"ހުސެން އަކީ ދާއިރާގެ ތަރައްގީގެ މޭސްތިރި، ފޯކައިދޫގެ ތަރައްޤީގެ ބާނީ"

MP Husssain Waheed-foakaidhoo

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، އަލްމަރުހޫމް ޙުސައިން ވަޙީދަކީ، ދާއިރާގެ ތަރައްގީގެ މޭސްތިރިކަމަށާއި، އަދި ފޯކައިދޫ ގެ ތަރައްޤީގެ ބާނީކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހުސެން ނިސްބަތްވެ ވަޑައިގަންނަވަނީ ފޯކައިދޫއަށެވެ.

މެންބަރު ޙުސައިން ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރު އަވަހާރަވެފައެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ވެސް ވަނީ ދަރުވާ ހޯއްދަވާފައެވެ.

ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ އިއްޔެ މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ.

ހުސައިން އަވަހާރަވުމާއިގުޅިގެން ފޯކައިދޫ ކައުންސިލުން ފޮނުއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ، ޙުސައިން އަކީ ފޯކައިދޫ އަދި ކޮމަންޑޫ ދާއިރާގެ އިތުރުންވެސް ށ. އަތޮޅަށާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް އެކިއެކި ރޮނގުތަކުން އަގުނުކުރެވޭފަދަ ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އަލްމަރުހޫމް ހުސައިން ވަހީދަކީ މިއަދު ކޮމަންޑޫ ދާއިރާ އަދި ހާއްސަކޮށް ފޯކައިދޫ ދެކެމުން މިދާ ކުރިއެރުމާއި ތަރައްޤީގެ އެންމެ އިސް މޭސްތިރިއެވެ. ފޯކައިދޫ ގެ ތަރައްޤީގެ ބާނީއެވެ. އެ މަނިކުފާނު ނިޔާވުމަކީ މުޅި ދާއިރާގެ އެންމެހާ ރައްޔަތުންނަށް ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ." ފޯކައިދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

ހުސެން އަވަހާރަވި ހިތާމަވެރި ހަބަރު އަޑު އެއްސެވީ ނުހަނު ފުން ހިތާމައާއެކުގައިކަމަށާއި، ހުސެން ވަކިވެދިޔަ ކަމުގައިވިޔަސް އޭނާ ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ހިދުމަތްތައް ތާ އަބަދަށް އާވެ އާލާވާނެކަން ޔަޤީންކަމުގައި ކައިދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

މެންބަރު ހުސައިން އަވަހާރަވުމާއިގުޅިގެން މަޖިލީހުން ވެސް ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ،އަލްމަރްޙޫމް ޙުސައިން ވަހީދުއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއްގައި އުޅުއްވި ބޭފުޅެއް ކަމަށެވެ.

އެގޮތުން، 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސުލޫކު ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި ހުސައިން މަސައްކަތް ކުރަށްވާފައިވާ ކަމަށް މަޖިލީހުން ފާހަގަ ކުރަށްވާފަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އަލްމަރުޙޫމް ޙުސައިން ސިފަކުރެއްވީ، އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައިކަމަށް މަޖިލީހުން ވިދާޅުވެފަވެއެވެ.

"މެންބަރު ޙުސައިން ވަހީދުއަކީ ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިޙްލާސްތެރި ބައިވެރިއެއް، އެމްޑީޕީގެ ވަރުގަދަ ތަނބެއް." ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިކަމަށް މަޖިލީހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފަ ވެއެވެ.

ރައްޔިތުންގެ މަޖިލީހާއި ދައުލަތަށް އިހްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ޙުސައިން އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާހަގަކުރަށްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި