަށް އޮތް އެންމެ ކާމިޔާބު ވަސީލަތަކީ ރޯދަހިފުން ކަމުގައެވެ.

"އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."

މާތް ﷲ ސޫރަތުލް ބަޤަރާގެ 184 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.

ރަމަޟާން މަހަކީ މިފަދަ މުހިންމު ދުވަސްތަކަކަކާއި ރޭތަކަކަށް ވީ ހިނދު ދުނިޔެވީ ކަންކަން ފަހަތައް ޖައްސައި ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރެވޭނޭ ފަދަ ތާވަލަކާއިގެން ރަމަޟާން މަސް ހޭދަކުރަން ޖެހެއެވެ.

މާތް ﷲ އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައި ވަނީ ވަކި އަޖަލެއް ކަނޑައަޅުއްވާފައެވެ. ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަޖަލު ހަމަވުމުން ﷲ ގެ ހަޟްރަތައް ދާން ޖެހޭނެއެވެ. އިއްޔެ އަޅުގަނޑުމެންނާ އެކު އުޅުނު ކިތައްމެ މީހަކު، މިއަދު ވަނީ މަރުވެގެން ގޮސްފައެވެ. ވުމާއެކު ލިބިފައިވާ ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފާށެވެ. އެންމެ ބޮޑު ބަދުނަޞީބުވެރިޔަކީ، އެ މީހަކާއި ރަމަޟާން މަހުގެ ދުވަސްތައް ބައްދަލުވެ އެ މީހެއްގެ ކުށްފާފަތައް ނުފުއްސެވުނު މީހާކަން ދަންނާށެވެ.

رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެރޭ ނުބައި ނުލަފާ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ހުށްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭ ހުށްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރެއް ނުހުޅުއްވޭ ހުށްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭހުށްޓެވެ. އަދި އެމަހުގައި ސުވަރުގޭގެ އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެއްވޭ ހުށްޓެވެ. އަދި ނިދާ އިއްވަވާ ބޭކަލަކު ނިދާ އިއްވަވާ ހުށްޓެވެ! އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮ ކަންތަކްވީ ފަރާތަށް އަވަސްވެގަންނާށެވެ! އަދި އޭ ނުބައިކަންތައްކުރާ މީހާއެވެ! ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ! އަދި ރަމަޟާންމަހުގެ ކޮންމެ ރެއަކު ނަރަކައިން މުއްތިކުރައްވާ މީހުން ތަކެއް ﷲ އަށް ވެއެވެ." (رواه الترمذي وابن ماجه)