ރައްޔިތުންގެ މަޖިލިސް "ކޮށާ ކުދިކޮށް"، ދައުލަތުގެ ދެބާރު އެއްބާރަށް ހަދާލިތަން މާޒީގައި ފެނިގެންގޮސްފައިވާ ކަމަށާއި، އެދުވަސް ތަކުރާރުވާކަށް ނޭދޭކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީއަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގް ހުށަހަޅާފައިވާ އިސްލާހާމެދު މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަށްވަމުން ސައުދު ވިދާޅުވީ، އެ އިސްލާޙާއި ގުޅިގެން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ ކޮމްޕޮޒިޝަނާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރަންޖެހޭކަން ޤަބޫލު ކުރަށްވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ މިއަދާ ހަމައަށް އާދެވުނުއިރު، މާޒީގައި ވަނީ ތަފާތު ތަޖުރިބާތަކެއް ކުރަންޖެހިފައި ކަމަށެވެ. އަދި މިއަދު ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ބަދަލުތަކެއް އަންނަމުންދާ މަންޒަރު ތަޖުރިބާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން ދިވެހިރާއްޖޭގެ ފަނޑިޔާރުގެޔާމެދު ކުރާ ޝަކުވާތަކަށް މަޑުޖެހުމެއް އަންނަމުންދާތަން ފެންނަމުންދާ ކަމަށާއި، ފަނޑިޔާރުން ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި ބައިވެރިވެ، ރައްޔިތުންނަށް އެއީ އާންމު ކަމެއްގެ ގޮތުގައި ޤަބޫލުކުރެވި، އެއީ މައްސަލައެއް ނޫންކަމަށް ދެކޭ ދެކުމަށް ވެސް ބަދަލެއް އައިސްފިކަމަށް ސައުދު ވިދާޅުވިއެވެ.

"ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އެކުލަވާލާފައި އޮތް ގޮތަށް ބަލާއިރު، މި ފޯމިއުލާއަކީ އޭގެ ސަބަބުން އެ ފޯމިއުލާ އޮންނަ ގޮތަށް އޮންނަ ކަމަށް ވާނަމަ، މާދަމާވެސް އިއްޔެ ތަކުރާރުވުމުގެ ފުރުސަތު އެބައޮތޭ، ނުބައި ވެރިއެއް، ޚުދުމުހުތާރު ވެރިއެއްގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރާއި، ސަރުކާރު ހިންގުމުގެ ބާރު އަރާ ވަގުތަކީ އިއްޔެ އަނެއްކާ ވެސް ތަކުރާރުވުމުގެ ފުރުޞަޠު އެބައޮތޭ ހުޅުވިފައި،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަބަބާހުރެ އެ ފުރުސަތު ނޯންނަ ގޮތަކަށް ވިސްނުން ގެންގުޅެން ޖެހިފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައި އޮތީ ސިޔާސީ ޕާޓީތައް ސާމިލްވާ، ޑިމޮކްރަސީގެ ސިސްޓަމެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަފާތު ބަދަލު ގެނެވޭނެ ނިޒާމެއްގެ ގޮތުގައި ކަމަށެވެ. އަދި ޤާނޫނުއަސާސީ އިސްލާޙް ކުރެވިފައި އޮތީ، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައިގެން، އެ ދެ އިންތިޚާބުން ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ އިންތިޚާބަކުން އިންތިޚާބުކުރާ ނިޒާމެއްގެ ގޮތުގައި ކަމަށެވެ.

"މި ދެ ބާރު ދައުލަތުގެ ނިޒާމްގެ ތެރޭގައި ޑިމޮކްރަޓިކްކޮށް ހަރަކާތްތެރިވާއިރު، މި ދެ ބާރުން އުފައްދާ ތިންވަނަ ބާރެއްގެ ގޮތުގައި އަދުލުއިންސާފް ކުރުމުގެ ބާރު އޮންނަކަމަށް ވަންޏާ މި ދެބާރުގެ ޝިކާރަކައަކަށް އަދުލުއިންސާފުކުރުމުގެ ބާރު އަންނާނެ ހާލަތު ދިވެހިރާއްޖެއަށް އަދިވެސް ތަކުރާރުވުމުގެ ފުރުސަތު މި ކޮންޕޮޒިޝަން އޮތް ގޮތަށް އޮވެއްޖެކަމަށްވާނަމަ އޮންނާނެ" ސައުދުވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކުނިން، އަޅުގަނޑުމެން އާދޭސްކުރިން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ސިޔާސި ޕާޓީއެއް ހަދާފައިވާ އުސޫލެއްގެ މާއްދާއެއް ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލިސް ކޮށާ ކުދިކޮށްލާފަ، މި މަޖިލީހަކީ ދައުލަތުގެ ދެވަނަ ބާރަކީ، އެއްބާރެއްގެ ގޮތުގައި ވެގެން ދިޔަ ޒަމާން ފެނިގެން ހިނގައްޖެ، އެދުވަސް ތަކުރާރުވާކަށް ނޭދެން" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، މިއަދު ތަޖުރިބާ ކުރަމުން ގެންދަވަނީ ރާއްޖޭގެ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑު ހިފެހެއްޓޭތަން ކަމަށެވެ. މިގޮތުން ފަނޑިޔާރުންނަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ޖޭއެސްސީ ބައްލަވަމުންދާތަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ފަނޑިޔާރުންގެ ޝަރަފާއި، ޢިއްޒަތް ހިފެހެއްޓިގެން ދާތަން ފެނުންކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ރަނގަޅު ބައެއްގެ އަތްމައްޗަށް ބާރުތަކެއް ލިބިއްޖެނަމަ އެ ރަނގަޅު ގޮތުގައި ތަންފީޒުކުރެވިގެން ދާނެކަމަށެވެ.