ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށީ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ 09 ޖަނަވަރީ 2022 ގެ ނިޔަލަށް ކުޅުދުއްފުށީގައި ޤާއިމުވެފައިވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

އެ ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރިކަން އުފެއްދުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުޞަތު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދީ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމަށް ފުރުޞަތު ހުޅުވާލަދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.

މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ޒިގްޒެގް ފޯ ޔޫތު ލިންކޭޖްގެ ޗެއާމަން އަޙްމަދު އަބްދުﷲ ވިދާޅުވެފައި ވަނީ މިއީ އެ ޖަމިއްޔާއިން މި މުބާރާތް ބާއްވާ 8 ވަނަ ފަހަރު ކަމަށެވެ. ފާއިތުވެދިޔަ މުބާރާތްތަކަކީ ވެސް ގިނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ޓީމްތަކުން ބައިވެރިވެ ވަރަށް ބޮޑު ތަރުހީބާއި އެކު ކުރިއަށް ގެންދެވިފައިވާ މުބާރާތްތަކެއް ކަމަށެވެ.

މި މުބާރާތުގައި އޮފީހަށް ނުވަތަ ކުންފުންޏަށް ނިސްބަތްނުވާ އެއް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ފުރުޞަތު ކޮންމެ ޓީމަކަށް ވެސް ދީފައިވާއިރު، އެއީ މުބާރާތް ފޯރިގަދަކޮށް މުބާރާތުގައި މޮޅެތި ކުޅުންތެރިން ފެނުމުގެ ފުރުޞަތު ފަހި ކުރުމުގެ ގޮތުން ދީފައިވާ ފުރުޞަތެއްގެ ގޮތުގައި އަހްމަދު ވަނީ ފާހަގަ ކޮށްފައެވެ.

އަހްމަދު އިތުރަށް ވިދާޅުވެފައި ވަނީ މި މުބާރާތާއިގުޅޭ ޓެބެއް ކުލަބް މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން އިންނާނެ ކަމަށާއި، އެ ޓެބް މެދުވެރިކޮށް މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ މަޢުލޫމާތު ވެސް ބަލައިލެވޭނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން 2500 (ދެހާސް ފަސްސަތޭކް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭއިރު، މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމާއެކު ރުފިޔާ ޖަމާކުރި ބޭންކް ސްލިޕް އެ ޖަމިއްޔާގެ މެއިލް އެޑްރެހަށް މެއިން ކުރެއްވުމަށް ވަނީ އެދިލައްވާފައެވެ.

ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަކީ 2010 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެއިލް އެޑްރެސްއަކީ zigzag4youthlinkage@gmail.com އެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ނަމްބަރުތަކަށް ގުޅުއްވުމަށް އެ ޖަމިއްޔާއިން ވަނީ އެދިލައްވާފައެވެ.

7938817 , 9133366 , 9988272