ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ބަހައްޓާ ވޯޓްފޮށި ބަހައްޓާނީ އިސްކަންދަރު ސްކޫލްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީ.ސީ)އިން ބުނެފިއެވެ.

އިސީން މިއަދު ކުރި އިއުލާނެއްގައި ކޮމަންޑޫ ދާއިރާގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓްފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތައް ވަނީ އާންމުކޮށްފައެވެ.

Ad
rt

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލުމަށް ށ. ފޯކައިދޫ ސްކޫލްގައި 2 ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު ކޮމަންޑޫ އަދި މާލޭގައިވެސް 2 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ކޮމަންޑޫގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި އެރަށު ޕްރީސްކޫލްގައެވެ. މީގެ އިތުރުން މަރޮށި އިޖްތިމާޢީ މަރުކަޒުގައި 1 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ކަނޑައެޅިފައެވެ.

ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ކޮންމެ ރަށެއްގައި 2 ވޯޓްފޮށި ބަހައްޓާނެއެވެ. އެ ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެ 2 ރަށުގެ ސްކޫލްގައެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ 3 ޕާޓީ އަކުންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީން އަބްދުލް ހައްނާނު އިދުރީސް އެވެ.

އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.