މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުން: އަލީ ޒާހިރު

Ali Zahir

މިސަރުކާރާއި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހާޒިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާއި ގުޅުން އުފައްދައި، ގުޅުން ބަދަހިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ރާއްޖެއަކީ ފެށުނީއްސުރެ ބެލެންސް ހާޒިރިޖީ ސިޔާސަތެއް ގެންގުޅެމުންއައި ގައުމެއްކަމަށެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހަކު އެކަށަހަޅުއްވާ އެއްޗެއް ގޮތުގައި ގާނޫނުއަސާސީގައި ބަޔާންވެފައި އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެހެންކަމާއެކު މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ޞާލިޙްގެ ހާރިޖީ ސިޔާސަތަކަށްވީ ރާއްޖެ އަބަދުވެސް ގެންގުޅެމުންއައި ހާރިޖީ ސިޔާސަތު ކަމަށެވެ.

"މާނައަކީ ދުނިޔޭގެ ހުރިހާ ގައުމުތަކާވެސް، އަޅުގަނޑުމެންނާ އަވަށްޓެރި، އަޅުގަނޑުމެންނަށް ހެޔޮއެދޭ އަޅުގަނޑުމެންނާ ދުރުވިޔަސް އަޅުގަނޑުމެންނާ އެކިގޮތްގޮތުން ގުޅުންތައް ގާއިމުވެފައިވާ ގައުމުތަކާއެކުގައި އެގުޅުންތައް އެގޮތުގައި ދެމެހެއްޓުމަށް" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހި ރާއްޖެ ވަނީ ވަރަށް ބޮޑަށް ދުނިޔޭގެ މަޝްރަޙުން ބާކީ ވެފައި ކަމަށެވެ. ދޭދޭ އަވަށްޓެރި ޤައުމުތަކާއި އަދި ބައިނަލްއަޤްވާމީ އެހެނިހެން ޤައުމުތަކާއި ވެސް ރާއްޖެ އޮތީ އެކަހެރިވެ ފެޔަށް ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ (އޭރުގެ) ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ ވަރަށް ހަނި މިސްރާބަކާ ދިމާއަށް، އޭގެސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ދަތިތައް ފޯރަމުން ދިޔަކަންވެސް ފާހަގަކޮށްލަން، މިދެންނެވި ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންހުރި ވަރަށްގިނަ ފުރުޞަޠުތައް ވެސް ގެއްލިގެން ގޮސްފައިވޭ، ތައުލީމީ ފުރުޞަޠުތައް ކަމަށް ވިޔަސް އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި މިބާވަތުގެ އެހެންކަންކަން ކަމުގައި ވިޔަސް" އަލީ ޒާހިރު ވިދާޅުވިއެވެ.

ކޮމަންވެލްތަކީ އެތައް ގައުމުތަކެއް "އެއްހިޔާވަހިކަމެއްގެ" ދަށުގައި، "އެއްކުޑައެއްގެ" ދަށުގައި ގުޅިގެން މަސައްކަތްކުރަމުންދިޔަ އިއްތިހާދެއްކަމަށާއި، ނަމަވެސް ވޭތުވެދިޔަ ސަރުކާރުން ކުއްލި ގޮތަކަށް ރާއްޖެ، ކޮމަންވެލްތުން ވެސް ވަކިވެ ގުޅުން ކަނޑާލިކަމަށް އަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހިތުން އަދި ދުވަސްކޮޅެއް ފާއިތުވިނަމަ އދ. އިން ވެސް އަޅުގަނޑުމެން ވަކިވާ ހިސާބުގައި އޮންނާނީ، އެހެންނަމަވެސް އަޅުގަނޑުމެންގެ މި ސަރުކާރު އައުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ދުނިޔޭގެ ވީހާވެސް ގިނަ ޤައުމުތަކާއި ގުޅުން ބަދަހިކޮށް ޚާއްޞަކޮށް އަޅުގަނޑުމެންގެ އަވަށްޓެރިންނަށް، އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ފަރާތްތަކާވެސް އެ ގުޅުން ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދިޔަ" އަލީ ޒާހިރު ވިދާޅުވިއެވެ.

އެ ސަރުކާރުގެ ދުވަސްވަރު އަވަށްޓެރި އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިކަމަށާއި، އަދި ބައެއް އަރަބި އިސްލާމީ ޤައުމުތަކާއި ވެސް އެ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާއި ގުޅުން ކެނޑިގެން ދިޔަކަމަށް އެނާ ފާހަގަ ކުރެއްވިއެވެ. އަދި ޔޫރަޕާއި އެމެރިކާއިއެކު ރާއްޖެއިން ދަމަހައްޓަމުންއައި ގުޅުން ވެސް ވަރަށްބޮޑުތަން ހަނިވެގެން ދިޔަކަމަށް ވެސް ވިދާޅުވިއެވެ.

"މިސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ޤައުމުތަކާ ގުޅުން ގާއިމުކުރުން، ގުޅުން ބަދަހިކުރުން، އެކަމުގެ ފައިދާ ފެނިގެން އެދިޔައީ ކޯވިޑްގެ ދަތި ނުރައްކާތެރިކަމުގެ ހާލަތުގައި، މުޅި ދުނިޔޭން އަޅުގަނޑުމެންގެ ކޮންމެ ގޮވާލުމަކަށް ދެމުން ގެންދިޔަ އިޖާބަ" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވަނީ ކޯވިޑްގެ ހާލަތުގައި ވެސް އަވަށްޓެރި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަ ކުރަށްވާކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަކުން ތަފާތު އެކި ގޮތްގޮތަށް ރާއްޖެއަށް އެހީތެރިކަން ލިބިގެންދިޔަކަމަށާއި، މި ސަރުކާރުގެ ހާޒިޖީ ސިޔާސަތުގެ އެންމެބޮޑު އަސާސަކީ އެއީކަަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މަގާމުގެދަހިވެތިކަމުގާވެސް ދޮގުގާ ކުރިނުޖައްސަބަލަ ކުރިޖަހަމުންޖަހަމުން ގަސްފުޅާވެގެންގޮސް އެހެންކަންޕިތާނަކަން ނުވަދެވޭވަރަން މޫލާގެންގޮސް ގަސްފުޅާވެދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި