ކުޅުދުއްފުށީ ސިޓީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެވަނަ ފުރުސަތެއް ހޯއްދަވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާއީ ވަނީ 2023 ނިމުމުގެ ކުރިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވަމުން، އެ ބިލުން ހުށަހެޅިފައިވާ އިސްލާހަކީ އިދާރީ ބޭނުމަކަށް ހުށަހެޅިފައިވާ އިސްލާހެއްކަމުން ވީހާވެސް އަވަހަކަށް ބިލު ފާސްވެގެން ދިޔުން މުހިންމުކަން ފާހަގަ ކުރަށްވާފައެވެ.

ރާއީ ވިދާޅުވީ، ރަށްރަށުގެ ކަރަންޓްބިލު ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި، އަދި އެރަށްރަށުގެ ވިޔަފާރި ވެރިންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. ކަރަންޓް ބިލު ބޮޑުވުމުގެ ސަބަބުން ވިޔަފާރިވެރިން ވިއްކާ ތަކެތީގެ އަގަށް ބަދަލު ގެންނަންޖެހޭ ހާލަތް އަންނަކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަރަންޓް ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެގެންދާ އެއް ސަބަބަކީ ޓެކްނިކަލް އެކި މައްސަލަތައް ދިމާވުން ކަމަށާއި، އެކަންކަން ހައްލުކުރެވޭވަރުގެ އެކަށޭނަ މިންވަރަށް ފަންނުވެރިންނާއި، ވަސީލަތް ސަރަހައްދުތަކުގައި ނެތުމަކީ ފާހަގަކުރެވޭ ކަމެއް ކަމަށެވެ.

ބައެއް ފަހަރު ބިލު މާބޮޑު ވެގެން ބަލާއިރު ގޭގެ މީޓަރު ފަންކާއެއްހެން އެނބުރި އެނބުރި ހުންނަ ފަހަރުތައް އަންނަކަމަށާއި، މިފަދަ ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ލުއިހޯދައިދިނުމަށް ރާއްޖޭގެ ދެ ސަރައްދެއްގައި ޔުޓިލިޓީސް ކުންފުނި އުފެދިގެން ދިޔުމަކީ އެފަދަ މައްސަލަތަކަށް ހައްލު ލިބިދޭނޭ ކަމަށްކަމަށް ރާޢީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ރާއްޖޭގައި ސަދަން އަދި ނޯދަން ޔުޓިލީސް ގާއިމުކުރެވިފައި ހުރިކަމަށާއި، މިހާރު ވެސް އެފަދަ ދެ ކުންފުނި އުފައްދައި، ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްދެވޭނެ ގޮތަކާމެދު ވިސްނުން ގެންގުޅެން ޖެހިފައިވާކަމަށް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ ރާއްޖޭގެ ދެ ސަރަހައްދުގައި ޔުޓިލިޓީސް ދެ ކުންފުނި އުފައްދަން އޭނާ ޚިޔާލު ދެއްވަނީ ފެނަކައިން މަސައްކަތް ނުކުރާތީ ނޫންކަމަށާއި، މުޅި ރާއްޖޭގައި ފެނަކައިން ވަރަށް ރަނގަަޅަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށާއި، އަދި އެކުންފުނީގެ އެމްޑީ ސައީދަކީ ވެސް ވަރަށް ހީވާގި ގާބިލު ބޭފުޅެއްކަމަށެވެ. އެހެންކަމުން ފެނަކައިގެ އޮފީހެއް މާލޭގައި ހުރުން އެއީ މައްސަލައެއް ނޫންކަމަށާއި، އެ ކުންފުނީގެ ދައުރެއް އޮތުމަކީ ވެސް އެންމެ ރަނގަޅު ގޮތެއްކަމަށް ރާޢީ ވިދާޅުވިއެވެ.

ރާއީގެ ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓީއަކީ މިހާރު އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ސިޓީ ކަމަށް ވިދާޅުވެ، ފެނަކައިގެ މައި އޮފީހެއް އެ ސިޓީގައި ގާއިމުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން އިދާރީ މައްސަލަތަކަށް އަވަސް ގޮތެއްގައި ހައްލު ލިބި، ރަށްރަށުގައި ދިމާވާ ޓެކްނިކަލް މައްސަލަތަށް ހައްލުކުރުމަށް ވެސް ފަސޭހަކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގެ ކަރަންޓް ބިލު ބޮޑުވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވީއިރު، ރަށްރަށުގެ ބިލުތައް ވެސް މާލެއާއި އެއްހަމަކޮށްލެވޭނެ ގޮތެއް ހޯދުން މުހިންމުކަމަށް ވެސް ރާޢީ ވަނީ ވިދާޅުވެފައެވެ.