ހދ. ހަނިމާދޫގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މާޗް 2022 ވާ އަންގާރަ ދުވަހުގެ 11:30 ގައި އެ ކައުންސިލުގެ ކޮންފަރެންސް ރޫމުގައި ކަމަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަތުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މި މަސައްކަތަށް ބިޑު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 24 މާޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެ ކައުންސިލުގެ ކޮންފަރެންސް ރޫމުގައެވެ.
މިހާރު ހަނިމާދޫ ކައުންސިލުން އެ ރަށުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެންނެވެ.
ހަނިމާދޫ ކައުންސިލުން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޤަވައިދު ތަކާއި އުސޫލުތައް އެކުލަވާލައި އެ ރަށުގެ ގޭބިސީތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ޖަމާކޮށް އެ ނައްތާލުމުގެ ޚިދުމަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭ އޭރު އޮތް ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!