ފްރާންސްއިން ފެނިފައިވާ ކޯވިޑްގެ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ.

B.1.640.2 ގެ ނަމުން ނަން ދެވިފައިވާ އާ ވޭރިއަންޓްއިން 46 ބަދަލެއް ފެނިފައިވާކަމަށާއި، މި ވޭރިއަންޓް ވެކްސިންއަށްވެސް ނުގުޑާކަމަށް ފްރާންސްގެ ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި އިންފެކްޝަންސް އުފުދޭ މިންވަރުވެސް އިތުރުވެފައިވާކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

Ad
rt

މި އައު ވޭރިއަންޓް ދިރާސާ ކުރަމުން އަންނަ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ މި ވޭރިއަންޓް ފެނިފައިވާކަމަށް ރިޕޯޓްކުރެވިފައި ވަނީ އެފްރިކާގެ ހުޅަނގުގައި އޮންނަ ކެމެރޫން އިން 3 ދުވަހުގެ ދަތުރެއްކޮށް ފްރާންސްއަށް އެނބުރި އައިސްފައިވާ އެ ފްރާންސްގެ ރައްޔިތެއްގެ ގައިން ކަމަށެވެ. އަދި މިހާތަނަށް ފްރާންސްއިން މި އައު ވޭރިއަންޓް ޖެހިފައިވަނީ ފްރާންސްގެ ދެކުނުގެ ހިސާބުތަކުން 12 މީހަކަށް ކަމަށް ރިޕޯޓްކުރެވިފައިވެއެވެ.

އަލަށް ފެނިފައިވާ ކޯވިޑް ގެ އައު ވޭރިއަންޓް ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑުކަމަށާއި، 46 ގޮތަކަށް ބަދަލްވަމުން އަންނަ މި ވޭރިއަންޓްގެ އެންމެ ބޮޑު ނުރައްކަލަކީ މި ވޭރިއަންޓް ވެކްސިންއަށް ނުގުޑާކަން ކަމަށްވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ ޞިއްހަތު ޖަމިޔާއިންވެސް ހާމަކޮށްފައިވާ ގޮތުގައި މި އައު ވޭރިއަންޓްއަކީ އަދި މޮނިޓަރިން ކުރެވެމުން އަންނަ ވޭރިއަންޓެއްކަމަށް ހާމަކޮށްފައިވެއެވެ.

ފްރާންސްގެ ސައިންސްވެރިން ބުނާ ގޮތުން ނަމަ، އޮމިކްރޯން ވޭރިއަންޓްގެ ކުރިން ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ވޭރިއަންޓް ދެނެގަނެވި އިތުރު ދިރާސާތައް ކުރެވެމުން އަންނަ ކަން ވަނީ ފާހަގަކޮށްފައެވެ.