ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް "އުފާ އެކްސްޕްރެސް" ތައްޔާރު ވެއްޖެއެވެ.
އުފާ އެކްސްޕްރެސް ލޯންޗު ހއ އަތޮޅުން ދާނެ ރަށްތަކަކީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ އަދި މާރަންދޫ އެވެ. ހދ އަތޮޅުން ދަތުރު ކުރާނެ ރަށް ތަކަކީ ނައިވާދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ. ށ އަތޮޅުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އަށް އެކަންޏެވެ.
މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:00 ޖަހާއިރު އަދި ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ މެންދުރު 12:00 ޖަހާއިރެވެ. ތިލަދުންމަތީގެ ރަށް ތަކުން ފުރައިގެން މާލެއަށް އައުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ އަދި އަންގާރަ ދުވަހެއްގެ ހެނދުނު 07:00 ޖަހާއިރެވެ. އަދި ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ފަތިހު 5:30 ގައެވެ. ތިލަދުންމަތިން މާލެ ދާއިރު އެންމެ ފުރަތަމަ ފުރާނީ ހއ ތުރާކުނުންނެވެ.
އެކިރަށް ތަކަށް ދަތުރު ކުރާ އަގު ތަފާތުއިރު ޓިކެޓުގެ އަގުތަށް އުޅެނީ 850 ރުފިޔާ އާއި 1000 ރުފިޔާ އާއި ދޭތެރޭގައެވެ. އެހެންނަމަވެސް 2 އަހަރުން ދަށުގެ ކުޑަކުދިންނަށް އިތުރު ސީޓެއް ބުކް ނުކުރާނަމަ ޓިކެޓެއްގެ އަގަކީ 400 ރުފިޔާއެވެ.
ދަތުރުގެ ބައިވެރިންނަށް ހިލޭ ވައިފައިގެ ހިދުމަތް ލިބޭއިރު ހިލޭ ކެއުންވެސް ލިބޭނެކަމަށް އުފާ އެކްސްޕްރެސް އިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!