ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އުތީމު ބަދަހި ދަތުރު" ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ.
މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ.
ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ.
ކުރީ އަހަރުގެ ދަތުރާއި، މިއަހަރުގެ ދަތުރު ވެސް ގޮސްފައި ވަނީ އުތީމު ކައިރީގައި އޮންނަ އަލިދޫ ފަރު ފަސްގަނޑަށެވެ.

އުތީމުގެ ހަރު އުމުރު ފުރައިގެން ފިރިހެނުނަށް އެކުވެރި މަޖާ ވަގުތުކޮޅެއް ހޯދައިދިނުމަށް ކުރިއަށް ގެންގޮސްފައިވާ މިދަތުރުގައި މިފަހަރު 40 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިފައެވެ. މީގެ ތެރޭގައި 65 އަހަރުންމަތީގެ ފަރާތްތައް ވެސް ހިމެނެއެވެ.
އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ފެށިގެން ރަށުގެ ހުރިހާ ގިންތިއެއްގެ މީހުންނާއި އެކު ކުރިއަށް ގެންދާ މިދަތުރުގައި އެރަށުގެ ޕްރިންސިޕަލް އަބްދުﷲ އިނާޔަތު ވިދާޅުވެފައި ވަނީ މިއީ ކޮންމެ ރަށަކުންވެސް ކުރިއަށް ގެންދަން ވަރަށް ރަނގަޅު ބޭނުންތެރި ހަރާކާތެއް ކަމަށެވެ. މިއީ ވަރަށް ފުރިހަމަ ދަތުރެއްކަން ފާހަގަ ކުރަށްވަމުން، ފިކުރު ތަފާތު ކުރުން އެއްފަރާތްކޮށް މިދަތުރުގައި އެންމެން ލައިގެން އުޅެނީ އެއްވަތަރެއްގެ ޓީޝާޓް ކަމަށްވެސް ޕްރިންސިޕަލް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި މިފަދަ ހަރަކާތްތެއް ކުރިއަށް ގެންދާތީ މިކަން އިންތިޒާމްކުރާ ފަރާތްތަކަށް، ޕްރިންސިޕަލް ވަނީ ޝުކުރު އަދާ ކުރަށްވާފައެވެ.

ބައިވެރިންގެ ޓީޝާޓް ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާއިރު ދަތުރު ގޮސްފައިވާ 4 ދޯނިވެސް ދަތުރުކޮށްދީފައި ވަނީ ހިލޭ ސާބަހަށެވެ.
މިކަން އިންތިޒާމްކުރި ފަރާތްތަކުން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރަށުގެ އަންހެން ބޭފުޅުން ބައިވެރިކޮށްގެން ވެސް މިފަދަ ދަތުރު ތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

އަދި ކޮންމެ އަހަރަކުވެސް މިފަދަ 2 ދަތުރު ކުރިއަށް ގެންދިއުމަށް އިންތިޒާމްކުރާ ފަރާތްތަކުން އަންނަނީ ރާވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!