މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

MP Hussain-Janaza

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު ޖަނާޒާ ބާއްވައިފިއެވެ.

ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ.

ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، ޖަނާޒާގައި ވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައެވެ.

ހުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޙުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ 1:24 ހާއިރު އެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ވެސް ވަނީ ދަރުވާ ހޯއްދަވާފައެވެ.

އަވަހާރަވި އިރު ހުސައިންގެ އުމުރުފުޅަކީ 53 އަހަރެވެ. އޭނާގެ އަނބިކަނބަލަކާއި، ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ހުސައިން އަކީ ވަރަށް ޚިދުމަތްތެރި، ދީލަތި ބޭފުޅެކެވެ.

އަވަހާރަވިއިރު އޭނާ ފުރުއްވަމުން ގެންދެވި (28 މެއި 2019 އިން 14 ޑިސެމްބަރު 2021)، 19 ވަނަ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ އިތުރުން އޭނާ ވަނީ، 17 ވަނަ މަޖިލީހުގައި (28 މެއި 2009 އިން 27 މެއި 2014) އަށް އެދާއިރާ މެންބަރުކަން ވެސް ކުރަށްވާފައެވެ.

ހުސެންއަކީ ށ. ފޯކައިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި