ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް މިއަދު ހުޅުވައިފިއެވެ.

މި ޖިމަކީ މިނިސްޓްރި އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްދީފައިވާ ޖިމެކެވެ.

Ad
rt

މި ޖިމް ހުޅުވައިދެއްވައި، މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރު އަދި އިޖުތިމާއީ ޚިދުމަތްތެރިއެއްކަމަށް އަބޫބަކުރު ހުސެން (ޕެލޭ) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕެލޭ ވަނީ ކޮމިއުނިޓީ ޖިމަކުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ، ސަރުކާރުން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ކުޅުދުއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި، ހިންގަން ރާވާފައިވާ ޕްރޮޖެކްތަކުގެ ތެރެއިން ސިންތަޓިކް ޓްރެކް، ސްޕޯރޓްސް ކޮމްޕްލެކްސް އަދި އައުޓްޑޯ ވޮލީކޯޓް ގާއިމުކުރުމަށް ބަޖެޓްކުރެވިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށާއި، ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފަށް ޝުކުރު އަދާކުރަށްވާފައެވެ.

މިއަދު ރަސްމީކޮށް ހުޅުވާފައިވާ ކޮމިއުނިޓީ ޖިމްގެ ހިދުމަތް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ 05:30 އާއި 23:00 އާ ދެމެދު، ޖިމްގެ މެމްބަރުންނަށް ލިބިގެންދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ.

މި ޖިމް މެމްބަރަކަށް ވުމުގެ ފުރުސަތު 16 އަހަރުން މަތީގެ ކޮންމެ މީހަކަށް ހުޅުވާލާފައިވާއިރު، ޖިމް ބޭނުންކުރުމުގެ މެންބަރޝިޕް ފީ މަންތްލީކޮށް ދައްކާނަމަ ފީއަކީ މަހަކަށް 200 ރުފިޔާއެވެ. އަހަރަކަށް އެއްކޮށް ދައްކާނަމަ ދައްކަން ޖެހެނީ 2000 ރުފިޔާއެވެ.

ކޮމިއުނިޓީ ޖިމްގެ ހިދުމަތް ބޭނުންކުރަށްވާ ފަރާތްތަކުން ތަނުގެ ސާފުތާހިރުކަމަށާއި، ތަކެއްޗަށް ގެއްލުންނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އަދި ޖިމް ބޭނުން ކުރުމުގެ އުސޫލާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިލަތިމާސްކުރައްވާފައެވެ.