ހދ.ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ލޯގޯ ފަރުމާ ކުރުމުގައި ބަލާނޭ މިންގަނޑުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ފަރުމާކުރެވޭ ލޯގޯއަކީ މީގެ ކުރިން އެއްވެސް ފަރާތަކުން ފަރުމާކޮށް ބޭނުންކޮށްފައިވާ ލޯގޯއަކަށް ވެގެން ނުވާނެ ކަމަށާއި އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ރަމްޒު ކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ގޮތެއްގައި ޓީލް ގްރީން ކުލައިގެ ޝޭޑްސްތައް ބޭނުން ކުރުމަށާއި، ލޯގޯއިން ރަމްޒުކޮށް ދެނީ ކޮންކަމެއްކަމާއި، ލޯގޯގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ލޯގޯއާއިއެކު ހުށަހަޅަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

މީގެއިތުރުން ލޯގޯ ފަރުމާ ކޮށްފައި ހުންނަންވާނީ، ލެޓަރހެޑާއި ބިޒްނަސް ކާޑާއި ޔުނިފޯމާއި ޓީޝާޓުގެ އިތުރުން ދިދަ ފަދަ ތަކެތީގައި ބޭނުން

ކުރެވޭނެ ފަދަ ގޮތަކަށް ކަމަށާއި ލޯގޯ އަކީ ލަކުޑި، ފައިބަރުފަދަ މައުދަނުގައި ފަސޭހައިން ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެ ކަމުގައި ބަޔާން ކޮށްފައިވެއެވެ. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑެއްގެ ގޮތުގައި ހުންނަންވާނެ ކަމަށް ކަނޑައަޅާފައި ވަނީ DPI300އާއި DPI600 އާއި ދެމެދުއެވެ.

ލޯގޯ ހުށަހަޅާއިރު ތިން ފޯމެޓެއްގައި ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، އެ ފޯމެޓްތަކަކީ PSD, CDR އަދި JPEG ފައިލް ފޯމެޓެވެ.

މީގެއިތުރުން ލޯގޯ ހުށަހަޅާ ފަރާތަކީ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ލިބިފައިވާ ފަރާތެއް ކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއާއި ހަވާލު ކުރުމާމެދު އެއްވެސް އިއުތިރާސެއްނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަން ވާނެ ކަމުގައި ވަނީ ބަޔާން ކޮށްފައެވެ. އެ ސިޓީގައި ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްގެ ކޮޕީއާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެ ކަމުގައި ވަނީ ބަޔާން ކޮށްފައެވެ. މީގެ އިތުރުން ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީ ހުށަހަޅަން ޖެހެއެވެ.

ލޯގޯ ހުށަހަޅަން ބޭނުންވާ ކޮންމެ ފަރާތަކަށް 3 ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިންގ އެ ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް އީ-މެއިލް procurement@krh.gov.mv ‎ އަށް މެއިލް ކުރެއްވުމަށް ވަނީ އެދިލައްވާފައެވެ.

މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 07 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ އީމެއިލް އަށް ފޮނުވައި ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ ހޮސްޕިޓަލުގެ ފޯނު ނަންބަރު 6521665 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.