ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގޮތުގައި ށ. ބިލެތްފަހި ޕްރޮމޯޓް ކުރުމަށް ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުސަތު ބިލެތްފަހީ ކައުންސިލުން ހުޅުވާލައިފިއެވެ.
މިގޮތުން ބިލެތްފަހި ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލުން ކަނޑައަޅާ މިންގަޑުތަކާއި ހިމަނަން ބޭނުންވާ ސިފަތަކާއި އެކު މިއަދުން ފެށިގެން ރަސްމީ ބަންދުނޫން 07 ދުވަސް ތެރޭގައި ލޯގޯ ފަރުމާކޮށް އެ ކައުންސިލަށް ހުށައެޅުމަށް ފުރުސަތުހުޅުވާލާފައެވެ.
ބިލެތްފަހި ކައުންސިލުން ހިޔާރުކުރާ އެންމެ ރީތި، ރަނގަޅު ލޯގޯއަކަށް އިނާމެއް ދޭގޮތަށް ނިންމާފައިވާއިރު، ލޯގޯ ހުށައަޅަން ޖެހެނީ އެ ކައުންސިލްގެ މެއިލް އެޑްރެސް info@bilehfahi.gov.mv އަށް މެއިލްކޮށްގެންނެވެ.
ލޯގޯގެ ކުލާގެ ގޮތުގައި ބިލެތްފަހި ކައުންސިލުން ފާސްކޮށްފައި ވަނީ ބަލާލަން ފަސޭހަ ކުލަ ފެނުމުން ވެސް އެލޯގޯއަށް ޝައުގުވެރިކަން ދަމާގަންނަ ފަދަ ރީތި ކުލައަކަށެވެ. ނަމަވެސް ލޯގޯގައި ގުދުރަތީ ތަންތަނާއި ތަކެތި އެ ތަކެތީގެ ކުލައިގާ ރަމްޒުކުރުން މައްސަލައެއް ނެތްކަމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ލޯގޯގެ ތީމް ވާންވާނީ، ޓޫރިޒަމްގެ ދާއިރާއާއި ގުޅޭ، ބިލެތްފަހީގެ ގުދުރަތީ ރީތިކަން ފެންނަ ފަދަ ލޯގޯއަކަށް ކަމަށް ކަނޑައަޅާފައިވާއިރު، އަދި ލޯގޯ ފަރުމާކުރުމުގައި ބިލެތްފަހީގެ ސަގާފީވަންތަކަމާއި ދިވެހިވަންތަކަމަށް އިސްކަންދޭންވާނެ ކަމަށް ބިލެތްފަހި ކައުންސިލުން ވިދާޅުވެއެވެ.
މިލޯގޯގެ ސޮލޯގަންއަކަށް ވާންވާނީ ކިޔާލަން ފަސޭހަ ރަށާއި ގުޅޭ ސޮލޯގަންއަކަށް ކަމަށާއި، ލޯގޯގައި ނަންޖެހުމުގައި އިނގިރޭސި އަކުރުން ލިޔުމުގައި ކެޕިޓަލް އަކުރު ބޭނުންކުރުން މައްސަލައެއް ނެތް ކަމަށް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
މި ލޯގޯ ފަރުމާކުރުމާބެހޭ އެންމެހާ ތަފްސީލެއް އެކަމަށް އެކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ހިމަނާފައިވާއިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިލެތްފަހި ކައުންސިލުން ކަޑައަޅާ މިންގަޑުތަކާއި ހިމަނަންބޭނުންވާ ސިފަތަކާއި އެކު 07 ދުވަސްތެރޭގައި ލޯގޯ ފަރުމާކޮށް އެ ކައުންސިލަށް ހުށައެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މީގެއިތުރުން އެ ކައުންސިލުން ވަނީ އެކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތުވެސް މިއަދު ހުޅުވާލާފައެވެ.
ބިލެތްފައްސަކީ ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށެކެވެ.