ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް އެ ޖަމިއްޔާއިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ޖަމިއްޔާއިން ވަނީ ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ލައިބްރަރީގައި ރީޑިން ކޯނާއެއް ތަރައްޤީ ކޮށް، ފޮތް ބެހެއްޓުމަށް އެކި ޑިޒައިންތަކަށް ގިނަ ފޮތް ބަހައްތާ ހަރުތަކެއް ވަނީ ހަދާފައެވެ. މީގެއިތުރުން އެތަނުގައި ފޮތްކިޔަން ތިބެވޭނޭ މާހައުލެއް ޤާއިމް ކުރުމަށްޓަކައި މޭޒާއި ގޮޑި ވަނީ އިތުރު ކޮށްފައެވެ.

Ad
rt

މީގެއިތުރުން މި ޕްރޮޖެކްތްގެ ދަށުން ހަނިމާދޫ ސްކޫލް ދަރިވަރުން ފޮތް ކިޔުމަށް އަހުލުވެރި ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ސެޝަނެއް ވަނީ އެ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮޖެކްޓް ޕްރޮމޯޓް ކުރުމުގެ ގޮތުން ޖަމިއްޔާގެ ލޯގޯއާއި ބީއެމްއެލް ލޯގޯ ހިމެނޭ 50 ޓީޝާޓް ހަދައި ޖަމިއްޔާގެ މެމްބަރުންނަށް ބަހާފައިވެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މި ޕްރޮޖެކްޓުގެ ދަށުން ހަނިމާދޫ ސްކޫލުގެ ލައިބްރަރީއަށް 700 ފޮތް ވަނީ އިތުރު ކޮށްފައެވެ. ޕްރޮޖެކްޓްގެ ބަޖެޓުން ހަރަދު ކޮށްގެން 450 ފޮތް ގަނެފައިވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި، އެ ފުރުޞަތުގެ ދަށުން 250 ފޮތް ވަނީ އެކިފަރާތްތަކުން ހަދިޔާކޮށްފައެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން "ތިލަދުން" ފަރުހާދު މޫސާ ވިދާޅުވެފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ އަބަދުވެސް ހަނިމާދޫގައި ތަޢުލީމާއި ގުޅުންހުރި ކަންކަން ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށެވެ. މި ޕްރޮޖެކްޓަކީ ވެސް އެއަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައި ވަނީ ޖަމިއްޔާ ޖަމާއަތްތަކަށް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް މިފަދަ އެތައް ފުރުޞަތުތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް އެބަހުރި ކަމަށާއި، ބޭނުންވަނީ ޖަމިއްޔާތަކާއިއެކު މަސައްކަތްކުރާނެ ތަޢުލީމީ ޖީލެއް ކަމަށެވެ. އެހެން ވެއްޖެނަމަ މިފަދަ އެތައް ކަމެއް ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ހިލޭ ސާބަހަށް ކޮށްފައި ވަނީ ޖަމިއްޔާގެ މެމްބަރުން ކަމަށެވެ. ފަރުހާދު ވަނީ މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ޖަމިއްޔާގެ މެމްބަރ އަބޫބަކުރު އިބްރާހީމްގެ ނަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ޖަމިއްޔާގެ މެމްބަރުން މި މަސައްކަތް ކާމިޔާބު ކުރުމަށް ދެއްވި އެއްބާރުލުން ފާހަގަކޮށް ޖަމިއްޔާގެ މެމްބަރުންނަށް ވެސް ފަރުހާދު ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ނިންމުމަށް ބީއެމްއެލްއާއި ހަނިމާދޫ ސްކޫލުން ދެއްވި އެއްބާރުލުމަށް ފަރުހާދު ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ލައިބްރަރީއަށް ފޮތް ހޯދުމުގައި ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް ފަރުހާދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފް ކޮށްފައިވާ ފަންޑެކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 28 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.