ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، މި ފެށުނު އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި އުތީމުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އާ އަހަރުގެ ކަލަންޑަރެއް ހަދިޔާކޮށްފިއެވެ.
މިގޮތުން އިއްޔެ ހަވީރު އެ ކޮމެޓީން ވަނީ އެރަށުގެ މީހުން ދިރިއުޅޭ 128 ގޭބިސީއަކަށް އާ އަހަރުގެ ކަލަންޑަރު ހަދިޔާ ކޮށްފައެވެ.
މީގެއިތުރުން އެރަށުގެ ހަތަރު މިސްކިތަށާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އެރަށުގައި ހިންގަމުންދާ ޤުރުއާން ކިލާހަށް ވެސް އެ ކޮމެޓީން ވަނީ ކަލަންޑަރު ހަދިޔާކޮށްފައެވެ.
އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ނައިބު ރައީސާ، އައިޝަތު ޒަބީނާ ''ތިލަދުން"އަށް ވިދާޅުވީ، އެ ކޮމެޓީގެ ފަރާތުން މިއަދު އެރަށުގެ ގޭބިސީތަކަށް ހަދިޔާކުރި ކަލަންޑަރުތައް ބެހުމުގައި ހަރަކާތްތެރިވީ އެ ކޮމެޓީގެ މެންބަރުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކޮމެޓީތަކަށް މި އޮންނަނީ ވަރަށް ކުޑަބަޖެޓެއް، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވީ ކުޑަވެސް ނަމަ ހަދިޔާއެއް އާ އަހަރާއިދިމާކޮށް ރައްޔިތުންނަށްދޭން" ޒަބީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަމަށް ހިނގި ޚަރަދުގެ ފަންސާސް އިންސައްތައަކީ ކޮމެޓީން ހޯދި ސްޕޮންސާއިން ހަމަޖެއްސި ފައިސާ ކަމަށެވެ.
ބަޖެޓްގެ ތާށިކަމާހެދި ކޮމެޓީގެ ހަރަކާތްތައް ހިންގުމަށް ދަތިކަން ހުރުމުން އެ ކޮމެޓީ މެންބަރުން އިސްނަގައިގެން ކޮމެޓީއަށް އިންކަމް ލިބޭނެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!