ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސެވިއްޔާއިންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި ރަކިޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕާޕޫ ގޮމޭޒްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑެމްބެލޭ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑް އަރައުހޯއެވެ.
މެޗުގެ ބޮޑުބައިގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި ސެވިއްޔާގެ ޖޫލްސް ކޫނޑޭއަށް ރަތްކާޑް ދެއްކުމާއި ގުޅިގެން މެޗުގެ ފަހުބައިގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާއަށް ރަތްކާޑް ދައްކާފައި ވަނީ ބާސާގެ ޖޯޑީ އަލަބާގެ މޫނުމަތީގައި ބޯޅައިން ޖެހުމުގެ ސަބަބުންނެވެ.
މެޗުގެ ފަހުކޮޅުގައި ބާސާއަށް ވަނީ މެޗުން މޮޅުވުމަށް ރަނގަޅު ފުރުޞަތުތައް ލިބި ބޭނުން ނުކުރެވިފައެވެ. މިގޮތުން ބާސާގެ ގަވީއަށް ލިބުނު ހުސް ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައިރު، މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޑެމްބެލޭ ފޮނުވާލި ހަމަލާ އަމާޒުވީ ސެވިއްޔާގެ ގޯލުގެ ދަނޑިއަށެވެ.
މި ނަތީޖާއާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ. ބާސާއަށް ލީގުގައި ކުޅުނ 18 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.
ސެވިއްޔާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.
އެއްވަނާގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!