އައިހެވަން މަޝްރޫޢުގެ ނަމުގައި ކުރީ ސަރުކާރުން ތްރީޑީ ފޮޓޯ ދައްކައިގެން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ދެއްކީ ދަޅައެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސް ކޮށްފައެވެ.

Ad
rt

މި ބަހުސްގައި ވާހަކަ ދައްކަވަމުން ރިޟާ ވަނީ، އޭނާއަކީ އެ ގަރާރު ދިރާސާ ކުރެއްވި ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ މައްސަލަ ދިރާސާކުރުމުގައި ކޮމިޓީގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިގެންދިޔަކަން ފާހަގަ ކުރަށްވާފައެވެ. އަދި ރިޕޯޓް އެކުލަވާލުމުގައި ކަމާ ގުޅުންހުރި މިނިސްޓްރީތަކާއި، ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"އެންމެ ބޭފުޅުންގެ ވެސް މަޝްވަރާއަކީ، ގަރާރުގައި އެ މަނިކުފާނު (ސައްލެ) އެދިލައްވާފައި އޮތް ގޮތަށް މިހާރުން މިހާރަށް، ވީހާ އަވަހަކަށް ފެށެން ހުރި ޚިދުމަތްތަތަކީ ކޮބައިކަން ދެނެގަނެ، އެ ޚިދުމަތްތައް ފެށޭނެ ގޮތެއް، މިސާލަކަށް، ތެޔޮ އެޅޭނެ ގޮތްތަކެއް ވުން، ސެކިއުރިޓީ ދެވޭނެ ގޮތެއް ވުން، ފުޑް އެ ބޭފުޅުންނަށް ލިބޭނެ ގޮތެއް ވުން، ދަންނަވަން އުޅޭ ވާހަކައަކީ، އިހަވަންދިއްޕޮޅުގައި މިފަދަ މަސައްކަތެއް ފެށުމުގެ ހުވަފެނަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ޒަމާންވެއްޖެ ހުވަފެނެއް." ބަހުސް ފައްޓަވަމުން ރިޟާ ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ރިޟާ ވިދާޅުވީ، ތްރީޑީގެ ޛަރީޢާއިން ރައްޔިތުން ދަޅަދެއްކުމަކީ ސޯޝަލް މީޑިއާގައި މި ޒަމާނުގައި ކެމްޕެއިނަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

ވަރަށް ގިނަ ފަހަރު ތްރީޑީ ފޮޓޯތައް ވަރަށް ރީތިކޮށް ހަދާފައި ހުންނަކަމަށާއި، އަދި އެ ފޮޓޯތަކަކީ މަންޒަރެއްގެ ގޮތުގައި ސިފަކޮށްދޭ ކަމަށާއި، ނުވަތަ އުންމީދެއްގެ ގޮތުގައި ސިފަކޮށްދޭ ކަމަށް ރިޟާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިއަދުގެ ސުވާލަކީ، އެ ވިދާޅުވާ ވެރިކަމުގައި، އެ ވިދާޅުވާ ބޭފުޅުންނަށް އިންވެސްޓްމަންޓްތައް ހިފައިގެން މި ޤައުމަށް ބޮޑެތިހާ އިންވެސްޓްމަންޓްތައް ހިފައިގެން ނައީ، ނުވަތަ އަންނަން ހުރަސްއެޅީ ކޮން ބޭފުޅެއް، ކޮންކަމަކާތޯ؟" ރިޟާ ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބޮޑުތިލަންދުންމަތީގައި މިފަދަ މުހިންމު ވަސީލަތެއް ގާއިމުވެގެންދިޔުމަކީ އޭނާ ވެސް ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އެންމެ ކުޑައިރުއްސުރެ ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"ރާއްޖޭގެ އިޤުތިޞާދަށް ނުހަނު ގިނަގުނަ ފައިދާ ލިބޭނެ ކަމެއް ކަމަށް ޢަބަދުވެސް ބޮޑުތިލަންދުންމަތީގެ ރައްޔިތުން، އަދި ޚާއްޞަކޮށް މުޅި ދިވެހި ރައްޔިތުން ވެސް ގަބޫލުކުރޭ. އެ ކަނޑުއޮޅިއަކީ ދުވާލެއްގެ މައްޗަށް 200، 300 އާގުބޯޓު ހުރަސްކުރާ ކަނޑުއޮޅިއެއް ވީމާ، އޭގެތެރެއިން އެންމެ %2 ނުވަތަ %5 ވަރުގެ ބޯޓުފަހަރަށް ޚިދުމަތްދެވޭނެ އިންތިޒާމެއް ހޯދިޔަސް، އަޅުގަނޑުމެންނަށް ޓޫރިސްޓް ދާއިރާ ފިޔަވައި އެހެން ދާއިރާއަކުން ވެސް މި ދައުލަތަށް، ދިވެހިރާއްޖޭގެ ދައުލަތަށް އާމްދަނީ ލިބޭނެ މަގުފަހިވެގެންދާނެކަން، އެއީ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ޙަޤީޤަތެއް،" ރިޟާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އައިހެވަން ޕްރޮޖެކްޓް ގެނައުމަށް ޓަކައި އެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުންއިރު ވެސް "އެ ހެދި ތްރީޑީ ފޮޓޯގައި ކުލަޖެއްސޭނޭ އިންތިޒާމެއް ނުހޯދީ ކީއްވެގެންތޯ؟" ސުވާލު ކުރަށްވައި، އެކަމަށް ހުރަސްއެޅީ ކާކުތޯ އޭނާ ވަނީ ސުވާލު ކުރަށްވާފައެވެ.

"އެ މަނިކުފާނުމެންގެ ފުލް މެޖޯރިޓީ މި މަޖިލީހުގައި އޮތް ހުރިހާ ބާރަކާއި ބާރެއް އޮތް، މިއަދުގެ ތަފާތަކީ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އިޤުތިޞާދީ ކޮމިޓީގައި މި މަސައްކަތް ކުރަމުންދިޔައިރު، އަޅުގަނޑުމެން މި ކޮމިޓީގައި ނިންމާލަމުން ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން، މި މަސައްކަތަށް ބޭނުންވާ، މި މަސައްކަތް އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ސަރުކާރަށް އިލްތިމާސްކޮށްފައި އޮތީ،" ރިޟާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމާ ބެހޭ މުއައްސަސާތަކަށް މިކަމުގައި އަވަސް ފިޔަވަޅެއް އަޅައިދެއްވައި މިކަމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމަށް އަންގާފައިވާކަން ހަފުތާއެއްހާ ދުވަސްކުރިން އަޑުއައްސަވާފައިވާކަމަށް ރިޟާ ވިދާޅުވިއެވެ.

އެ ރިޕޯޓް އެކުލަވާލުމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުން އެއީ ފަށަންވެއްޖެ މަސައްކަތެއް ކަމަށް މުޅި ސަރުކާރުން ވެސް ގަބޫލުކުރެވޭކަން އެނގިގެން ދިޔަކަމަށް ރިޟާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮމިޓީގައި މަޝްވަރާކުރި ކޮމިޓީގެ ހުރިހާ މެންބަރުންނަށް ވެސް މަޝްވަރާކުރެވި، އެއްބަސްވެވިގެންދިޔައީ، ދިވެހި ދައުލަތުގެ، ދިވެހި ސަރުކާރުގެ އެސެޓެއްގެ ގޮތުގައި، ދިވެހި ސަރުކާރުގެ %100 ހިއްސާވާ ގޮތަށް ނުވަތަ %100 ދިވެހި ރައްޔިތުންނަށް ނިސްބަތްވާ ދިވެހި ދައުލަތުގެ އެސެޓެއްގެ ގޮތަށް މި މަސައްކަތް ފެށޭނެ އިންތިޒާމެއް ހޯދުން." ރިޟާ ވިދާޅުވެފަވެއެވެ.

މި އަހަރު ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ޕޯޓެއްގެ މަސައްކަތް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކަން ފެށޭނެ ގޮތެއް ހޯދުމަށް
ކަމާ ބެހޭ މިނިސްޓްރީތަކުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ހޯއްދެވި މައުލޫމާތުން އެނގިގެން ދިޔަކަމަށް ރިޟާ ވަނީ ވިދާޅުވެފައެވެ.