ދުނިޔޭގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ޔޫކޭގައި ކޮންމެ އަހަރަކު ހޮވަމުން އަންނަ ކަނޑު އަޑީގެ އެންމެ ޝަރަފުވެރި ފޮޓޯ މުބާރާތް ކަމުގައިވާ "އަންޑާ ވޯޓާ ފޮޓޯގްރާފާ އޮފް ދަ އިޔާ 2022" އަށް ރާއްޖޭގެ ފޮޓޯއެއް ހޮވިއްޖެ އެވެ.
މިޝަރަފުވެރި ފޮޓޯ ނަގާފައިވަނީ ސްޕެއިންގެ ފޮޓޯ ގުރާފަރެއްކަމަށްވާ ރަފައެލް ފެރްނާންޑޭޒް ކަބަރެއްލޯ އެވެ. އޭނާއަށް ފޮޓޯގްރާފާ އޮފް ދަ އިޔާ ލިބިފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ފެހުރިހީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއަށެވެ.
މި މުބާރާތުގައި މިފޮޓޯ ހިއްސާކުރަން އޭނާ ބޭނުންކޮށްފައިވާ އިބާރާތުގައި ބުނެފައިވަނީ "ޑާންސިންގ ވިތް ދަ ޖަޔަންޓްސް އޮފް ދަ ނައިޓް" އެވެ. މި ފޮޓޯ އިން ފެނިގެން ދަނީ ރޭގަނޑުގެ ވަގުތެއްގައި ރާއްޖޭގެ ކަނޑުން 5 ފެހުރިހީގެ ޚަރަކާތްތައް ދައްކުވައިދޭ މަންޒަރެކެވެ. މިފޮޓޯ ނަގާފައިވަނީ ރާއްޖޭގެ ކޮން ހިސާބަކުން ކަމެއް ހާމަކޮށއފައެއް ނުވެއެވެ.
ފެހުރިއްސަކީ މިޔަރުގެ ވައްތަރެކެވެ. އެންމެ ބޮޑެތި މަހުގެ ވައްތަރުތަކުގެ ތެރޭގައި ފެހުރިހި ގުނާލެވެއެވެ. ބެލެވޭ ގޮތުގައި މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައި އުޅޭ އެންމެ ބޮޑު މަހެވެ. ފެހުރިހި 12 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫން ކަމުން ފެތުންތެރިންނާއި، ފީނުންތެރިން މިބާވަތުގެ މިޔަރާއި ވަރަށް ގައިގޯޅި ވެއެވެ.
ފޮޓޯއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކަބަރެއްލޯ ބުނެފައިވަނީ މިއީ ޝާކް ދިރާސާކުރާ ފަރާތެއްކަމަށްވާ ގާޑޯރ މުންޓަނާ އާއި އެކު ރާއްޖޭގައި ޑައިވިންގ އަށްގޮސް ނަގާފައިވާ ފޮޓޯއެއްކަމަށެވެ. ޑައިވިންގއަށް ގޮސް މިޔަރުތަކަށް ކާން އެޅުމުންވެސް އެހާ ގިނަ އަދަދަކަށް މިޔަރު އަންނާނެކަމަށް ފުރަތަމަ ޤަބޫލު ނުކުރެވޭކަމަށާއި ފުރަތަމަ އައި އެންމެ މިޔަރެއްކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް ފަހުން ގާތްގަނޑަކަށް 11 މިޔަރު އެ ސަރަޚައްދަށް އައިސްފައިވާކަމަށް އޭނާ ކިޔައިދިނެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެއްކަމަކަށްވެސް އޭނާ ބުނެފައިވެއެވެ.

ކަބަރެއްލޯއަށް އެއްވަނަ ލިބިފައިވަނީ 71 ގައުމެއްގެ 4،200 ފޮޓޯގެ ތެރެއިންނެވެ. ތިން ޖަޖުންގެ ޕެނަލްއަކުން ވޯޓުދީގެންނެވެ. ޖަޖުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ދަތުރުފަތުރު ކުރުމަށް މުޅި ދުނިޔޭގައިވެސް ދަތިތައް ހުރިއިރުވެސް ފޮޓޯގްރާފަރުން ދެއްކި ލާމަސީލު ނަމޫނާއެއްކަމަށް ބުނެފައިވެއެވެ. ދަތިތަކާއި އެކުވެސް ފޮޓޯގްރާފަރުންގެ ހުނަރަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
ކަބަރެއްލޯ އަށް މި ޕޮޓޯއަށް އެއްވަނަ ލިބުމާއި ގުޅިގެން އޭނާ ވަނީ މި ފޮޓޯ އާއި ގުޅޭ ވީޑިއޯއެއްވެސް ހިއްސާކޮށްފަ އެވެ.
މި މުބާރާތަކީ 1965 ން ފެށިގެން ޔޫ.ކޭގައި ޖަޖުން ބޭނުންކޮށްގެން ފޮޓޯގްރާފަރުން ހޮވުމަށް ފަށާފައިވާ މަސައްކަތެކެވެ. ފޮޓޯގްރާފަރުން ފޮޓޯނަގާފައިވާ ތަންތަނަށް ބަލާއިރު ކަނޑުގެ އަޑިއާއި ސްވިމިންގ ޕޫލްތަކުގަޔާއި އައްސޭރި ފަށުގެ އިތުރުން ކޯރުތަކުގެ ފޮޓޯތައްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!