ށ. ފީވަކު ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
އެކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާއި ފެންސްޖަހާ އަދި ގޯލްފެންސް ޖަހާދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެފަރާތްތަކުން 6 ފެބްރުއަރީ 2022 ގައި އެކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ފެބްރުއަރީ 2022 ގައި އަންދާސީ ހިސާބު ހުށައަޅަން ޖެހެއެވެ.
މިބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ފީވަކު ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި، ޔޫތު މިނިސްޓްރީއާއި ގުޅުންހުރި މަސައްކަތްތައް ބައްލަވާލެއްވުމަށް ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް ވަނީ މި މަހުގެ 25 ވަނަ ދުވަހު އެ ރަށަށް ޒިޔާރަތެއް ކުރަށްވާފައެވެ. އެ ރަށަށް ޒިޔާރަތްކުރެއްވުމަށްފަހު މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު ވިދާޅުވެފައި ވަނީ، ފީވަކު ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް އެ ރަށުގެ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފީވަކު ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލެވިފައިވާކަން ފާހަގަކުރަށްވައި، އެ ދަނޑުގައި އަޅަން ޓާފް ގެނައުމަށް ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށާއި، އަދި ފީވަކު ކަނބަލުން އެދުނުގޮތަށް އައުޓްޑޯ ޖިމެއް އެރަށުގައި ގާއިމުކޮށް ދެއްވާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!