ހދ.ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "އުރީދޫ ކޮރަލް ކަޕް 2021" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މީޓިއޯސް ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 05 ޖަނަވަރީ 2022 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ރެޑިޝްއާއި ޓީމް މީޓިއޯސްއެވެ. ފައިނަލް މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މީޓިއޯސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މީޓިއޯސް ޓީމްގެ ޖޯޒީ ނަމްބަރު 12 އަބްދުﷲ ޒުބައިރްއެވެ.
ކުލަބް ކޮރަލްސްގެ ފަރާތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައި ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހާއި 25 ވަނަ ދުވަހާއި ދެމެދު، މަދުވެގެން ފަސް ދުވަހު ކުޅުދުއްފުށީ ކޮރަލް ދަނޑަށް ހަވީރު 16:55 ގެ ކުރިން ކުޅެން ގޮސްފައިވާ ފަރާތްތަކަށެވެ. މި އުސޫލުގެ ބޭރުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް އެ ކުލަބުން ފުރުޞަތު ދިން ނަމަވެސް އެ ގޮތަށް ބައިވެރިވާ ކޮންމެ ކުޅުންތެރިއެގެ އަތުން 300 ރުފިޔާގެ ފީއެއްވަނީ ނަގާފައެވެ.
މި މުބާރާތުގައި 12 ޓީމް ވާދަކުރިއިރު އެ ޓީމް ތަކަކީ އެފްސީ ނަގިލި، ޔެލޯ ކްރެބް، މީޓިއޯސް، ވޮރިއާރސް، ކޭމާޓް، ޔަންގް ބޯއީސް، ތޫ ސެވެން، ރެޑިޝް، ޓީމް ކޮއްބު، މަންތާ، ސްކައި ސްކްރެޕާރގެ އިތުރުން ޓޫ ޒީރޯއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ނިމުމާއިއެކު ރޭ ވަނީ މުބާރާޔުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސް ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔމާއި މެޑަލް ހަވާލުކޮށްފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ މީޓިއޯސް ޓީމްގެ ޖޯޒީ ނަމްބަރު 07 އަހްމަދު ދާއޫދާއި، އެ ޓީމްގެ ޖޯނީ ނަމްބަރު 30 އަންވަރު އާދަމްގެ އިތުރުން އެ ޓީމްގެ ޖޯޒީ ނަމްބަރު 12 އަބްދުﷲ ޒުބައިރުއެވެ. ދެން މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ ރެޑިޝް ޓީމްގެ ޖޯޒީ ނަމްބަރު 11 އަލީ ރިޒާއާއި އެ ޓީމްގެ ޖޯޒީ ނަމްބަރު 10 އަހްމަދު އާދަމެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަށް މީޓިއޯސް ޓީމްގެ ކީޕަރ ސައިފުﷲ ހަސަން ހޮވިފައިވާއިރު، 40 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރެޑިޝް ޓީމްގެ ޖޯޒީ ނަމްބަރު 42 ހުސެއިން ޤާސިމްއެވެ. މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރެޑިޝް ޓީމްގެ ޖޯޒީ ނަމްބަރު 22 ހަސަން ރައިހާން މުޙައްމަދެވެ. މުބާރާތުގައި ނުވަ ގޯލް ޖަހައިގެން، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައި ވަނީ ރެޑިޝް ޓީމްގެ ޖޯޒީ ނަމްބަރު 10 އަހްމަދު އާދަމެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ވޮރިއާރސް ޓީމްގެ ޖޯޒީ ނަމްބަރު 09، އިބްރާހީމް ހުސެއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ މީޓިއޯސް ޓީމްގެ ޖޯޒީ ނަމްބަރު 7 އަހްމަދު ދާއޫދެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއަކީ އުރީދޫއެވެ. ކޯ-ސްޕޮންސާރސްގެ ތެރޭގައި ހިމެނެނީ އައިވެލް ޕޯޓްރެއިޓް، ސިޓީ ގަރާޖު، މާޒިޔާ ޓްރޭޑް، އޯބީ، ސެވެންޓީސް، ހެއިޓެން، ޑަބްލިޔު ސްޕޯޓްސް، ހެޕީމާކެޓް، ކިންގް ފިޝާ2، ފުއްކަށި، ފެމިލީ ބޭކަރީ، ފެޝަންވޭ، ކާނިވަލް، މޫސުން7، ފެހިދޫލަ، މޯލްޑިވިއަން، ވިލާ ކޮލެޖް، ފްރޮންޓްލައިން، ޖޭކޭ ކޮސްމެޓިކްސް، ކޫލް އިންކްގެ އިތުރުން ޕްލޭ ގްރައުންޑެވެ. ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށާއި، މުބާރާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ކުލަބް ކޮރަލްސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކުލަބް ކޮރަލްސް އަކީ 2015 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!