ހއ. އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކުލަބް ޕޯލްސްޓާއާއި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ އިތުރުން އެ ރަށު ވިމެންސް ކޮމިއުނިޓީ ގުޅިގެން އިހަވަންދޫގައި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 8 ވަނަ ދުވަހެވެ. އިހަވަންދޫގައި ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ 08 މާޗް 2022 ވާ އަންގާރަ ދުވަހުއެވެ.

Ad
rt

ފުރަތަމަ ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ރޭ، ރަށުގެ ހުރިހާ ކަނބަލުންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށް ގެންދާ ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަނެކެވެ.

މި ސެޝަނުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ބައިތަކަކީ ކޮންމެ އަންހެނަކު ވެސް ވާން ބޭނުންވާ މީހާއަށް ވުމަށް ހުރި މަގުތަކާއި، ލިބޭ އާމްދަނީގެ މިންގަނޑު ވަޒަންކުރާނެ ގޮތްތަކާއި، ރަނގަޅު އާދަތައް އަށަގަންނުވާނެ ގޮތާއި، ހަޔާތުގެ ކޮންޓްރޯލް އަތުގައި ބާއްވާނެ ގޮތުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކުން އަރައިގަންނާނެ ގޮތްތަކެވެ.

ދެވަނަ ހަރަކާތެއްގެ ގޮތުގައި 10 މާޗް 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫގެ ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކެއްކުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު https://forms.gle/XeyP5Vnm2RapYjZw8 މި ލިންކު މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ޓީމް ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 08 މާޗް 2022 ވަނަ ދުވަހުގެ ހަވީރު 04:00 އެވެ.

މި މުބާރާތުން އެއްވަނައަށް އަންނަ ޓީމަކަށް 2000 ރިފިޔާ، ދެވަނައަށް އަންނަ ޓީމަކަށް 1500 ރުފިޔާ އަދި ތިންވަނައަށް އަންނަ ޓީމަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން 11 މާޗް 2022 ވާ ހުކުރު ދުވަހު ހެނދުނު 06:45 ގައި ކުރިއަށް ގެންދެވޭ ދުވުމުގެ ހަރަކާތެކެވެ.

އެންމެ ފަހު ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދިޔުމަށ ހަމަޖެހިފައި ވަނީ އަންހެނުންގެ ދުވަހުގެ ހާއްސަ ޖަލްސާއެކެވެ. މި ޖަލްސާ 12 މާޗް 2022 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދުވަހާއި ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތައް އިޢުލާންކޮށް އިނާމް ދިނުން އެ ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިހަވަންދޫގެ ކަނބަލުންގެ ތެރެއިން ޚިދުމަތްތެރި ކަނބަލުންގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުގެ އަގުވަޒަން ކުރުން ވެސް މި ޖަލްސާގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.