ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އިއްޔެ ހަވީރުން ފެށިގެން އައްޑޫ އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާއިރު، މިއަދު ހެނދުނު ވެސް ބައެއް ހިސާބުތަކަށް އަންނަނީ ވާރޭވެހެމުންނެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ އައްޑޫ އަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިތަދޫގެ ބައެއް ގެތަކަށް ފެން ވަންނާތީ ވަލިބަސްތާ ވެސް ޖަހާދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ޔެލޯ އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޭޔަރ އަބްދުﷲ ސޯދިގާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ފެން ވަދެ ބޮޑެތި ގެއްލުން ވެގެން މިހާތަނަށް ފަންސާސް ގެއަކުން ވަނީ ކައުންސިލަށް ރިޕޯޓުކޮށްފައެވެ. މިއަދު ހެނދުނުން ފެށިގެން ފެން ބޮޑުވެފައިާ ސަރަހައްދުތަކުން ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިވިއްސާރައިގައި އައްޑޫ އެކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ އިމާރާތުގައި ތަރައްގީކޮށްފައި ހުރި ޓާޝަރީ ހޮސްޕިޓަލުގައިވެސް ފެންބޮޑުވެފައިވެއެވެ.