އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެނީ އޭއެސްޕީ ސްޓޫޑިއޯއިން

Ihavandhoo bandharu design

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދިނުމުގެ މަސައްކަތާ އެރަށުގެ އޭ.އެސް.ޕީ ސްޓޫޑިއޯއިން ހަވާލުވެއްޖެއެވެ.

އެ މަސައްކަތް އޭ.އެސް.ޕީ ސްޓޫޑިއޯއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް "ތިލަދުން"އަށް ވިދާޅުވީ، އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމައި، ކައުންސިލާ ހަވާލުކުރާގޮތަށް އެއްބަސް ވެވިފައިވާ ކަމަށެވެ.

ހިލޭ ސާބަހަށް މި މަސައްކަތް ކޮށްދެއްވުމަށް އެރަށުގެ އޭ.އެސް.ޕީ ސްޓޫޑިއޯއިން ހަވާލުވެފައިވާތީ، ޞަބާޙް ވަނީ އެކަން ފާހަގަ ކުރަށްވާ އެ ސްޓޫޑިއޯއަށާއި، އެ ސްޓޫޑިއޯގެ ވެރިޔާ ޢަލީ މާޙިރަށް ޝުކުރު ދަންނަވާފައެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމަށް ހަވާލުކޮށްފައިވާއިރު، އޭގެތެރޭގައި ރަސްމީ ފާލަން، ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް އަދި ބަނދަރު ފެހިކުރުމަށް ގަސް އިންދުން ފަދަ ކަންކަން ހިމެނިފަވެއެވެ.

މީގެއިތުރުން ކޮމާރޝިއަލް އޭރިޔާ ( ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް )، ވިޔަފާރި ގުދަންތައް، ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތް، ބަނދަރު އޮފީސް އަދި މީހުން އިށީނުމަށް ހަޓް / ބެންޗުތައް ހުނާނެ ގޮތް ވެސް އެ ޑިޒެއިން ތެރޭގައި ހިމަނާފަވެއެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި