އަންނަ ހުކުރު ދުވަހު ޅ. މަޑިވަރު އެއާޕޯޓް އަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން މަޑިވަރު އެއާޕޯޓް އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާ ވިދާޅުވީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ.

Ad
rt

އަދި އެއަށްފަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށާއި މަޑިވަރަށް ދަތުރުކުރާ އަގުތަކާއި ދުވަސްތައް މިއަދު ހާމަކުރާނެ ކަމަށެވެ.

1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކޮށްފައިވާ އެއާޕޯޓްއަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއެއާޕޯޓުގެ ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުވެސް ވަނީ ނިންމާފައެވެ.

ގިނަ ރިސޯޓުތަކެއް ހިންގާ ކުރެއްދޫ ހޯލްޑިންގްސްއިން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހިންގާ ބަލަހައްޓަން ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރީ މިދިޔަ މަހުގަ އެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ އެއާޕޯޓުތައް

  • ބ. ދަރަވަންދޫ އެއާޕޯޓު
  • ތ. ތިމަރަފުށި އެއާޕޯޓު
  • ރ. އިފުރު އެއާޕޯޓު
  • ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު

މަޑިވަރު އެއާޕޯޓަށް ދަތުރުތައް ފެށުމުން ވައިގެ މަގުން ދަތުރުނުކުރެވޭ އޮންނާނީ ތިން އަތޮޅެވެ. އެއީ އެއާޕޯޓެއް އަދި ނާޅާ މ. އަތޮޅާއި ފ. އަތޮޅާއި މާލެ ކައިރީގައި އޮންނަ އއ. އަތޮޅެވެ.

މީގެ ތެރެއިން މ. އަތޮޅު މުލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. މި އެއާޕޯޓުގެ އަޅަން 221 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނަނީ މި އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

އަތޮޅުތެރޭގައި ގިނަ އެއާޕޯޓުތަކެއް އެޅުމުގެ ސިޔާސަތަކީ ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން ތަންފީޒުކުރަމުން އަންނަ، މި ސަރުކާރުން ވެސް ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެންމެ ގިނަ އިރުވެގެން 20 މިނިޓު ތެރޭގައި ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮތުމެވެ.