މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟
ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައިގެ އަގުމާތް ޚަޒާނާއެވެ.

މިއަދަކީ 8 ޑިސެންބަރު 2021 އެވެ. މިއީ ދިވެހިރާއްޖެއަށް ޖެހުނުކަމަށް ބެލެވޭ އެންމެ ބޮޑު ޤުދުރަތީ ކާރިސާ ޖެހުނުތާ މީލާދީ ގޮތުން ބަރާބަރު 200 އަހަރުވާ ތާރީޚެވެ. މިއީ، ޤުދުރަތީ ކާރިސާއެއްގައި ދިވެހިރާއްޖޭގައި އެންމެ ގިނަ ބައަކު މަރުވިކަމަށް ފާހަގަކުރެވޭ ކާރިސާއެވެ. އަދި އެންމެ ގިނަ ބައަކު ގެއްލުނުކަމަށް ބުރަވެވޭ ކާރިސާއެވެ. އަދި އެންމެ ގިނަ ރަށްރަށް ފަޅުވިކަމަށް ފެންނަ ހާދިސާއެވެ.
އަދި އެންމެ ގިނަ ރަށްރަށް ހަލާކުވެ، އެންމެ ބޮޑަށް މީސްތަކުން ވިއްސިވިހާލިވީ ހާދިސާއެވެ. މިއީ، ދިރިއުޅުމުގެ އެކިއެކި ދާއިރާތަކުން ވިސްނާއިރު، މުޅި ދިވެހި ތާރީޚުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު އެއް ހާދިސާއެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިއްސާރައެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ނަގޫރޯޅިއެވެ. އަދި ރެކޯޑުކުރެވިފައި ހުރި ދުނިޔޭގެ އެންމެ ނުރައްކާތެރި ނަގޫރޯޅިތަކަށް ބަލާއިރު ވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ނަގޫރޯޅިއެވެ. މިއީ، ދިވެހިރާއްޖެއަށް ޖެހުނު އެންމެ ބޮޑު ތޫފާނެވެ.

ހިޖުރައިން 1237 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 13 ވީ އާދީއްތަ ވިލޭރޭގައި، މީލާދީ ގޮތުން 1821 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު ގަދަފަދަ ވަޔާއެކު ވަރުގަދަ ވިއްސާރައެއް ޖެހި، ބޮޑުރާޅު އެރި ވަރުގަދަ ތޫފާނެވެ. 2004 ގެ ސުނާމީ ކާރިސާ އާއި 1923 ގައި މާލެއަށް ޖެހުނު "ބޮޑުވިއްސާރަ" އާއި، އެނޫންވެސް މިފަދަ ކާރިސާތަކަށް ވުރެ މިވިއްސާރައިގެ ކާރިސާ ދިވެހިރާއްޖޭއަށް މާ ބޮޑެވެ. މިއީ، ދުވަހަކުވެސް ފަނޑުނުވާނޭ ޢިބުރަތްތަކުން ފުރިގެންވާ ޤުދުރަތުގެ އިންޒާރެވެ. ކޭލަކުނު ތަޅާލި ވިއްސާރައެވެ.

މި ދިރާސާއަކީ، ތިލަދުންމަތީގައި އިސްކަނޑި އެނބުރި ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރައިގެ ތާރީޚީ ތަފުސީލުތަކެވެ. ކޭލަކުނު ވިއްސާރަ ޖެހުނު ތާރީޚާއި ވިއްސާރައިގެ ނަމާއި، ކޭލަކުނު ވިއްސާރައިގެ ކުރިއާއި ފަހުގެ ބައެއް ކާރިސާތަކާއި، ވިއްސާރައިގެ ކުރިން ކޭލަކުނުގެ ތާރީޚާއި، ވިއްސާރަ ޖެހެން މެދުވެރިވީ ސަބަބާއި، ވިއްސާރަ ޖެހުނު ގޮތާއި، ވިއްސާރައިގެ އަސަރާއި ނަތީޖާއާއި، ވިއްސާރައިގައި ފަޅުވި ނުވަތަ ހަލާކުވީ ރަށްރަށުގެ ވާހަކައާއި، ވިއްސާރައިގެ ފަހުން ކޭލަކުނުގެ ތާރީޚާ، އަދި ވިއްސާރައިގެ އަސަރުކުރި އުތުރުގެ ބައެއް ރަށްރަށް އަލުން އާބާދުވި ގޮތާއި ރަށްވެހިކަން އުފެދިގެން އައިގޮތުގެ ތާރީޚެވެ.

ތިލަދުންމަތީ ކޭލަކުނަކީ ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ރަށެވެ. މިހާރު ފަޅުވެފައި އޮތަކަސް އިހަށް ތިލަދުންމަތީގައި އެންމެ ރަށްވެހިކަން ބޮޑު އެއް ރަށެކެވެ. ކޭލަކުނަށް އެރީމާ އެފެންނަ ބޯޖަންގައްޔާއި މާސިންގާ ވަލުގައި ވަނީ ހަމައެކަނި ޤުދުރަތީ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެއް ނޫނެވެ.

އެ ވާބޮޑު ޖަންގަލީގައި ފޮރުވާފައި ވަނީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައިގެ ޚަޒާނާއެވެ. އެއީ ހަމައެކަނި އައި ގަދަ ތޫފާނެއްގެ ވާހަކައެއް ނޫނެވެ. އަދި ޖެހުނު މާވިއްސާރައެއްގެ ވާހަކައެއް ވެސް ނޫނެވެ. އެއީ، ދިވެހި ޙަޟާރަތާއި، ދިރިއުޅުމާއި، ދަތުރުފަތުރާއި، ވިޔަފާރިއާއި، އިޤުތިޞާދާއި، އިޖުތިމާޢީ ގުޅުމާއި، އާބާދީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، މަސައްކަތްތެރިކަމާއި، ރަށްވެހިކަމާއި، އަޚުލާޤާއި، އާދަކާދައާއި ސަގާފަތުގެ މުއްސަނދި ދިވެހި ތާރީޚެވެ.

ވިއްސާރަ ޖެހުނު ތާރީޚާއި ވިއްސާރައިގެ ނަން
މިވިއްސާރައާ ބެހޭގޮތުން އެންމެ ފުރަތަމަ ލިޔެވިފައި އޮތް އެއްޗަކަށް ފެންނަނީ މިވިއްސާރަ ޖެހުނު އިރުގައިވެސް ޢަރަބި ބަހުން ލިޔެވެމުން ދިޔަ ދިވެހިރާއްޖޭގެ ރަސްމީ ތާރީޚު ފޮތް، "ތާރީޚު އިސްލާމި ދީބާ މަޙަލް" އެވެ. މިއީ، އައްސުލްޠާނުލް މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު 2 (ދިޔަމިނގިލީ ރަދުން، 1704މ. – 1721މ.) ގެ އަމުރުފުޅަށް އައްޝައިޚް، އަލްޤާޟީ ޙަސަން ތާޖުއްދީނު (އަވަހާރަ: 1727މ.) ޢަރަބި ބަހުން ލިޔުއްވި ދިވެހި ތާރީޚު ފޮތެވެ. ޙަސަން ތާޖުއްދީނަށް ފަހު މިފޮތް ލިޔުއްވީ އައްޝައިޚް، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު (އަވަހާރަ: 1785މ.) އެވެ. އެއަށްފަހު މިފޮތް ލިޔުއްވަމުން ގެންދެވީ އައްޝައިޚް، އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު (އަވަހާރަ: 1831މ.) އެވެ. މިވިއްސާރަ ޖެހުނު އިރު "ތާރީޚު އިސްލާމި ދީބާ މަޙަލް" ލިޔުއްވަމުން ގެންދެވީ މި ސިރާޖުއްދީނު ޤާޟީއެވެ.

މިވިއްސާރައާ މެދު އިބްރާހީމް ސިރާޖުއްދީނު ލިޔުއްވާފައި ވަނީ ގަދަފަދަ ވަޔެއް އައިސް ބޮޑުރާޅު އެރި ތޫފާނެއް ކަމުގައެވެ. އޭނާ ލިޔުއްވާފައި ވަނީ، "ހިޖުރައިން 1237 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 13 ވީ އާދީއްތަ ވިލޭރޭ ވަރަށް ގަދަފަދަ ވަޔެއް އައިސް ބޮޑުރާޅު އެރިއެވެ. މިކަމުގެ ސަބަބުން މިލަދުންމަޑުލާއި ތިލަދުންމަތީ ވަރަށް ގިނަ ރަށްރަށް ގިރައި ހަލާކުވިއެވެ. މި ތޫފާނުގެ ސަބަބުން ތިރީސް ގަނޑެއްޗަށް ވުރެ ގިނަ އުޅަނދުފަހަރު ހަލާކުވިއެވެ. އަދި މިއުޅަނދުފަހަރުން ބައެއް މީހުން ގެނބިގެން މަރުވިއެވެ. މި ތޫފާން ލައިގަތުމުގެ ސަބަބުން ފަޅުވި ރަށްރަށަކީ ހިރުބަދޫ، މިގޫދޫ، މާކަނޑޫދޫ، މިލަންދޫ، ނަރުދޫ، ރިނބުދޫ، ކުރެންދޫ، ނަލަންދޫ، މަޑިދޫ، ފޭދޫ، ފީވައް، ފޯކައިދޫ، ނެޔޮ، ނޫމަރާ، މާވައިދޫ، ގޮއިދޫ، ކަނޑިތީމު، ކަކައިއުރިއަދޫ، ވައިކަރަދޫ، މުރައިދޫ، ނޭކުރެންދޫ، ކައްޓަލަފުށި، ނެއްލައިދޫ، ނާވައިދޫ، ހިރިނައިދޫ، ކުރިނބި، ކޭލަކުނު، މާމަކުނުދޫ، ކުޅުދުއްފުށި، ކުނބުރުދޫ، ނޮޅިވަރަމް، ހިރިމަރަދޫ" މިއެވެ.

ދެން މިއަށް ފަހު ގެންނަވާފައި ވަނީ މީސްތަކުންގެ މައްޗަށް ބަލާއާއި މުސީބާތް އަންނަ ޢަމަލުތައް ބަޔާންވެގެންވާ ޙަދީޘަކާއި ފަހުޒަމާނުގައި މީސްތަކުންގެ ސިފަ ބަދަލު ކުރެއްވުމާއި، ހިލައިގެ ވާރޭ ފޮނުއްވެވުމާއި، ގަންބަވައިގަތުން ވާނޭކަން ޚަބަރުކޮށްދޭ ޢަމަލުތައް ބަޔާންވެގެންވާ ޙަދީޘެކެވެ. ވީމާ، ޝައިޚު މިވިއްސާރަ ސިފަކުރައްވާފައިވަނީ ވަރުގަދަ ތޫފާނެއްގެ ގޮތުގައިކަމާއި، ބަލާއާއި މުސީބާތެއްކަމުގައި ފާހަގަކުރެވެއެވެ. މިވިއްސާރަ ޖެހުނު ސަބަބު ބަޔާންކުރާ މަޢުޟޫގައި މިކަމުގެ ސަބަބުތައް އަދި ބަޔާންވެގެން އެބައާދެއެވެ.
ކޭލަކުނު ފަޅުވިކަން ނުވަތަ ގިރައި ހަލާކުވިކަން ބަޔާންކޮށްދޭ މިނޫން ކާރިސާއެއް މުޅި ދިވެހި ތާރީޚުގައި ވެސް ފެންނާކަށެއް ނެތެވެ. އަދި އުތުރުގެ މުސްކުޅީން ނަޤުލުކުރަމުން އައިސްފައިވާ ފޯކުލޯރުގައި ވެސް ބުނަނީ ކޭލަކުނު ފަޅުވީ މި ކާރިސާގައި ކަމުގައެވެ. އަދި ތާރީޚީ ހެކިތަކާއި ރެކޯޑުތަކާއި މަސްދަރުތައް އިއްތިފާޤުވަނީ ކޭލަކުނު ފަޅުވި ކާރިސާ އަކީ ހަމަ މިއީ ކަމުގައެވެ.

"ތާރީޚު އިސްލާމި ދީބާ މަޙަލް" އަށް ފަހު މިވިއްސާރައިގެ ޚަބަރު ރެކޯޑުކުރެވިފައިވާ ދެވަނަ ތާރީޚީ މަސްދަރަކީ މިވިއްސާރައިގެ 80 އަހަރު ފަހުން 1902 ގައި ލިޔެވުނު "ދިވެހި ތާރީޚު" ފޮތެވެ. މިފޮތަކީ ޙާޖީ ޢިމާދުއްދީން ރަދުން، ދިވެހި ތާރީޚު ދިވެހި ބަހުން ތާނަ އަކުރުން ލިއުއްވުމަށް ރުއްސަވައި އެކަމަށް ވަކި ކޮމެޓީއެއް ކަނޑައަޅުއްވައި "ތާރީޚު އިސްލާމި ދީބާ މަޙަލް" ދިވެހި ބަހަށް ތަރުޖަމާކުރުމާއެކު އެކިއެކި ޒަމާން ޒަމާނުގައި ދިވެހި ބަހުން ހުރި ތާރީޚީ ފަތްފުށްތަކާއި ރެކޯޑުތައް ބައްލަވައިގެން ދިވެހި ބަހުން ލިޔެވިފައިވާ ފޮތެކެވެ. މިފޮތުގައި މިވިއްސާރަ ބަޔާންކުރެވިފައި ވަނީ،
"ދެން މިޔަށްފަހު 1237 ސަނަތު ހާހާއި ދުއިސައްތަ ތިރީސް ހަތްވަނަ އަހަރު ރަބީޢުލްއައްވަލު މަހު ތޭރަ ވަނަޔަށްވީ އާދީއްތަ ވިލޭރެއި ތިލަދުންމަތީން ފަށައިގެން މިލަދުންމަޑުލުގެ ބަޔެއް ރަށްރަށަށް ގަދަ ވިއްސާރަޔެއް ޖެހުނޭ.. ވައިބާރުވެ ރައުޅު ބޮޑުވެ.. ތިރީސް އޮޑިޔަށްވުރެ ގިނައޮޑިފަހަރު ވެސް ހަލާކުވެ ގެއްލުނޭ.. އެއޮޑިފަހަރުގައި ތިބި އެތައް މީހުންވެސް ގެއްލުނޭ.. މިވިއްސާރައިގައި ހަލާކުވީ ރަށްރަށް.. ހިރުބަދޫ.. މިގޫދޫ.. މާކަޑޫދޫ.. މިލަންދޫ.. ނަރުދޫ.. ރިބުދޫ.. ކުރެންދޫ.. ނަލަންދޫ.. މަޑިދޫ.. ފޭދޫ.. ފީވައް.. ފޯކައިދޫ.. ނެޔޮ.. ނޫމަރާ.. މާވައިދޫ.. ގޮއިދޫ.. ކަޑިތީމު.. ކަކައިއަރިޔަދޫ.. ވައިކަރަދޫ.. ނޭކުރެންދޫ.. ކައްޓަލަފުށި.. ނެއްލައިދޫ.. ނާވައިދޫ.. ހިރިނައިދޫ.. މުއިރި.. ކުރިބި.. ކޭލަކުނު.. މާކުމުންދޫ.. ކުޅުދުއްފުށި.. ކުބުރުދޫ.. ނޮޅިވަރަމު.. ހިރިމަރަދޫ.. މިއެވެ.."
"ދިވެހި ތާރީޚު" ފޮތުގައި މިކާރިސާއަށް ދެވިފައި މިއޮތީ ޖެހުނު "ގަދަ ވިއްސާރަޔެއް" ކަމުގައެވެ.

1946 ވަނަ އަހަރުގައި ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިމް މަނިއްޕުޅުގެ މުހައްމައިދީ ރާއްޖޭގެ މީހުންދިރިއުޅޭ ރަށްތަކާއި މީހުންދިރިނޫޅޭ ރަށްތަކަށް ކުރެއްވި ދަތުރުގައި މިލަދުންމަޑުލު އުތުރުބުރީ މާކަނޑޫދު އަށް 9 ފެބުރުއަރީ 1946 ގައި ވަޑައިގެން، މިރަށުގެ އިހުގެ މުސްކުޅި ވާހަކަ ލިއެފައި އޮތް ފޮތަކުން ފެނިވަޑައިގަތް އާސާރީ ލިއުންތަކުގައި ހިޖުރައިން 1237 ވަނަ އަހަރަކީ "މާވިއްސާރަ ޖެހުނު އަހަރު" ކަމުގައި ލިޔެފައި ވެއެވެ. އަދި "މީގެ އިހު މިފަދަ ވިއްސާރައެއް ޖެހުނީ 1127 ސަނަތު ހިޖުރީ" ކަމުގައި ލިޔެފައި ވެއެވެ. މި ދެވިއްސާރަ ފިޔަވައި އިތުރު ވިއްސާރައެއްގެ ވާހަކައެއް އިހުގެ މުސްކުޅި ވާހަކަތައް ލިޔެފައިވާ އެފޮތުގައި އޮތްކަމަކަށް ކޮމެޓީން ނަކަލުކުރެއްވި ލިޔުމަކު ނުވެއެވެ. އަދި މި މުސްކުޅި ޚަބަރުތައް ލިޔެފައި އޮތް ފޮތުގައި "ބޮޑުހަޅަ އެރި އަހަރު 1263 ސަނަތު ހިޖުރީ" މިހެން ލިޔެފައި ވެއެވެ.
11 ފެބުރުއަރީ 1946 ގައި ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މިލަދުންމަޑުލު ކޮމަންޑުއަށް ވަޑައިގެން، ކޮމަންޑޫ އިން ފެނިވަޑައިގެންނެވި ލިއުމެއްގައި (މަތިކޮމަންޑޫ ރުއްއެޅި ބައިގެ ކާށިބަހާ ގޮތް ލިއެފައިވާ ލިއުމުގައި)، ކީކިމިނީ ކުޑަތަކުރުފާނުންގެ ފާތުމާފާނުގެ ހައްވާ އާއި ބޮދު ހުސެން ތަކުރާ އިނދެގެން ލިބުނު އުބުރެހިން ތަކުރުފާނު މާވިއްސާރައިގައި ކަނޑޫދޫގައި ގެއްލުނުކަމަށް ލިއެފައި ވެއެވެ. އޭގައި ލިޔެފައިވާ ގޮތުގައި، "އުބުށެންތަކުރުފާނުގެ ދަރިއެއް ނެތެވެ. މާވިއްސާރައިގައި ކަޑޫދޫގައި ގެއްލިއްޖެއެވެ" މިއެވެ.

ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން 13 ފެބުރުއަރީ 1946 ވީ ބުދަ ދުވަހު މިލަދުންމަޑުލު މާއުގޫދުއަށް ވަޑައިގެން މިރަށު ވަލުތެރޭގައި އޮތް އުސްފަސްގަނޑު ބައްލަވައިފައި ލިޔުއްވަނީ "މިރަށު މީހުން އެތަނާއިމެދު ކިޔައިއުޅެނީ މާވިއްސާރައިގައި އެރި އުދަޔަކުން ވީކަމެއް ކަމުގައެވެ" މިއެވެ.
ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން 16 ފެބްރުއަރީ 1946 ގައި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދުއަށް ވަޑައިގެން ބެއްލެވި އިރު މިރަށުން ފެނިވަޑައިގެންނެވި ލިއުމެއްގައި، "ފުރަތަމަ މާވިއްސާރަ ޖެހުނު އަހަރު 1127 ސަނަތު ހިޖުރީ. މީގެ ފަހުން ތިލަދުންމަތި ތަޅާލި އަހަރު 1237 ސަނަތު ހިޖުރީ" މިހެން ލިޔެފައި ވެއެވެ.

މިވިއްސާރައިގެ 100 އަހަރު ފަހުން 1921 ވަނަ އަހަރު ޗާޕުކޮށް ޝާއިޢުކުރެވުނު އެޗް.ސީ.ޕީ ބެލްގެ ރިޕޯޓު، "ދަ މޯލްޑިވް އައިލެންޑްސް: 1920" ގެ 20 ވަނަ ސަފުހާގައި ބެލް ލިޔުއްވާފައިވަނީ،
“The disastrous tornado of Sunday, 13th Rabì-ul-Awwal, A.H. 1237 (A.D. 1821), in which a great part of the Northern Atols was devastated, is the final episode mentioned in the existing copy of the Chronicle.
The “Tārīkh” closes with an incisive deliverance of the Prophet: “Misfortunes shall verily befall, if wrongs be committed.”
މި ރިޕޯޓު ނުވަތަ ފޮތުގައި ބެލް އެލިޔުއްވަނީ "ވަރުގަދަ ނަގޫޅޯރި" އެއް ކަމުގައެވެ. އަދި ނަކަލުކުރައްވައި ލިޔުއްވާފައިވާ ތާރީޚަކީ ހަމަ "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި އޮތް ތާރީޚެވެ. (އަދި "ދިވެހި ތާރީޚު" ފޮތުގައި ވެސް އޮތް ތާރީޚެވެ). 13 ރަބީޢުލްއައްވަލު 1237ހ. (8 ޑިސެންބަރު 1821މ.) އެވެ.
އަދި 1940 ވަނަ އަހަރު ޗާޕުކޮށް ޝާއިޢުކުރެވުނު ބެލްގެ "މޮނޮގްރާފް" (ދަ މޯލްޑިވް އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ) ގައި ބެލްއަށް މިވިއްސާރައިގެ ތާރީޚު ނަޤުލުކުރެއްވިފައި ވަނީ ނުބައިކޮށެވެ. ބޮޑަށް ލަފާކުރެވެނީ "ޓައިޕިންގ" ކުށެއް ކަމަށެވެ. މި ފޮތުގައި އޮތް ތާރީޚަކީ "13 ރަބީޢުލްއައްވަލު 1235ހ. (1820މ.)" އެވެ. މި ތާރީޚު މުޅިން ނުބައެވެ. މި ތާރީޚުގެ މައްޗަށް އެއްވެސް ފަދަ ހެއްކެތް ނުވަތަ މަސްދަރެއް ނެތެވެ. އަދި އެފަދަ އެއްޗެއް ބެލް ގެންނަވާފައެއް ވެސް ނުވެއެވެ. އަދި ބުރެކެޓުގައި އޮތް 1820މ. އަކީ ވެސް ކުށެކެވެ. 13 ރަބީޢުލްއައްވަލު 1235 އަކީ 30 ޑިސެންބަރު 1819. އަދި 14 ރަބީޢުލްއައްވަލު 1235 އަކީ 31 ޑިސެންބަރު 1819 އެވެ.

މި ނަކަލުކޮށްލަނީ ބެލްގެ މޮނޮގްރާފުގެ 43 ވަނަ ސަފުހާގައި މި ވިއްސާރައާ ބެހޭގޮތުން ބެލް ލިޔުއްވާފައިވާ ގޮތެވެ.
“On13th Rabì-ul-Awwal, A.H. 1235 (A.C. 1820), a Tornado struck the Màldives. Many islands of Tiladummatí, Miladummadulu Atols, and one or two in Málosmadulu were devastated, and more than 30 odifaharu wrecked, a large number of persons being drowned.
The islands made temporarily derelict (M. falu) by this storm were: Hiri Maradú, Hirinaidú, Kelakunu, Kumburudu, Kurubi, Kuda Muraidú, Muiri, Nágóri, Návaidu, Naridú, Nekurendú, Nelivaran, Vaikara, Muraidú, Vaikaradú in Tiladummatí Atol ; Fokaidú, Goidú, Hiribadú, Kakál Eriyadú, Kaditímú, Madidú, Magúdú, Má Kadúdú, Kofa Kamandú, Milandú, Nalandú, Nelu, Numará, Ribudú in Miladummadulu Atol North ; and Kuluduffuri, Kurendú, Tiladú in Málosmadulu Ato, North and South.”

ބެލްގެ މޮނޮގްރާފްގައި ވެސް މި ވިއްސާރައަށް އޮތީ "ނަގޫރޯޅި" އެއް ޖެހުނުކަމަށް ލިޔުއްވާފައެވެ. އަދި މޮނޮގްރާފްގައި މިވިއްސާރަ ޖެހުނުކަމަށް ބުނާ ތާރީޚަކީ ކުށަކަށް ވާތީ މި މަސްދަރުގެ މައްޗަށް ބިނާކޮށް މި ވިއްސާރަ ޖެހުނު ތާރީޚު ކިޔައިއުޅުމަކީ ޢިލްމީ ގޮތުން ވަރަށް ބޮޑު ގޯހެއްކަމަށް ފެނެއެވެ.

އަހަރެމެންގެ މިޒަމާނަށް އައި އިރު ތިލަދުންމަތީ ރަށްރަށު މުސްކުޅީން އެންމެ އާންމު ގޮތެއްގައި މިވިއްސާރައިގެ ނަމެއްކަމުގައި ކިޔައި އުޅޭތީ ފެންނަނީ އަދި އަޑުއިވެނީ "ކޭލަކުނު ތަޅާލި ވިއްސާރަ" މިނަމެވެ. އަދި "ކޭލަކުނު ވިއްސާރަ" މިހެން ވެސް އާންމުކޮށް ކިޔައި އުޅެއެވެ. "އުތުރު ބޮޑުވިއްސާރަ" އޭ ވެސް ބައެއް މީހުން ކިޔައި އުޅެއެވެ. "ކޭލަކުނު ތަޅާލި މާވިއްސާރަ" އޭ ވެސް ކިޔައެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގެ ވާހަކައަކީ، މިވިއްސާރަ ސީދާ ތަޖުރިބާކުރި މީހުންގެ ފަރާތުން އެއް ޖީލުން އަނެއް ޖީލަށް ފާއިތުވި 200 އަހަރުގެ ތެރޭގައި ނަޤުލުވެގެން އައިސްފައިވާ ވާހަކައެކެވެ. އަދި އެއްޖީލުން އަނެއް ޖީލަށް މެދުނުކެނޑި ވާހަކަތައް ނަޤުލުވީ އިރު ފަރިތަކަމާއެކު ވާހަކަތައް ނަޤުލުކޮށްދިން ބައެއް މީހުނާ ބައްދަލުވެ އުޅުމުގެ ފުރުސަތު އަހަރެމެނަށް ލިބިފައި ވެއެވެ. ކޭލަކުނުގެ ވިއްސާރައިގެ ވާހަކަތައް ނަޤުލުކުރުމުގައި މަޝްހޫރު އެއްބޭފުޅަކީ ތިލަދުންމަތީ ކުޅުދުއްފުށީ ކުރަހާގޭ މަރުޙޫމް ޢަބްދު ﷲ އަބޫބަކުރެވެ.

ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ވަރަށް ބޮޑަށް ހަލާކުވުމަށް ފަހު، އަލުން ކުޅުދުއްފުށި އާބާދުވީ ގޮތުގެ ވާހަކަ، ދިވެހި ތާރީޚު ޢިލްމުވެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީއަށް ވެސް ކިޔައިދެއްވީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ. މިކަން އަހުރެން ގާތުގައި ބަޔާންކޮށް ދެއްވީ ޚުދު މި ޢަބްދުﷲ އަބޫބަކުރެވެ. ކޭލަކުނުގެ ތާރީޚާ ބެހޭގޮތުން އަހަރެމެން ކުރަމުން އަންނަ ދިރާސާއެއްގައި އޭނާއާ ބައްދަލުކޮށް، އެއްކޮށް އުޅުމުގެ ތެރެއިންނެވެ. ތިލަދުންމަތީ ކުޅުދުއްފުށީ ކަތީބު މޫސާ ޢަލީއާއެކު އެރަށު ކުރަހާގޭ ޢަބްދުﷲ އަބޫބަކުރު މާލެ ދުރުވި ދަތުރެއްގައި، މުޙައްމަދު އިބްރާހީމް ލުޠުފީ ކުރެއްވި ކަމަކީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ގެންނަވައި ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ވަރަށް ބޮޑަށް ފަޅުވެފައި ވަނިކޮށް އަލުން ކުޅުދުއްފުށި އާބާދުވީ ގޮތުގެ ވާހަކަ އައްސަވައި، ރެކޯޑުކުރައްވައި، އެވާހަކަތައް ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލިޔުއްވައި ދިވެހި ތާރީޚުގެ ފަތްފުށްތަކުގެ ތެރެއަށް ވެއްދެވުމެވެ. ފަތްތޫރައިގެ އެއަދަދުގައި "ހދ. ކުޅުދުއްފުށި އާބާދުވިގޮތް" މި މަޢުޟޫގެ ދަށުގައި ލިޔުއްވި ލިޔުމުގެ ނޯޓުގައި ލުޠުފީ ވިދާޅުވާ ގޮތުގައި، "ތިރީގައި މިވާ ވާހަކަ އަޅުގަނޑަށް ކިޔައިދިނީ ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ" އެވެ.

މިލިޔުމުގައި ލުޠުފީ މިވިއްސާރައަށް ނިސްބަތްކުރައްވާފައިވަނީ "ކޭލަކުނު ތަޅާލި ވިއްސާރަ" އިގެ ނަމުންނެވެ. މިލިޔުމުގައި ކުޅުދުއްފުއްޓާ ބެހޭގޮތުން ލުޠުފީ ލިޔުއްވާ ގޮތުގައި، "ކޭލަކުނު ތަޅާލި ވިއްސާރައަށްފަހު، ރަށް އާބާދުކުރުމުގެ މަސައްކަތުގައި ކާސިން ޚަޠީބު އުޅުނުއިރު އޭނާގެ އެންމެ ބޮޑު ހިތާމައަކީ އެކަނިވެރިކޮށް އުޅެން ޖެހުމެވެ." އަދިވެސް ލިޔުއްވާފައިވާ ގޮތުގައި، "އެވަރުގަދަ ވިއްސާރައިގެ ޚަބަރު މާލެއަށް ލިބުމުން ބަނޑޭރިބޭކަލުން އެރަށަށް ދުރުވެ ރަށުގައިތިބި މަދު މީހުންކޮޅު ރަށުން ބޭލުމަށް ގަސްދު ކުރެއްވިއެވެ." މިހާތަނަށް ކޭލަކުނާ ބެހޭގޮތުން ލިޔުންތެރިން ލިޔުއްވާފައި ހުރި ލިޔުންތަކުގެ މައިގަނޑު ވާހަކައަކަށް އޮންނަނީ ކޭލަކުނު ތަޅާލި މި ވިއްސާރައަށް ފަހު ކުޅުދުއްފުށި އަލުން އާބާދުވީ ގޮތުގެ މައްޗަށް ކުރަހާގޭ ޢަބްދު ﷲ އަބޫބަކުރުގެ ކިބައިން ލުޠުފީ ނަޤުލުކުރައްވައި ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލިޔުއްވި ލިޔުމެވެ. މިއީ ހަޤީޤަތުގައި ކޭލަކުނު ވިއްސާރައަށް ފަހު ހަލާކުވީ ރަށްރަށް އަދި ފަޅުވީ ރަށްރަށް އަލުން އާބާދުވީ ގޮތުގެ ތާރީޚުގެ ތެރެއިން ހަމަ އެންމެ ރަށެއްގެ ވާހަކައެކެވެ. މިފަދަ ކިތަންމެ ވާހަކައެއް ކިތަންމެ ރަށަކާމެދު މާތަފުސީލުކޮށްވެސް އެނގެން އެބައޮތެވެ. ފެންނާން އެބައޮތެވެ. އަދި ކޭލަކުނު ތަޅާލި ވިއްސާރައަކީ އޭގެ ދާއިރާ މާ ފުޅާ މަޢުޟޫއެކެވެ.

ދިވެހި ތާރީޚު ޢިލްމުވެރިޔާ، މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ފޮތް "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގެ 96 ވަނަ ސަފުހާގައި މިވިއްސާރައާމެދު ލުޠުފީ ލިޔުއްވަނީ "ކޭލަކުނު ތަޅާލި ވިއްސާރަ" އިގެ ނަމުންނެވެ. އަދި "ކޭލަކުނު ޠޫފާނު" ގެ ނަމުންވެސް ވިދާޅުވެފައި ވެއެވެ. ލުޠުފީ ލިޔުއްވަނީ، "އެރޭބިޔަން ކަނޑުގައި އުފެދޭ ޠޫފާންތަކުގެ އަސަރު ދޭތެރެ ދޭތެރޭން މިއަތޮޅަށާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ފޯރައެވެ. ކޭލަކުނު ތަޅާލި ވިއްސާރައަކީ ވެސް އޭގެ ތެރޭން އެއް ޠޫފާނެވެ. މިގަދަ ވިއްސާރައިގާ މިއަތޮޅާއި ށ. އަތޮޅުން ވަރަށް ގިނަ ރަށްރަށް ފަޅުވިއެވެ. އޭގެފަހުން ބައެއް ރަށްރަށް އަލުން އާބާދުވިއެވެ. ކޭލަކުނު ތަޅާލި ވިއްސާރަ ޖެހުނީ 1237ހ ވަނަ އަހަރު ރަބީޢުލްއައްވަލް މަހު 13 ވީ އާދީއްތަ ވިލޭރޭގައެވެ." އަދި ވެސް މިސަފުހާގައި ލުޠުފީ ލިޔުއްވަނީ، "އަތޮޅު ހުޅަގު ދެކުނު ކަނުގައި އޮތް ވައިކަރަމުރައިދުއަކީ ކޭލަކުނު ޠޫފާނުގައި ފަޅުވެ ވަރަށް ބޮޑަށް ގިރައިގެން ދިޔަ ރަށެކެވެ." ފޮތުގެ 98 ވަނަ ސަފުހާގައި ކޭލަކުނާ ބެހޭގޮތުން ލުޠުފީ ވިދާޅުވަނީ، "މިރަށްފަޅުވީ "ކޭލަކުނު ތަޅާލި މާވިއްސާރަ" އިގައެވެ." އަދި 98 ވަނަ ސަފުހާގައި ކުޅުދުއްފުއްޓާ ބެހޭގޮތުން ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، "ކުޅުދުއްފުއްޓަކީ ވެސް ކޭލަކުނު ތަޅާލި ވިއްސާރައިގާ ވަރަށް ބޮޑަށް ގެއްލުން ލިބުނު ރަށެކެވެ." ފޮތުގެ 103 ވަނަ ސަފުހާގައި މިލަދުންމަޑުލު އުތުރުބުރިއާ ބެހޭގޮތުން ލުޠުފީ ލިޔުއްވާ ގޮތުގައި، "ކޭލަކުނު ތަޅާލި ވިއްސާރައިގާ މިއަތޮޅުން 17 ރަށް ފަޅުވިއެވެ."

ހިމިތީ އިސްމާލް ކަލޭފާނުގެ ތުއްތު (1949)، އޭނާގެ ފޮތް "ޙިސާބު ޢިލްމުގެ ފިޔަވަޅެއް (ޖަވާބާއިއެކު) ފުރަތަމަބައި" ގެ 5 ވަނަ ސަފުހާގައި އެފޮތުގެ 10 ވަނަ ސުވާލެއްގެ ގޮތުގައި ލިޔުއްވާފައި ވަނީ "(10) ތިލަދުންމަތި ތަޅާލީ 1237ހ ގައި، ∴ އެޔަށް ފަހުން މިވީ ކިތައް އަހަރު؟" އެވެ.

ފޮތުގެ 36 ވަނަ ސަފުހާގައި ތުއްތު ޖަވާބުދެއްވާފައި ވަނީ، "(10) 131 އަހަރު" އެވެ. މާނައަކީ، 1237ހ. ގައި ޖެހުނު ވިއްސާރައަށް 1368ހ. ވަނަ އަހަރަށް ވާނީ ހިޖުރީ ގޮތުން 131 އަހަރެވެ. ވީމާ މިހިނގާ 1443ހ. ވަނަ އަހަރަށް ހިޖުރީ ގޮތުން ވާނީ 206 އަހަރެވެ. އަދި މިހިނގާ 2021މ. ވަނަ އަހަރުގެ ޑިސެންބަރު 8 ވަނަ ދުވަހަށް މީލާދީ ގޮތުން ވާނީ ބަރާބަރު 200 އަހަރެވެ.

ކޭލަކުނު ވިއްސާރައިގެ ކުރީން ކުރިމަތިވި ބައެއް ކާރިސާތައް
ޤުދުރަތީ ކާރިސާތަކަކީ އިހު އެވޭލާ ޒަމާނުއްސުރެ މިރާއްޖެއަށް ވެސް ކުރިމަތިވާ ކަންތައްތަކެއްކަން ތާރީޚީ ބަޔާންތަކާއި ހެކިތަކުން ސާފުކޮށް އެނގެއެވެ. އަދި ރާއްޖެއަށް ކުރިމަތިވި އެކިއެކި ޤުދުރަތީ ކާރިސާތައް ހިނގި ތާރީޚުތަކުގައި ނުވަތަ ހަމަ އެދުވަސްވަރު ދުނިޔޭގެ ތަފާތު އެކިއެކި ތަންތަނަށް ވެސް އެފަދަ ކާރިސާތައް ކުރިމަތިވިކަން ދުނިޔޭގެ ތާރީޚުގައި ރެކޯޑު ކުރެވިފައި ހުރެއެވެ. އަދި މިދިރާސާގައި ބަޔާންކުރެވިފައިވާ އެންމެހާ ކާރިސާ ތަކަކީ ދިވެހި ދައުލަތުގެ ފަރާތުން އެހާދިސާތަކުގެ ދުވަސްވަރު ދައުލަތުގެ ރަސްމީ ރެކޯޑުތަކުގައި ލިޔެ އަރުޝީފުކުރެވިފައި ހުރި ހާދިސާތަކެކެވެ.

އަދި މިހާދިސާތައް ނަޤުލުވެފައި ވަނީކީ ހަމައެކަނި މުސްކުޅީންގެ ފަރާތުން ނަޤުލުވެގެން އަންނަ ފޯކުލޯރު ވާހަކަތަކެއްގެ ގޮތުގައެއް ނޫނެވެ. އަދި މިޒަމާނާ ޚިލާފަށް އިހުގައި ރާއްޖެއަށް ކުރިމަތި މިވެނި ކާރިސާއަކީ މިވެނި އެވެނި ތަނަކަށް ކުރިމަތިވި ކާރިސާގެ ބައެއް ކަމެއް ނުވަތަ އެނޫން އެހެން ތަނަކަށް ކުރިމަތިވި ކާރިސާއެއްގެ ބޮޅެއްކަމެއް ދަންނަވަން ނޭނގޭތީ އާއި ލަފާކުރެވޭ ދިމަދިމާ ވެސް ގިނަކަމުންނާ، އަދި އެފަދަ ހާދިސާތައް މި ލިޔުމުގައި ހިމެނުން މުނާސަބުނުވެ ދިގުވެދާނެތީ ދުނިޔޭގެ އެފަދަ ކާރިސާތަކުގެ ތާރީޚުތައް މިތަނުގައި މިއުނިކޮށްލަނީ ކޭލަކުނު ވިއްސާރަ ޖެހުނު ތާރީޚުގެ ތަންކޮޅެއް ކުރީގެ ބައެއް ކާރިސާތައް ބަޔާންކޮށްލުމުންނެވެ. އޭރުން ކޭލަކުނު ވިއްސާރަ ރީތިކޮށް ފަރަޤުކޮށްލެވިދާނެއެވެ.

ކޭލަކުނު ވިއްސާރައިގެ 92 އަހަރު ކުރިން 1729މ. ގައި (ހިޖުރީ ގޮތުން 1142 ގައި) ދިވެހިރާއްޖެއަށް ބިންހެލުމެއް އައެވެ. މިއަހަރު މިކަން ހިނގިކަން ބަޔާންކުރައްވައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި ލިޔުއްވަނީ، "ހަމަ މިއަހަރު ރާއްޖެއަށް ބިންހެލުމެއް އައެވެ. މިބިންހެލުމުގައި ގޭގޭ ފުރާޅުތައް އުކާލި ކަމުގައި ވެއެވެ." މިކާރިސާ "ދިވެހި ތާރީޚު" ފޮތުގެ ސަފުހާ ނަންބަރު 147 ގައި ބަޔާންވެގެންވަނީ، "އެއަހަރުގައި ރާއްޖޭގެ ރައްރަށް ވަރަށް ހެލުނޭ.. އެހެލުނު ބޮޑުކަމުން ބަޔެއް ރައްރަށުގެ ގޭގޭގެ މަތީ ހުރި އެއްޗެތި ވެސް ބިންމައްޗަށް ވެރުނޭ.. އެކަމާއި މީސްތަކުން ވަރަށް ބިރުގަތޭ.." މިއެވެ. މި ހާދިސާ އެޗް.ސީ.ޕީ.ބެލް (1921) ގެ ރިޕޯޓު "ދަ މޯލްޑިވް އައިލެންޑްސް: 1920" ގެ 18 ވަނަ ސަފުހާގައި ނަޤުލުކުރައްވާފައި ވެއެވެ. އަދި އެޗް.ސީ.ޕީ.ބެލް (1940) ގެ "މޮނޮގްރާފް" ގެ 36 ވަނަ ސަފުހާގައި މި ބިންހެލުމުގެ ވާހަކަ ބަޔާންކުރެއްވިއެވެ.

އަލްޤާޟީ މުޙައްމަދު މުހިއްބުއްދީން "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، "ހިޖުރައިން 1155 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު 16 ވީ ބުދަ ދުވަހު ޤިބުލައަށްވީ ފަރާތުން ގަދަފަދަ ނަގޫރޯޅިއެއް އެރިއެވެ. މިރޯޅީގައި މާލޭން 112 ދިވެހިރުއް ވެއްޓުނެވެ. އޭގެތެރެއިން ބައެއް ރުއްރުއް ވެއްޓުނީ މީސްމީހުންގެ ގައި މައްޗަށެވެ. ދެން އިރުއޮއްސުމުގެ ގަޑިއެއް ހައިއިރު ކުރިން ﷲ އެ މުސީބާތުން ދިވެހިން ސަލާމަތް ކުރައްވައިފިއެވެ. މި ބާވަތުގެ ކަންތައް މި ދިމާވަނީ އެތަނެއްގައި ފަސާދަ އާންމުވުމުގެ ސަބަބުންނެވެ." މިވާހަކަ "ދިވެހި ތާރީޚު" ފޮތުގައި ނަޤުލުކުރައްވާފައި ވަނީ ފޮތުގެ 157 ވަނަ ސަފުހާގައެވެ. މި ނަގޫރޯޅި އަރައިފައިވަނީ ކޭލަކުނު ވިއްސާރައިގެ 79 މީލާދީ އަހަރު ކުރިންނެވެ. މީލާދީން 1742 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވީ ބުދަ ދުވަހުއެވެ. މި ހާދިސާ އެޗް.ސީ.ޕީ.ބެލް (1921) ގެ ރިޕޯޓު، "ދަ މޯލްޑިވް އައިލެންޑްސް: 1920" ގެ 18 ވަނަ ސަފުހާގައި ނަޤުލުކުރައްވާފައި ވެއެވެ. އަދި އެޗް.ސީ.ޕީ.ބެލް (1940) ގެ "މޮނޮގްރާފް" ގެ 37 ވަނަ ސަފުހާގައި މި ބިންހެލުމުގެ ވާހަކަ ބަޔާންކުރެއްވިއެވެ.

ދެން 17 ޑިސެންބަރު 1754 ވީ އަންގާރަ ދުވަހު ދުނިޔެ މައްޗަށް ވެރިވީ ބޯ ދުންގަނޑުގެ ހާދިސާއެވެ. "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު ލިޔުއްވާފައިވާ ގޮތުގައި، "ދެން 1168 ވަނަ އަހަރު ދުނިޔެ މައްޗަށް ވެރިވި ބޯ ދުންގަނޑެއްގެ ސަބަބުން އިރުގެ އަލިކަން ފަނޑުވެ ނެތި ދިޔައެވެ. އިރު ފެންނަށް ހުރީ އަލިފާންގަނޑެއް ހެން ރަތްކުލައިގައެވެ. މުޅި ޖައްވަށް އޮތީ މި ދުން ފެތުރިފައެވެ. ކައިރީގައި ޖެހިގެން އޮންނަ ރަށްވެސް ރަށްރަށަށް ނުފެނެއެވެ. އުދަރެސް އަނދިރިވުމުން ދަތުރުވެރިން ތިބީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައެވެ. މިހާދިސާ ހިނގީ ރަބީޢުލްއައްވަލު މަހުގެ 2 ވީ އަންގާރަ ދުވަހުއެވެ. ކަންކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ. އެކަލާނގެ ވަޙީ ކުރައްވައެވެ.
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ،يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌۭ، رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ
(އައްދުޚާން: 10 - 12)
(ފަހެ، ފާޅުވެގެންވާ ދުމަކައިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރު ކުރާށެވެ! އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޒާބެކެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން ޢަޒާބު ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން އީމާންވާ ހުށީމުއެވެ.)
ދެން މިދުންގަނޑު ތުނިވީ ތިން ދުވަސް ފަހުންނެވެ. މިދުމުގެ އަސަރު ގާތްގަނޑަކަށް ސާޅީސް ދުވަސް ވަންދެން ދެމިއޮތެވެ."

މިވާހަކަ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނު ވެސް "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި ނަޤުލުކުރައްވާފައި ވެއެވެ. އަދި "ދިވެހި ތާރީޚު" ފޮތުގެ ސަފުހާ 178 – 179 ގައި މި ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. އަދި އެޗް.ސީ.ޕީ.ބެލް (1940) ގެ "މޮނޮގްރާފް" ގެ 38 ވަނަ ސަފުހާގައި މި ދުންގަނޑުގެ ވާހަކަ ބަޔާންކުރެއްވިއެވެ.
ކޭލަކުނު ތޫފާނުގެ 73 މީލާދީ އަހަރު ކުރިން 1815މ. ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ދެ ޒަލްޒަލާއެއް އައެވެ. އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި މި ދެ ޒަލްޒަލާގެ ވާހަކަ ލިޔުއްވާފައި ވަނީ، "ދެން ހިޖުރައިން 1230 ވަނަ އަހަރުގެ ރަމަޟާން މަހުން 27 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ވަގުތު ތިލަދުންމަތީ އެންމެ ދުރުން ފެށިގެން މިލަދުންމަޑުލުގެ ރަށްތަކުގެ ތެރެއިން ފީވަކާ ހަމައަށް ގަދަ އަޑަކާއި ޒަލްޒަލާއެއް އައުމަށް ފަހު ހުއްޓިއްޖެއެވެ. އެއަށް ފަހު ހަމަ މި މަހުގެ 30 ވަނަ ރޭ މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދޭތެރޭ ކުރިން އިވުނު އަޑަށް ވުރެ ބާރު އަޑެއް އިވިފައި ކުރިއަށްވުރެ މާ ވަރުގަދަ ޒަލްޒަލާއެއް އައެވެ. މިކަމުގެ ސަބަބުން ގޭގޭ ވޮށްތައް ބިމަށް ވެއްޓޭވަރު ވިއެވެ. އަދި މީހުންތައް ރޯއަޑުފަށްގަނޑާއި ތަސްބީޙަ އާއި ތަހުލީލު ކިޔާ އަޑުފަށްގަނޑު ގަދަވިއެވެ. ދެން އޭގެ ގަޑިއެއްހައި އިރު ފަހުން އެއަޑާއި ޒަލްޒަލާ ﷲ ހަމަހިމޭން ކުރައްވައިފިއެވެ. ﷲ ރުއްސުންލެއްވި ޢާއިޝަތުގެ ފާނުންގެ ކިބައިން އަނަސް ބުނު މާލިކު ޒަލްޒަލާއާ ބެހޭގޮތުން ރިވާކުރެއްވިއެވެ. (ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ): "މީސްތަކުން ޒިނޭކުރުން މީސްތަކުން ހުއްދަކޮށް، ރާބޮއި ލަވަކިޔައި ނަށައި އުޅެން ފަށައިފިނަމަ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެތެވެ. ދެން ބިންގަނޑަށް ވަޙީކުރައްވާނެތެވެ. ތިބާ އެބައިމީހުންނައިގެން ތެޅިގަންނާށެވެ. އެބައިމީހުން ތައުބާވެ މިކަންކަމުން ދުރުވުމަށް ދާންދެނެވެ. އެހެންނޫނީ އެބައިމީހުންގެ މައްޗަށް ފަރުބަދަތަކާއި ބިނާތައް ތިމަން ﷲ މުގުރުއްވައި ލައްވާ ހުށީމެވެ." والله أعلم".
މި ދެކަންތަކުގެ ވާހަކަ "ދިވެހި ތާރީޚު" ފޮތުގައި (ސަފުހާ ނަންބަރު 277 – 278) ވެސް ބަޔާންކުރައްވާފައި ވެއެވެ. އަދި މި ހާދިސާތައް އެޗް.ސީ.ޕީ.ބެލް (1921) ގެ ރިޕޯޓު، "ދަ މޯލްޑިވް އައިލެންޑްސް: 1920" ގެ 20 ވަނަ ސަފުހާގައި ނަޤުލުކުރައްވާފައި ވެއެވެ. އަދި އެޗް.ސީ.ޕީ.ބެލް (1940) ގެ "މޮނޮގްރާފް" ގެ 42 - 43 ވަނަ ސަފުހާގައި މި ވާހަކަތައް ބަޔާންކުރެއްވިއެވެ.

ކޭލަކުނު ވިއްސާރައިގެ ދެއަހަރު ކުރިން 11 އޮކްޓޫބަރު 1819މ. ވީ ހޯމަ ދުވަހު ވަރުގަދަ ވަޔެއް ޖެހުނެވެ. "ތާރީޚު އިސްލާމި ދީބާ މަޙަލް" ގައި އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން ލިޔުއްވާފައި ވަނީ، "ދެން އެއަށްފަހު ހުޅަނގު ފަރާތުން ވަރަށް ގަދަ ވައިގަނޑެއް ޖެހި ވެރިކަންކުރާ ރަށުން ނާރިނގު ގަހަކާއި ބައެއް މޭވާ ގަހާއި ދިހަ ގެ ވެއްޓުނެވެ. މިކަން ހިނގީ ހިޖުރައިން 1234 ވަނަ އަހަރުގެ ޙައްޖުމަހުން 21 ވީ ހޯމަ ދުވަހުގެ ފުރަތަމަ ސާޢަތުގައެވެ. އޭރު އިރު ހުރީ މީޒާނުގައި 16 ދަރަޖައިގައެވެ". މިވާހަކަ "ދިވެހި ތާރީޚު" ފޮތުގެ ސަފުހާ 280 – 281 ގައި ލިޔުއްވާފައި ވާގޮތުގައި، "ދެން މިޔަށްފަހު މިއަހަރުގެ ޙައްޖު މަހު އެކާވީސްވީ ހޯމަ ދުވަހު ހުޅަގުން ވަރަށް ގަދަވައިގަޑެއް އަޔޭ.. މާލޭން ވަރަށް ގިނަ ގަސްގަހާގެހި ވެރުނޭ.. ގަޑުވަރުތެރޭން ވެސް ދިހަ ގެ ވެއްޓުނޭ އެއީ މީޒާނުން ސޯޅަ ދުވަހުގައޭ.." އަދި މި ހާދިސާ އެޗް.ސީ.ޕީ.ބެލް (1940) ގެ "މޮނޮގްރާފް" ގެ 43 ވަނަ ސަފުހާގައި ބަޔާންކުރެއްވިއެވެ.
ވިއްސާރައިގެ ކުރިން ކޭލަކުނު
އަރުގަފަތްކޮޅުތަކުން ފެންނަ ކޭލަކުނު – އެންމެ މީހުން ގިނަ އެއްރަށް
ތިލަދުންމަތީ ކޭލަކުނަކީ ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ރަށެވެ. އަދި ކޭލަކުނަކީ ދިވެހިރާއްޖޭގައި އަބަދުވެސް އެންމެ މީހުން ގިނަ ތިލަދުންމަތި އަތޮޅުގައި މީހުން އެންމެ ގިނަ އެއް ރަށެވެ. ރާއްޖޭގެ ނިސްބަތުގައި ވެސް ކޭލަކުނަކީ އިހުގައި މީހުން ގިނަ މައި ރަށެއްކަން ޢިލްމީ އަދި ތާރީޚީ ހެކިތަކުން ސާބިތުވެ ފާޅުވެގެންވެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ދިވެހިރާއްޖޭގެ ރަށްރަށަށް ރާއްޖޭގެ ރަސްރަސްކަލުން އެކިއެކި ޒަމާންތަކުގައި ދެއްވާފައި ހުރި އަރުގަފަތްކޮޅުތައް ދިރާސާކުރުމުންނެވެ. އޮޅުމެއްވެސް ނެތް ގޮތުގައި ރަށެއްގެ އަރުގަފަތްކޮޅަކީ ނުވަތަ އަރުގަފަތަކީ، ދިވެހި ވެރިކަމުގެ ފަރާތުން އެރަށެއްގެ ބޯހިމަނައި، އެރަށަކުން ވާރުނެގޭ މީހުންގެ އަދަދާއި ވާރަށް ނެގޭނެ އެއްޗެއްސާއި މިންވަރު ކަނޑައަޅުއްވައި ލިޔުއްވައި ރަދުންގެ ފަރާތްޕުޅުން އެރަށަކަށް ދެއްވާ ވާރުފަތްކޮޅެވެ.
މިގޮތުން، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 ވަނަ (ޙާޖީ ޢިމާދުއްދީން) 1318ހ. ގެ ފަތްކޮޅުގައި ވާގޮތުގައި، "އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު މަހާރަދުންގެ ދެވަނަ އަވެރުދު.. ތިލަދުންމަތީ އެންމެ ރަށްރަށު ބޯހިމަނައި.. އެންމެ އަޅުތަކުންގެ ބޮލައް ވާރުހަމަކުރައްވައި ދެއްވި އަރުގަފަތްކޮޅު ހުރި މަގުން ކެލައި ޚަޠީބު މުދިން ބެއިކެބި މި މީހުން ނުލައި މިރަށު ވާރު ދޭން ތިބި މީހުންގެ ޖުމްލަ ..67.." އެވެ. މިހާ ހިސާބުން އުފެދިދާނެ ސުވާލަކީ، ކޭލަކުނު ތަޅާލި ވިއްސާރައިގައި ކޭލަކުނު މުޅިން ހަލާކުވެ އެއްކޮށް ފަޅުވީ އިރުގައި ރާއްޖޭގެ ރަސްރަސްކަލުން ކޭލަކުނަށް ދެއްވި އަރުގަފަތްކޮޅުތައް ލިބުނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަދި އެބައާދެއެވެ.

މީގެ 313 މީލާދީ އަހަރު ކުރިން، މީލާދީން 1708 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވީ އާދީއްތަ ދުވަހު (ހިޖުރީ ގޮތުން 1120 ވަނަ އަހަރު ޖުމާދަލްއައްވަލު މަހުން 11 ވީ އާދީއްތަ ދުވަހު)، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ދެވަނަ (ދިޔަމިގިލީ ބޮޑުބަންޑާރައިން) ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ރަސްކަމުގެ 4 ވަނަ އަހަރުގެ ފަތްކޮޅުގައި ވަނީ، ތިލަދުންމަތީ ކޭލަކުނުގެ ޚަޠީބުންނާއި، މުދިމުންނާއި، ބެއިކެނބިން ނުލައި ކޭލަކުނުން ވާރުދޭން ތިބި މީހުންގެ ޖުމްލަ އަކީ 73 ކަމަށެވެ. މީގެ މާނައަކީ، އޭރު ކޭލަކުނުގެ އާބާދީ އަކީ ގާތްގަނޑަކަށް 255 އާއި 355 ދެމެދުގެ އަދަދެއް ކަމެވެ. އެޒަމާނަށް ބަލާއިރު މިއީ ބޮޑު އާބާދީއެކެވެ. ކޭލަކުނުގެ ވާރުދޭން ތިބި މީހުންގެ އަދަދުގެ މައްޗަށް ބިނާކޮށް ކޭލަކުނުގެ ޖުމްލަ އާބާދީ ހިސާބުކުރާނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ވެސް އަދި އެބަ އާދެއެވެ.
(ނުނިމޭ)
ޚާއްޞަ އެހީތެރިކަން
- ޙުސައިން ޒަބީރު، މުނިޔާވިލާ، ތިލަދުންމަތީ ވައިކަރަދޫ
- އަލްމަރުޙޫމް ތަކަންދޫ އެދުރު ޢަބްދުއްލަޠީފް
- އަލްމަރުޙޫމް ތަކަންދޫ ކެލާ އަޙްމަދު
- އަލްމަރުޙޫމް ކުޅުދުއްފުށީ ކުރަހާގޭ ޢަބްދު ﷲ އަބޫބަކުރު
- ކުޅުދުއްފުށީ ދަނޑުމަތި މުޙައްމަދުގެ އަޙްމަދު
- ވައިކަރަދޫ ދޮން ހުސޭނު
- ނެއްލައިދޫ ޢަބްދުއްރައްޒާޤު ކަތީބު
- ވައިކަރަދޫ އިބްރާހީމް ޢީސާ
- ވައިކަރަދޫ ދޮން ސަކީނާ
- ކުރިނބީ ޢަބްދުﷲ ޢުޘްމާން
- އަދި މިނޫން ވެސް އެތައް ބޭފުޅެއްގެ އެހީތެރިކަން ލިބިފައި ވެއެވެ.
ހަވާލާ
- ޙަސަން ތާޖުއްދީން. (1984). ތާރީޚު އިސްލާމި ދީބާ މަޙަލް (ހިކޮއިޗީ ޔަޖިމާ، ތަޙުޤީޤު).
- މުޙައްމަދު އިބްރާހީމް ލުޠުފީ. (2012). "ތާރީޚު ދީބާ މަޙަލް" އާބެހޭ ދިރާސާ.
- ހަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް (ދިވެހިބަހުގެ އެކެޑަމީ، ތަރުޖަމާ).
- ޤުރުއާން.
- އަލްޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ. (2007). ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް.
- ދިވެހި ތާރީޚު. (1981). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- ދިވެހިރާއްޖޭގެ ތާރީޚުލިޔާ ކޮމިޓީ. (1990). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- އެޗް.ސީ.ޕީ.ބެލް. (1940). ދަ މޯލްޑިވް އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ.
- އެޗް.ސީ.ޕީ.ބެލް. (1921). ދަ މޯލްޑިވް އައިލެންޑްސް: 1920.
- ވުޒާރަތުއް ދާޚިލިއްޔާ. (1946). ވުޒާރަތުއް ދާޚިލިއްޔާގެ ނަންބަރު 1 (ފޮތް).
- މުޙައްމަދު އިބްރާހީމް ލުޠުފީ. (1995). ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1 + 2 ވަނަ ބައި.
- މުޙައްމަދު އިބްރާހީމް ލުޠުފީ. (1989). ހ.ދ. ކުޅުދުއްފުށި އާބާދުވިގޮތް. ފަތްތޫރަ 122.
- އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ދެވަނަ (ދިޔަމިގިލީ ބޮޑުބަންޑާރައިން) ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ރަސްކަމުގެ 4 ވަނަ އަހަރުގެ ކޭލަކުނު އަރުގަ ފަތްކޮޅު.
- ދޮންބަންޑާރައިންގެ ރަސްކަމުގެ 4 ވަނަ އަހަރުގެ ކޭލަކުނު އަރުގަ ފަތްކޮޅު.
- 26 މާރިޗު 1979 ގައި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ފަރާތުން ޑިރެކްޓަރ ޙަސަން އަޙްމަދު މަނިކު، ދިވެހި ތާރީޚާއި ޘަޤާފަތުގެ މަޖިލިސްގެ ރައީސަށް ފޮނުއްވި ސިޓީ.
- ޢަބްދުލްޙަކީމް ޙުސައިން މަނިކު. (1999). ބޮޑުވިއްސާރަ ދުވަސް. ފަތްތޫރަ 239.
- ރަސްގެތީމު ލޯފަން ޢީސާ. (1994). ބޮޑު ވިއްސާރަ ރައިވަރު. ފަތްތޫރަ 184.
- ހިމިތީ އިސްމާލް ކަލޭފާނުގެ ތުއްތު. (1949). ޙިސާބު ޢިލްމުގެ ފިޔަވަޅެއް (ޖަވާބާއިއެކު) ފުރަތަމަބައި.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!