ރާއްޖޭން ބޭރަށް ދާ މީހުންގެ އަތުން އިއްޔެއިން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ.

ޑިޕާޗާ ޓެކްސް އަކީ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޓެކްސް ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. މި ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގައެވެ.

Ad
rt

މި ޓެކްސް ގާނޫނުގައި ބުނެފައިވާގޮތުގައި އެއާޕޯޓް ސާވިސް ޗާޖު ނެގުން ހުއްޓާލާނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި ޑިޕާޗާ ޓެކްސް ނަގަން ފަށާނީ ޖެނުއަރީ އެއްވަނަ ދުވަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއާޕޯޓް ސާވިސްޗާޖު ހުއްޓާލައި ޑިޕާޗާ ޓެކްސް ނެގިނަމަވެސް އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިން އަތުން ނަގާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ބިދޭސީން އަތުން ނަގާ ޓެކްސް އިތުރުވާނެއެވެ.

ޑިޕާޗާ ޓެކްސް ބަހާލާފައިވާ ގޮތްތަށް:
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު.

- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު.

- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު.

- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު.