އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިގޮތުން އެ ޚިދުމަތް ފެށުމަށް މިއަދު ވަނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައެވެ.
މެންދުރުފަހު 2:45 ހާއިރު އެ ޑޮކްޓަރު އިހަވަންދޫއަށް ވަޑައިގަތުމުން އޭނާއަށް ވަނީ އިހަވަންދޫ ކައުންސިލުންނާއި، ސިއްހީމަރުކަޒުންނާއި އަދި އެ ނޫންވެސް ބައެއް މުއައްސަސާތަކުން ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް "ތިލަދުން"އަށް ވިދާޅުވީ މި ޑޮކްޓަރުގެ ޚިދުމަތް ހަފުތާއަކު 6 ދުވަހު ލިބިގެންދާނެ ކަމަށެވެ.
ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ބައްލަވާ އުމުރުފުރާ 16 އަހަރުން ދަށުގެ 1100 އާއި 1200 ދެމެދު ކުދިން މިވަގުތު އެރަށުގައި ދިރިއުޅޭކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރެވެ.
އާންމު ގޮތެއްގައި ސިއްހީ މަރުޒުތަކުގައި ޚާއްޞަ ބަލިތަކުގެ ޑަކްޓަރުން ދާއިމީ ގޮތެއްގައި ނުތިއްބަވައެވެ. ނަމަވެސް އިހަވަންދޫގައި މި އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމެކެވެ.
އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ތައިރޮއިޑް ޓެސްޓާއި، ޓެލެސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓެސްޓެއްކަމަށްވާ HbA1c ޓެސްޓްގެ އިތުރުން ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތައް ދެނެގަތުމަށްހަދާ Troponin I ޓެސްޓްގެ ހިދުމަތް ފަދަ ޓެސްޓްތައް ހިމެނެއެވެ.
ހއ. އިހަވަންދޫއަކީ އާބާދީގައި 3300 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!