މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި ބެޑްމިންޓަން ތަޢާރަފް ކުރުމުގެ ގޮތުން "ޝަޓަލް ޓައިމް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި ނޫމަރާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ބެޑްމިންޓަނަކީ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވުމާއެކު، އެ ކައުންސިލާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން އުމުރުން 6 އަހަރާއި 50 އަހަރާއި ދެމެދުގެ ދެޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް "ޝަޓަލް ޓައިމް" ގެ ނަމުގައި ބެޑްމިންޓަން ތަޢާރަފް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 30 ޑިސެންބަރު 2021 އިން ފެށިގެން 01 ޖަނަވަރީ 2022 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެނކުރިން، އެ ކައުންސިލްގެ ސްޕޯޓްސް ކައުންސެލަރ އަހުމަދު ރިޒާން 9925805 ނަމްބަރާއި ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވަނީ ބެޑްމިންޓަން އޭޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ޝަޓްލް ޓައިމް ކޯޑިނޭޓަރެވެ.