ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަލުން އިޢުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް 6 ޖެނުއަރީ 2022 ގައި ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށްފައިވާ ކަމަށެވެ.
އެ ބީލަންތައް ބާތިލުކޮށް، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް ފިނޭންސްގެ އިއުލާންގައި ބުނެފަވެއެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިންނެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާންގައި ބުނެފަވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އެ ފައިސާ ދައްކަން ޖެހެނީ ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، އެ މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހޭއިރު، މި މަޝްރޫޢުގެ ބީލަން ސެކިއުރިޓީގެ ގޮތުގައި -/125,000ރ (އެއްލަކަ ފަންސަވީސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހެއެވެ.
ބީލަންތައް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުމަކީ އުންމީދުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިދިޔައަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ދުވަހު މިނިސްޓަރު ވިދާޅުވެފައި ވަނީ، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމަވާފައިވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އުސޫލުން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެ މަޝްރޫޢުއަށް ބަޖެޓްގައި ހިމެނުނު ފައިސާއަކީ އެއްފަހަރާ ކުރެވޭނެ އަދަދަކަށް ނުވާތީއާއި، އޭރުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ކަމަށް ވިދާޅުވިއެވެ.
ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި މި މަޝްރޫޢުވަނީ ވޭތުވި 3 އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!