ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި "ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސީން ހޯދައިފިއެވެ.
ފީވަކުގެ "ހަކުރު" ޢާއިލާއަށް ނިސްބަތްވާ، ހަކުރު އެފްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ފީވަކު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި، 0 - 4 އިން ކްލަބް ފުއްޓަރު ބަލިކޮށްގެންނެވެ.
ހަކުރު އެފްސީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަޙްމަދު ނިހާން އަދި ހުސެއިން އާދިލް އެވެ. ނިހާން އެ ޓީމަށް 3 ގޯލު ޖަހައިދިންއިރު، ދެން އެޓީމުން ޖެހި ގޯލް ކާމިޔާބުކޮށްދިނީ އާދިލް އެވެ.
އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާނަކީ، ފީވަކު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަލީ ޔާސިރެވެ.
މުބާރާތުގެ ވަނަތައް
- މުބާރާތުގެ ޗެމްޕިއަން ޓީމް: ހަކުރު އެފްސީ
- މުބާރާތުގެ ރަނަރަޕް ޓީމް: ކްލަބް ފުއްޓަރު
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
- ޝާފިއު ސުޢޫދް (ކްލަބް ފުއްޓަރު)
- ހުސެއިން ނަބީހް (ހަކުރު އެފްސީ)
- އަލީ ޝާހިން (ކްލަބް ފުއްޓަރު)
- ހުސެއިން ފާރިސް (ހޫލިގަން އެސްސީ)
- ހަސަން ނިޒާމް (ހަކުރު އެފްސީ)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: އިނާން
މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ހަކުރު އެފްސީގެ މުޙައްމަދު ރަވާޙް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހަމަ އެޓީމުގެ މުޙައްމަދު މުސްޠަފާ ހޮވިފައިވާއިރު، މި މުބާރާތުގެ އެންމެ މޮޅު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޫލިގަން އެސްސީ ގެ ޢަލީ ޝާމް އެވެ.
މި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ކްލަބް ފުއްޓަރުގެ ޝާފިއު ސުޢޫދް ހޮވިފައިވާއިރު އޭނާ ވަނީ މުބާރާތުގައި 13 ގޯލު ޖަހާފައެވެ. މި މުބާރާތުގައި ހޮވި "ފީވަކު ފުޓްސަލް ކިންގް 2021" މަޤާމް ހާސިލްކުރީ ކްލަބް ފުއްޓަރުގެ އަލީ ޝާހިން އެވެ.
ފީވަކު ފުޓްސަލް ކިންގް 2021، ފޮޓޯ: އިނާން
މި މުބާރާތުގެ "ކިންގް އޮފް ދަ ޓޯރނަމެންޓް" އަކަށް ހަކުރު އެފްސީގެ ހުސެއިން ނަބީހް ހޮވިފައިވާއިރު، މި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހޫލިގަން އެސްސީ އެވެ. ހަމަ އެއާއި އެކު މި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ކްލަބް ފުއްޓަރެވެ. މުބާރާތުގެ އެކިއެކި ވަނަތަކުގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް ވެސް ހޮވާފައި ވެއެވެ.
"ކިންގް އޮފް ދަ ޓޯރނަމެންޓް"، ފޮޓޯ: އިނާން
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތަކަށް ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ހަނދާނީ ލިޔުންވެސް ވަނީ އަރުވާފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމް 10000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ އަދި ފެއާރ ޕްލޭ ޓީމް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގެ ވަނަތަކަށް ދިން ފައިސާއަކީ، މި މުބާރާތުގެ މެއިން ސްޕޮންސާކަމަށްވާ ފީވަކުގެ ކުންފުންޏެއްް ކަމަށްވާ ބަލްމާ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީއިން ހުށައަޅާފައިވާ ފައިސާއެވެ. މި މުބާރާތުގެ ކޯ-ސްޕޯންސަރުންގެ ގޮތުގައި އިތުރު 8 ފަރާތެއް ވަނީ ހަރަކާތްތެރިވެފައެވެ. މި މުބާރާތް ރާވާ ހިންގާފައި ވަނީ ފީވަކު ޒުވާނުންގެ ގުޅުންނެވެ.
ޗެމްޕިއަން ޓީމް، ހަކުރު އެފްސީ، ފޮޓޯ: އިނާން
ބަލްމާއަކީ މީގެ ކުރިންވެސް ފީވަކުގައި ހިންގާ ކުޅިވަރާއި، ތައުލީމީ ކަންކަން ފަދަ ހަރަކާތްތަކަށް ދީލަތި އެހީތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށް މަޢުލޫމާތު ލިބިފަވެއެވެ.
ފީވަކު ޒުވާނުންގެ ގުޅުމަކީ 2018 ވަނަ އަހަރު ވުޖޫވިފަހުން ފާއިތުވި ދުވަސްތަކުގައި އެރަށަށް ގިނަ އިޖުތިމާއީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ޙިދުމަތްތަކެއް ކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
ރަނަރަޕް، ކްލަބް ފުއްޓަރު، ފޮޓޯ: އިނާން
އެ ޖަމިއްޔާއިން ނިމިދިޔަ ވަނީ ރަށުގެ ކަނބަލުންނަށް ޙާއްސަކޮށް އެފްޒެޑްޖީ ވިމެންސް ވޮލީބޯލް ޓޯރނަމެންޓް ގެ ނަމުގައި ވޮލީ މުބާރާތެެއް ވެސް ބާއްވާފައެވެ. އަދި އެފް ޒެޑްޖީ ވަންޑޭކަޕްގެ ނަމުފައި ފުޓްސަލް މުބާރާތެއްވެސް މިދިޔަ އަހަރު ބާއްވާފައިވެއެވެ. މީގެ އިތުރުން 2020 ވަނަ އަހަރުވެސް އެފްޒެޑްޖީ ފުޓްސަލް ޗެލެންޖް ގެ ނަމުގައި ފުޓްސަލް މުބާރާތެއް ހިންގާފައިވެއެވެ. މި ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ރަށުގެ ދަރިން ހޯދާ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން އެފްޒެޑްޖީ އެވޯރޑްސް ނައިޓް ގެ ނަމުގައި އިނާމް ދިނުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!