ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށް ނުވާތީ، އެންޑެމިކް ބައްޔެއްގެ ގޮތުގައި ކޮރޯނާ ވައިރަސް ނުބެލޭނެކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، ކޮރޯނާ ވައިރަސް އަކީ ޕެންޑެމިކް ބައްޔެއްކަމަށާއި އެންޑެމިކް ބައްޔެއްގެ ގޮތުގައި މިބައްޔަށް ފަރުވާ ދެވޭނެ އުސޫލުތަކެއް ޤާއިމް ކުރުމަށް އަދިވެސް އަވަސް ކުމުގައި ބުނެފައިވެއެވެ. 2020 ވަނަ އަހަރުގެ މާޗްމަހުގެ 11 ވަނަ ދުވަހު އެ ޖަމިއްޔާއިން ވަނީ ކޮވިޑް 19 އަކީ ޕެންޑެމިކް ބައްޔެއްކަމަށް އިޢުލާންކޮށްފައެވެ. އަދި ދުނިޔޭގެ ބޮޑު ބަޔަކަށް މި ބަލި ފެތުރިފައިވާކަމަށް އެޖަމިއްޔާއިން ވަނީ އިޢުލާންކޮށްފައެވެ.

Ad
rt

"ޕެންޑެމިކް" މާނަކުރެވޭ ގޮތަށް ބަލާއިރު، "ޕޭން" އަކީ "ހުރިހާ" ކަމަށާއި، "ޑީމޯސް" އަކީ "މީހުންނަށް" ކިޔޭ ބަހެކެވެ. މިއީ ގްރީކްގެ ބަހެވެ. އެގޮތުން ޕެންޑެމިކް އޭ ބުނުމުން އެ ނިސްބަތް ކުރެވެނީ ގިނަ ބަޔަކަށް ޖެހޭ ބައްޔެއްގެ ގޮތުގައެވެ. އަދި "އެންޑެމިކް" މާނަ ކުރެވޭ ގޮތަށް ބަލާއިރު، "އެން" އަކީ "މީހުންގެ ތެރެއިން" ކަމަށާއި، އެންޑެމިކް ބަލިތައް ބެލެވެނީ ވަކި ތަނެއްގައި އުޅޭ ބަޔަކަށް ޖެހިދާނެ ފަދަ ބަލިތަކަށްކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެންޑެމިކް ބަލިތަކުގެ ތެރޭގައި އިންފްލުއެންޒާ، މެލޭރިޔާ އަދި އެޗް.އައި.ވީ ހިމެނޭކަމަށާއި ޕެންޑެމިކް ބަލީގެ ގޮތުގައި 2009 ވަނަ އަހަރު ފެނިފައިވާ އެޗް.ވަން.އެން.ވަން އަދި 1918 ވަނަ އަހަރު ފެނިފައިވާ ސްޕެނިޝް ފްލޫ ވަނީ ހިމަނާފައެވެ.

އެންޑެމިކް ބަލިތަކަކީ ދުނިޔޭގެ ވަކި ރީޖަންއެއްގައި ނުވަތަ ގައުމެއްގައި ދިރިއުޅޭ އާބާދީގެ ތެރޭގައި ފެތުރެމުން އަންނަ ބަލިތަކެވެ. ޕެންޑެމިކް ބަލިތަކަކީ ދުނިޔޭގެ ބޮޑު ސަރަޚައްދެއްގައި ގިނަ ބަޔަކު އެ ބައްޔެއް ތަޙައްމަލު ކުރަމުން އަންނަ ބަލިތައްކަމަށް އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ބަލިތައް ދިރާސާ ކުރާ ސައިންސްވެރިން ބުނާ ގޮތުން ނަމަ، އެންޑެމިކް ބަލިތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަކި ބައްޔެއް ފެތުރެން ފަށުމާއި، އެބަލި ޖެހިފައިވާ މީހުން ދެނެގަނެވޭނެ ގޮތްތައް ހުންނަ ބަލިތައްކަމަށް ފާހަގަކޮށްފައިވެއެވެ. އެންޑެމިކް ބަލިތައް ޖެހޭ މީހުންގެ ތަފާސްހިސާބަށް ބަލާއިރު، އަހަރަކު 1 ބިލިއަން މީހުންނަށް އިންފްލުއެންޒާ ޖެހިފައިވާކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި އަހަރަކު 2 ލައްކައާއި 6 ލައްކަ އާއި ދެމެދުގެ އަދަކަށް އަހަރު އިންފްލުއެންޒާ ޖެހިގެން މަރުވާކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.

އަހަރެއްގެ ތެރޭގައި މެލޭރިޔާ ޖެހިގެން 241 މިލިއަން މީހުން ރިޕޯޓްކޮށްފައިވާއިރު މިބަލީގައި އަހަރަކު 6 ލައްކަ މީހުން މަރުވެފައިވާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.

އެޗް.އައި.ވީ ބަލި ޖެހިފައިވާ މީހުންގެ އަދަދު 37.7 މިލިއަން ގައި ހުރި އިރު، ފާއިތުވި 2020 ވަނަ އަހަރު އެކަނިވެސް 1.5 މިލިއަން މީހުންނަށް އެޗް.އައި.ވީ ޖެހިފައިވާކަމަށް ޑަބްލިޔު.އެޗް.އޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިބަލީގައި އަހަރަކު 6 އަށް ވުރެ ގިނަ މީހުން މަރުވާކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.

މީގެ އިތުރުން އެންޑެމިކް ބަލިތަކުގެ ތެރޭގައި ހިމެނޭ މީސަލްސް، ޓިއުބަކިއުލޯސިސް އަދި ކޮލެރޭ ޖެހޭ މީހުންގެ އަދަދުވެސް ކޮންމެ އަހަރަކު ބިލިއަނަކަށް އަރާކަމަށާއި މިބަލިތައް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަމަށް އެ ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ބަލިތަކުގެ ތެރޭގައި ޓިއުބަކިއުލޯސިސް ޖެހިގެން 1.5 މިލިއަން މީހުން އަހަރަކު މަރުވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އެންޑެމިކް ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށް އެބަލި ޖެހޭ މީހުންގެ ނިސްބަތާއި، ބަލިން ދިފާޢުވުމަށް މީހުންގެ އިމިއުނިޓި ލެވެލް ބޮޑު ރޯލެއް އަދާކުރާކަމަށް ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފައިވެއެވެ. އެގޮތުން ކޮވިޑް 19 ގެ އެކި ވޭރިއެންޓްތައް ތަފާތު ވުމަކީވެސް މިބަލި ފެތުރޭ މިންގަނޑަށް އަންނަ ބޮޑު ގޮންޖެހުމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި ދިފާޢުވުމަށް އެންމެ ބޮޑު ބައެއް އަދާކުރާ ވެކްސިން ފުރިހަމަ ކުރަމުން އަންނަ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފަގީރު ޤައުމުތަކުގެ ނިސްބަތަށް ބަލާއިރު ވެކްސިން ފުރިހަމަ ކުރަމުން އަންނަ ޤައުމުތަކުގެ ނިސްބަތަކީ 5 އިންސައްތަކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ 52 އިންސައްތަކަމަށާއި އެއްވެސް މިންވަރަކަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ގައުމުތަކުގެ ނިސްބަތް 40 އިންސައްތައިގައި ހުރިކަން ފާހަގަކޮށްލެވެއެވެ. އަދި ވެކްސިން އެއްކޮށް ފުރިހަމަކޮށްފައި ނުވާ ގައުމުތަކުގެ ނިސްބަތް ހުރީ 8 އިންސައްތައިގައެވެ.