1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަ، ހދ. ކުޅުދުއްފުށްޓަށް އުފަން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޔާސިރު މިގޮތަށް އެދިވަޑައިގަތީ ކުރަށްވާފައި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އިދިކޮޅުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް"، "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތެއްގައި ބޭނުންކޮށްފައިވާ ބޯޑުތަކުގައި ޝަހީދު ޙުސައިން އާދަމްގެ ފޮޓޯ ޖަހާފައި ހުއްޓާ ފެނެއެވެ.
އެ ޓްވީޓްގައި ޔާސިރު ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތަލެއް ކަމަށާއި، އަދި އެއީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަޚުރެއް ކަމަށެވެ.
"ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު" ޔާސިރު ވިދާޅުވެފަވެއެވެ.
ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު pic.twitter.com/nDkBnfzg3s
— Yasir Abdul Latheef (@YasirLathyf) January 28, 2022
ޔާސިރުގެ އެ ޓްވީޓް ހިމަނުއްވައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް" ކަމަށެވެ.
"ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ މި މީހުން ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ، ތިޔަ ކުޅުއްވަނީ އަޅުގަނޑުމެންގެ ލެޔާ" މޭޔަރު ވިދާޅުވެފަވެއެވެ.
3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން 20 އަހަރުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގަތް ޤުރުބާނީއަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެންވާ، ދުވަހަކު ވެސް ފަނޑުވުމެއްނެތް ގުރުބާނީއެކެވެ.
ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!