ޝައްކެއްވެސް ނެތްގޮތުގައި އިންސާނަކަށް މިދުނިޔެމަތީގައި މާތް ﷲ ދެއްވަވާނޭ އެންމެ މަތިވެރި އަދި އެންމެ ބޮޑު ނިޢުމަތަކީ ޙައްޤުގޮތުގައި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް އެމީހަކަށް ދެއްކެވުމެވެ. މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން ކައުއިތުރު މާތް ނަބިއްޔާ صلى الله عليه وسلم ގެ އަތްޕުޅުމަތިން މުޅި އިންސާނީ އުންމަތުގެ މައްޗަށް އިސްލާމްދީން ފުރިހަމަކޮށް ދެއްވާފައިވަނީ ދުނިޔެ ޖަހާލަތުގެ އަނދިރިކަމުގައި ވަނިކޮށެވެ.
އެ އަނދިރިކަން އިސްލާމްދީނުގެ ނޫރުން އަލިވެ އުޖާލާވެގެން ދިޔައެވެ. އޭރު އަނިޔާވެރިކަމާ ބިރުވެރިކަން ވެރިވެފައި އޮތް ދުނިޔެ އިސްލާމީ ޢަދާލަތުން އަމާން ތަނަކަށް ބަދަލުވެގެން ދިޔައެވެ. އަމިއްލަ އަތުން ކޮށާމަށާފައިވާ އިވުމެއް ފެނުމެއްނުވާ ހިލަތަކަށް އަޅުކަން ކުރުމެގެ ނުބައި ޝިރުކާއި، އިންސާނުން އިންސާނުންނަށް އަޅުވެތިވެ ބަރުދާސްތުކުރަމުން ދިޔަ ވޭންތަކާ އަދި ދިރިތިއްބާ އަމިއްލަ ދަރީން ވަޅުލައި މަރާ ހިންގަމުންދިޔަ މިފަދަ އެންމެހައި ޖަރީމާތަކަށް ނިމުންގެނައި ހަމައެކަނި ފަލްސަފާއަކީ މާތްވެގެންވާ އިސްލާމްދީކަން އެއީ މިއަދުވެސް ފެންނާން އޮތް ޙަޤީޤަތެލެވެ.
އަޅުގަމޑުމެންގެ މި ދިވެހިރާއްޖެއަށް ބަލާއިރުވެސް އިސްލާމްދީނުގެ ހިދާޔަތް ގާތްގަނޑަކަށް މީގެ އަށްސަތޭކަ އެތައް އަހަރެއް ކުރިން އަޅުގަނޑުމެންނާ ހަމައަށް ފޯރާފައިވަނީ ޖަހާލަތުގެ އަނދިރީގައި މުޖްތަމަޢު ހަލާކުވެ ދަނިކޮށް ކަމަށް ތާރީޚީ ހެކިތަކުން ސާބިތުކޮށްދެއެވެ.
ޝިރުކުގެ އަނދިރިކަމާ ވެރީންގެ އަނިޔާއާ އެނޫންވެސް އެފަދަ ކަންކަމުގައި ދިވެހި އުންމަތް ހަލާކުގެ ތެރެއަށް ވެއްޓެމުން ދަނިކޮށް އިސްލާމްދީނުގެ ވަޙްދަތުން ދިވެހީންނަކީ އިސްލާމްދީނުގެ އަޚްލާޤުން ޒީނަތްތެރިވެފައިވާ އެއްބަނޑު އެއްބަފައި މިނިވަންކަމާ ހަމަހަމަކަމަށް ލޯބިކުރާ ޞުލްޙަ މަސަލަސް ބައެއްކަމުގައި ވެގެން ދިޔައެވެ.
ދުނިޔޭގައި އެ ގައުމެއްގެ ހުރިހާ އެންމެންނަކީ މުސްލިމުން ކަމުގައި ވާ މަދު ޤައުމެއްނޫނީ ނެތިފައި އެލިސްޓުގައި މިކުޑަކުޑަ ދިވެހި ގައުމު ހިމެނިފައިވާ އިރު އެސަބަބަކީ މިވޭތުވެ ދިޔަ އަށެއްކަ ޤަރުނުގައި މިޤައުމަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިވި އަދި މިހާރުވެސް އެގޮންޖެހުންތައް ކުރިމަތި ވަމުންދާ ސަބަބެކެވެ.
އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކަށް ބަރޯސާވާ މިންވަރާ އަދި ހުޅަނގުގެ ނުފޫޒުގަދަ ފައިސާވެރި ޣައިރު މުސްލިމުން ކެނޑިނޭޅި އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން ނަގާލައި ތަފާތު ދީންތަކަށް މިކުޑަ މި މުޖްތަމަޢުން ޖާގަހަދަން ކުރާ މަސައްކަތަކީ މިއަދު އަޅުގަނޑުމެން އެކަންކަމާމެދު ފުންކޮށް ވިސްނާ ފިޔަވަޅުތަކެއް ނާޅާ ދޫކޮށްލައިފިނަމަ މާދަމާ އޭގެ ހިތި ނަތީޖާ ތަހަންމަލް ކުރަން ނުޖެހި ނުދާނޭ ކަމެއްކަން ކަށަވަރެވެ.
ދިވެހީންނަކީ ޒަމާނުންސުރެވެސް ތަންދޮރުފިލާ މިންވަރަކުން މާތްވެގެންވާ އިސްލާދީނަށް ލޯބިކުރާ އަދި އެދީނަށް ޙުރުމަތްތެރިކޮށް ހިތާބައެއް ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ. ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާ ޞުލްޙަމަސަލަސް ކަމާ އަދި މިނިވަންކަމުގެ ސަބަބެއްކަމުގައިވެސް އިސްލާމްދީން މެނުވީ އެހެން އެއްޗެއް ނުވެއެވެ.
ނަމަވެސް މި ފަހަކަށް އައިސް ދިވެހި މުޖްތަމަޢަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ އެކަންކަމާ ދޭތެރޭ އަޅުގަނޑުމެން ޣާފިލްވެ ތިބެއްޖެނަމަ ކުރީވެސް ދެންނެވިފަދައިން މާދަމާ އަޅުގަނޑުމެން އެކަމާ ދޭތެރޭ ހިތާމަކުރަން ނުޖެހިނުދާނޭ ބަދަލްތަކެއްކަން ކަށަވަރެވެ.
ޝައްކެއްވެސް ނެތެވެ. އިސްލާމްދީނަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތެވެ. މިބޮޑު ނިޢުމަތް އަޅުގަނޑުމެން އެންމެހައި ދިވެހިންނަށް ލިބިފައިވާ ހިނދުވެސް އަޅުގަނޑުމެންގެ މުޖްތަމަޢަށް ވެރިވަމުން މިހާރު މިދަނީ ކޮންފަދަ ބިރުވެރިކަމަކާ ނާމާންކަމެއްތޯ މީ މިހާރު ހަމަ ކޮންމެ ބޭފުޅަކުމެ އަމިއްލަ ނަފަސާ ކޮށްލަން އެންމެ ރަނގަޅު ސުވާލަކަށް ވާނެއެވެ.
ﷲ ދެއްވަވާ އެއްވެސް ނިޢުމަތަކީ އެނިޢުމަތަކަށް މީސްތަކުން ޙައްޤުގޮތުގައި ޝުކުރުކުރުން މަތީ ދެމިތިބެގެން މެނުވީ ބީވެނުގޮސް ހިފެހެއްޓޭނޭ ނިޢުމަތެއްނޫނެވެ. އިސްލާމްދީނުގެ ހިދާޔަތުގައި އަޅުގަނޑުމެން ލެއްވެވީތީ އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރި ކަމުގައިވާނީ އެއިލާހް އެންގެވި ގޮތުގައި އަޅުގަނޑުމެންގެ އެންމެހާ އުޅުންތަކާ ގުޅުންތައް ބެހެއްޓުމުންނެވެ. އިސްލާމް ދީނޭ ބުނުމުން އެއިން އަންގައިދެނީ އެއީ ﷲ އިންސާނުން އަދި ޖިންނީންވެސް މިދުނިޔޭގައި އުޅެންވީ އެކަލާންގެ ރުއްސަވާ މަގުކަމެވެ.
ދުނިޔޭގެ ޙަޔާތުގައި މީސްތަކުންނަށް ބޭނުންވާނޭ އެއްވެސް ކަމެއް އިސްލާމްދީނުގައި އެކަމުގެ ރަނގަޅު މަގުދައްކާނުދޭ ނުވެއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ މީސްތަކުން ދުނިޔޭގައި ކުރާ އެންމެ ކުދިކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންކަމާ ހަމައަށް ވެސް އިސްލާމްދީނުގެ ތަރަހައިން ރަނގަޅު މަގު ދައކާދޭނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި މުޖްތަމަޢުންވެސް އިވެމުންދާ އަޑުތަކަކީ ދީނަކީ ވަކިއެއްޗެއްކަމާ ދުނިޔަވީ މުޢާމަލާތްތަކަކީ ވަކި އެއްޗެއްކަމުގެ ވާހަކަތަކެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އިސްލާމް ދީނަކީ މީސްތަކުން އުޅެންވީ ޙައްޤުގޮތެވެ. އެދީނަށް ބޯލަނބައި ދިރިއުޅުން ވޭތުކުރުން ވަނީ މިދުނިޔޭގެ ބިންމަތީގައެވެ. އުޚްރަވީ ޙަޔާތުގައިވަނީ ދުނިޔަވީ ޙަޔާތް ވޭތުރި ގޮތެއްގެ މައްޗަށް ﷲ ގެ ޙަޟްރަތުން އިންސާފުވެރި ޖަޒާ ދެއްވެދުމެވެ. ދުނިޔަވީ ޙަޔާތުގައި ދީން އެއްކިބާކޮށް އަޅުގަނޑުމެންގެ ކޮށި ވިސްނުމުން ހޯދޭނެ އެއްވެސް މޮޅެއް ނޯންނާނެއެވެ.
ކަނޑިބަޑީގެ ބިރު ދައްކާގެން މުސްލިމުންގެ އަޤީދާއާ ނުކުޅެވޭނެކަން އެނގޭތީ އަޅުގަނޑުމެންގެ ޢަދާވާތްތެރި ޣައިރު މުސްލިމުން މިއަދު ފޭއްސާ ފިކުރީ އޫތަކަށް ހެރި ޒަޙަމްވަމުން ދާކަން އަޅުގަނޑުމެންނަށް އިޙްސާސްނުވަނީ ތޯއެވެ. އަޅުގަނޑުމެންގެ ޅަ ސިކުނޑިތަކަށް ތަފާތު ވަޞީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ޢަދުއްވުން ވިހަލަމުން ދާކަން އެއްވެސް މީހަކަށް ހަމަ ރޭކާވެސް ނުލަނީ ތޯއެވެ؟
އަޅުގަނޑުމެންނަށް ލިބިފައިވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައިވެސް ޒިންމާއެއް ވާކަން ކަށަވަރެވެ. އިސްލާމް ދީނުގެ އެންމެ މާތް އެއް ސިފައަކީވެސް ހެޔޮކަންތަކަށް ޢަމުރު ކުރުމާއި ނުބައިކަންކަން ނަހީކުރުމެވެ. އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ އީމާންކަމާވެސް ގުޅިފައިވާ ކަމެކެވެ.
މިޒިންމާ އަޅުގަނޑުމެންނަށް ކުޅަދާނަވީ މިންވަރަކުން އަދާކުރަމުންދާ ނަމަ އޭގެ އަސަރު ފެންނަމުން ދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖްތަމަޢުން މިއަދު ފެނަނީ އެމަންޒަރެއް ނޫނެވެ. ބަވަނަ ދުނިޔޭގެ ތަފާތު ނުބައި އޮއިވަރުގައި ޖެހި މަގުގެއްލިދާ ހިނދުވެސް އެފަދަ މީހުނަށް ތަންދޮރު ފިލާ މީހުންވެސް މިތިބެނީ މަންމަން ވެފައެވެ.
މާތް ﷲ އަޅުގަނޑުމެން ދިވެހިންނަށް ދެއްވަވާފައިވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންގެ އަތްމަތިން ބީ ނުކުރައްވާށިއެވެ. ދިވެހި މުޖްތަމަޢަށް ތަފާތު ވަޟްޢީ ފަލްސަފާތައް ފަތުރަން މަސައްކަތްކުރާ އެންމެހެހައި މީހުންގެ ނުބައި ރޭވުންތައް ނެތިކުރައްވާ އިސްލާމް ދީނުގެ ޙައްޤު ތެދުމަގުގައި އެންމެހައި ދިވެހީން ތާއަބަދަށް ޘާބިތުކުރައްވަވާ ފާނދޭވެ. އާމީން.
ލިޔުނީ: އަޙްމަދު އަބްދުﷲ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!