ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހއ. ދިއްދޫއަށް ގެންދިޔުމާއެކު އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ދަންމަރަށް މަރުޙަބާ ކިޔުމަށް ދިއްދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދިއްދޫއަކީ މި ދަންމަރު ގެންދިޔަ ތިން ވަނަ ރަށެވެ. އިއްޔެ ހދ. ގެ ދެރަށް ކަމަށްވާ ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށް ވެސް ވަނީ ދަންމަރު ގެންގޮސްފައެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ.

Ad
rt

ކޮމަންވެލްތު ގޭމްސްގެ ދަންމަރު ރަސްމީކޮށް ދިއްދޫއަށް ގެންދިޔައީ މިއަދު މެންދުރުފަހު 2 ޖަހާކަށްހާއިރުއެވެ. އެ ހަރަކާތަށް ދިއްދޫގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު މި ހަރަކާތް ސިފަކުރެއްވީ ދިއްދޫއަށް އައި ކުޅިވަރުގެ ޢީދެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ މިއީ ދިއްދޫއަށް ލިބިގެންދިޔަ ޝަރަފެއްކަމަށާއި، ރައްޔިތުން ތިބީ ޤައުމީ ރޫހެއްގައި ވަރަށް ޖޯޝާއި، ފޯރީގައި ކަމަށެވެ.

"މިއީ ދިއްދޫގެ ތާރީޚްގައި ވެސް މިފަދަ ދަންމަރެއް ގެނެވޭ ފުރަތަމަ ފަހަރު، މުޅި ދިއްދޫން ވަނީ ދަންމަރަށް މަރުޙަބާ ކިޔާފައި، އަޅުގަނޑުމެން މިތިބީ ގައުމީ ރޫހެއްގައި ވަރަށް އުފަލުން" ރަޝީދު ވިދާޅުވިއެވެ.

ދަންމަރު ހިފައިގެން ކުރިއަށް ގެންދާ ދުވުން ފަށާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ އިޖްތިމާއީ މަރުކަޒު ކައިރިންނެވެ. އަދި ދަންމަރަށް މަރުޙަބާ ކިޔުމާއެކު ދިއްދޫގައި ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ރާވާފައެވެ.

މިގޮތުން ދިއްދޫގެ ހުޅަނގު އުތުރު ފަސްގަނޑު ސަރަޙައްދުގައި ހަވީރު 16:00ގައި ޚާއްޞަ ކުޅިވަރުތައް ވެސް ފެށިގެން ދާނެއެވެ. މި ކުޅިވަރުތަކުގެ ތެރޭގައި ބޮއްކުރާ ރޭސް، ވޯޓަރ ޕޯލޯ، ފެތުމުގެ ރޭސް އަދި މޫދު ކަސްރަތު ކުރިއަށް ގެންދާނެއެވެ.

ފޮޓޯ: އޮލިމްޕިކްސް ކޮމެޓީ

ދަންމަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ޚާއްޞަ އައިޓަމެއް ހުށަހަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އޮންނާނީ ވެސް ދިއްދޫގެ ހުޅަނގު އުތުރު ފަސްގަނޑުގައި ހަވީރު 17:45 ގައެވެ. އެއަށްފަހު ދަންމާރާއެކު ފޮޓޯ ނެގުން ވެސް އެތަނުގައި އޮންނާނެއެވެ.

ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ދަންމަރަށް މަރުޙަބާ ކިޔުމަށް ވަމުންދާ ތައްޔާރީ ތެރެއިން ދިއްދޫ ކައުންސިލާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީ ގުޅިގެން މިއަދު ހެނދުނު ވަނީ ދިއްދޫ މޫދަށް އެރޭ ސަރަޙައްދު ސާފުކޮށްފައެވެ. މިކަމުގައި ބައިވެރިވި ދަރިވަރުންނަށް ތިމާވެއްޓާއިބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ބޭރުގެ ކަމާބެހޭ މާހިރުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. އަދި މިހަރަކާތުގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން އެރަށަށް ވަނީ ޑަސްބިން ވެސް ހަދިޔާ ކޮށްފައެވެ.

ފޮޓޯ: އޮލިމްޕިކްސް ކޮމެޓީ

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިނގިރޭސި ވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ 72 ޤައުމަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާއިއެކު އޮންނަ ގުޅުމެވެ.

މި ގޭމްސް 28 ޖުލައި 2022 އިން 08 އޯގަސްޓް 2022 ގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބަރމިންގހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކްއީންސް ބެޓަންގެ ތާރީޚީ މުޅި ދުނިޔެ ވަށާ ޖެހުމަށް ފަހު ނިންމާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 28 ވަނަ ދުވަހުއެވެ.