މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ވިދާޅުވީ، އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް 30 އޭޕްރީލް 2022 ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސީ އެފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދެން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
އެގޮތުން ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 ން މެންދުރު 12:00 އަށް އެމިނިސްޓްރީގެ ރިސެޕްޝަނުން ނަގުދު ފައިސާއިން ބަލައިގަންނާނެއެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުންކުރަމުންދާ ބަނޑޭރި ޕޯޓަލް އިން ވެސް ފައިސާ ބަލައިގަންނަމުން ދާނެއެވެ.
ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން https://bandeyripay.finance.gov.mv މި ލިންކްއަށް ކްލިކް ކޮށްލެވުމުން ބަނޑޭރިޕޭ ޕޯޓަލްއަށް ވަދެވޭނެއެވެ.