ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އަފްރާޙް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ، މިރޭ އެމްޑީޕީގެ އައު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އަފުރާހުއަކީ ވޭތުވެދިޔަ ތިން ދައުރުގައިވެސް ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާކޮށްފައިވާ، ފަރާތެކެވެ.
ފުރަތަމަ ދައުރުގައި އަފްރާޙް ޑީއާރުޕީއިން އިންތިޚާބުވެ، ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާއިރު، ދެވަނަ ދައުރުގައި ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކޮށް ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވެއެވެ. އަދި މިދައުރުގައި އަފްރާޙް ކައުންސިލްގެ ރައީސްކަން ކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހެޔޮހިތުން ބަލައިގަނުމުގެ ގޮތުން ކަމަށާއި، ސިޔާސީގޮތުން ނިންމެވި މި ނިންމެވުމަކީ ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު އަފްރާޙް ވިދާޅުވިއެވެ.
އަފްރާހް އެމްޑީޕީއަށް ސޮއި ކުރެއްވުމާއެކު ކުރިނބީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!