ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.
މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކޮށްފައިވާ ތާރީޚަކީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހެވެ. މި މަޝްރޫޢު 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށް ނިންމާފައިވާއިރު، މީގެ އިތުރުން މިސްކިތުގެ ފާޚާނާއާއި، ވުޟޫކުރާ ބައި، ގުދަން އަދި މުއްނާރެއް ހުންނާނެއެވެ. އަދި އަންހެނުނަށް ވެސް ނަމާދުކުރެވޭނެ ގޮތަށް މިސްކިތުގައި އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެއެވެ.
ދިވެހި ދަޢުލަތުގެ 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި، މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ހިރިމަރަދޫގައި މިސްކިތް ޢިމާރާތްކުރުމަށް ނިންމާފައި މިވަނީ މިވަގުތު އެރަށުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، އައު މިސްކިތެއް އެރަށަށް ބޭނުންވެފައިވާތީކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.