މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ "ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް" އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ.
އެ ކުންފުނީގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކޮށްފައިވާއިރު އެ ކުންފުނިން ވަނީ އެ ގޮތަށް ބީއެމްއެލްއިން އަމަލުކުރި ސަބަބު ނާންގާ ކަމަށް ކުރިން ބުނެފައެވެ. އަދި އެ ކުންފުނިން ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައިވާއިރު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓާއި ގުޅިގެން އެ ކުންފުނިން ބީއެމްއެލްއާއި ދެކޮޅަށް އުފުލި ދައުވާގައި، އެ ކުންފުނީގެ ބޭންކް އެކައުންޓް، މަޤްބޫލު ޤާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއް ނެތި ބީއެމްއެލްއިން ވަގުތީގޮތުން ޑީއެކްޓިވޭޓްކޮށް، އެ އެކައުންޓުގައިވާ ފައިސާ ހިފަހައްޓާފައިވާކަމަށާއި، އެހެންކަމުން އެ ބޭންކް އިން އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
އަދި އެ އެކައުންޓް ބީއެމްއެލްއިން ވަގުތީގޮތުން ޑީއެކްޓިވޭޓް ކޮށްފައިވަނީ، އެ ކުންފުނިން ކުރަމުންދާ އޮންލައިން ޓްރޭޑިންގއަކީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓަރީކޮށް އެ
ޤާނޫނުގެ ދަށުން ލައިސަންސް ނަގައިގެންނޫނީ ކުރެވޭނެ ވިޔަފާރިއެއް ނޫންކަމަށް ބީއެމްއެލްއިން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފަވެއެވެ.
މީގެ އިތުރުން އެ ކުންފުންޏަކީ. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާފަދަ ރިޕޯޓްކުރަންޖެހޭ ފަރާތެއްކަމަށް ދަޢުވާކުރާ ފަރާތުން ކަނޑައަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އަދި ޤާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއްނެތި ބީއެމްއެލްއިން އެ ކުންފުނީގެ އެކައުންޓް ޑިއެކްޓިވޭޓްކޮށްފައިވާތީ، އެ އެކައުންޓު ޑިއެކްޓިވޭޓްކުރުމުގެ ސަބަބުން އެ ކުންފުނީގެގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެ ކުންފުންޏަށް ލިބިގެންވާކަމަށް، ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދިފަވެއެވެ.
ޕޮންޒީ ސްކީމްތަކެއް ހިންގާ ކަމުގެ ތުހުމަތު ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވިފައިވާއިރު އެ ކުންފުނީގެ ހިއްސާދާރުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ކުންފުނިން ބަޔަކަށް ގެއްލުންވާ ގޮތަށް އެއްވެސް ސްކީމެއް ނުހިންގާ ކަމަށެވެ.
އެ ކުންފުންޏަށް އެފަދަ ތުހުމަތެއް ކުރެވިފައިވަނިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދިވެހި ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަކުރަށްވާފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަންފަށާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!