މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައި ވަނީ، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކުގައެވެ.
"މަދަނީ އިޖުރާއަތުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވީ 16 ޑިސެންބަރު 2021 ގައެވެ. އެ ތާރީޚުން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީޚުގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
އޭޖީ އޮފީހުން ވިދާޅުވި ގޮތުގައި މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ ޤާނޫނުން އަލަށް ތަޢާރުފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައް ވުމަށް އެ އޮފީހުން ޤަޞްދުކޮށްފައިވަނީ، ޢަދުލު އިންޞާފުގެ ދާއިރާގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ޤާނޫނީ ވަކީލުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގެމަތިންކަމަށެވެ.
އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެމަތިން އެކުލަވާލެވޭ ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އަދި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށްވެސް ނިންމާފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވެފަވެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ވަރަށް ބޭނުންތެރިވެފައިވާ، މުހިންމު ޤާނޫނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!