ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް" ފަށައިފިއެވެ.

މުބާރާތް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ÷ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ކޭޕީއެލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޭޕީއެލް ޓީމްގެ ޖޯޒީ ނަމްބަރު 03 އަލީ މާއިސްއެވެ.

Ad
rt

ރޭ ކުޅުން ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އުރީދޫއާއި ފެނަކައެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އުރީދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 20 ސަމޫން މުޙައްމަދެވެ.

ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިރާގާއި ކޭސީސީއާރުސީއެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ދިރާގުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިރާގު ޓީމްގެ ޖޯޒީ ނަމްބަރު 10 ޔާމީން މުޙައްމަދެވެ.

މިރޭ ވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 20:15 ގައި އާރުޑީސީއާއި ކަސްޓަމްސް ބައްދަލުކުރާއި ދެވަނަ މެޗުގައި 21:15 ގައި ބައްދަލު ކުރާނީ އެސްޓީއޯއާއި ކުލަބް ކޭއާރުއެޗެވެ. ތިންވަނަ މެޗުގައި 22:15 ގައި ބައްދަލު ކުރާނީ އަފީފުއްދީން ސްކޫލުގެ ޓީމާއި ރީޖަނަލް އެއަރޕޯޓް ކޮމެޕެނީގެ ޓީމެވެ.

މިއީ މި މުބާރާތް ބާއްވާ 8 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބާއްވާފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިރާގުންނެވެ.