ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން 6 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް 6 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

Ad
rt

މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުމަކީ އުންމީދުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިދިޔައަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ދުވަހު މިނިސްޓަރު ވިދާޅުވެފައި ވަނީ، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމަވާފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އުސޫލުން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ މަޝްރޫޢުއަށް ބަޖެޓްގައި ހިމެނުނު ފައިސާއަކީ އެއްފަހަރާ ކުރެވޭނެ އަދަދަކަށް ނުވާތީއާއި، އޭރުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ކަމަށް ވިދާޅުވިއެވެ.

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި މި މަޝްރޫޢުވަނީ ވޭތުވި 3 އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައެވެ.