ތިލަދުންމަތީ އުތުރުބުރި (ހއ) އަތޮޅުގެ ރައްޔިތުން މަޖިލިސްގެ ކުރީގެ މެންބަރު އަލްއުސްތާޛް އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ، ކެލާ އަލިބެ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަލިބެ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިބެވަނީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެނދުމަތިކުރެވިގެން ވެސް ފަރުވާ ހޯއްދަވާފައެވެ. އަލިބެ އަވަހާރަވީ ވެރިރަށް މާލޭގައި، ދިރިއުޅުއްވާ ގޭގައެވެ.

Ad
rt

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ޚިދުމަތްކުރައްވާފައިވާ، އަލިބެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައި ވަނީ ނޫ ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރުއެވެ. އެއީ 3 ޖޫން 1990 އިން 24 ނޮވެމްބަރު 1997 އަށެވެ.

އަލިބެ ހއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައި ވަނީ، 24 ފެބްރުއަރީ 1995 އިން 24 ފެބްރުއަރީ 2000ގެ ނިޔަލަށެވެ. އަލިބެއާއެކު އެ ދައުރު ފުރިހަމަކުރެއްވި އަނެއް މެންބަރަކީ ވަށަފަރު އާދަމް ކަލޭފާނެވެ.

ޢަލިބެއަކީ ދިވެހި ބަހަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބަހުގެ ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. މުދައްރިސް ކަމާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޢަލިބެ ވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ މުޝީރެއްގެ މަގާމް ވެސް އަދާކުރަށްވާފަ އެވެ.

ބަހަށް އަލިބެ ކުރެއްވި ޚިދުމަތްތައް ފާހަގަ ކުރަށްވައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެފައި ވަނީ، އޮއްސިގެން އެ ދިޔައީ އަލިގަދަ ތަރިއެއް ކަމަށެވެ.

ދިވެހިބަހާއި އަދަބަށް އަގުނުކުރެވޭ ފަދަ ވަރުހުރި މަސައްކަތްކުރެއްވި، އަލިބެއާއި ދެތިން ހަތަރު ފަހަރެއްގެ މަތިން ބައްދަލުވި ކަމަށާއި، ޢަލިބެއަކީ ވަރަށް ހިތްޕުޅު ހެޔޮ، ދިވެހި ބަހާ މެދު ވަރަށް ވިސްނައިވަޑައިގަންނަވާ ބޭފުޅެއް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.

ފަތްތޫރައިގެ އެތައް ސަފުހާތަކެއް ވަނީ އަލިބެ ޅެންތަކާއި ލިޔުންތަކުން ފުރިފައިކަމަށާއި، އަދަބީ ބަގީޗާއިން އަދު އެ ގެއްލުނީ އަގުހުރި އަދީބެއް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.

"ދިވެހި ޗަމަންގައި ހެދެމުން އައި ކެލާގަހާއި އެ ގަހުގެ މީރުވަސް އަޅުގަނޑުމެންނާ އަލްވަދާޢު ވިދާޅު ދާއިމީ ދުނިޔެއަށް ދަތުރުކުރެއްވީއެވެ! ޢަލިބެގެ އަދަބީ ޚިދުމަތް އެހެރީ ފެންނާށެވެ. ދިރިދިރިއެވެ. އަލިބެގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ! " ޚިދުމަތެއް ކުޅަ ނަމަ އެ ޚިދުމަތް ދާއިމަށް ދިރިދިރިމެވާށި، ވިދުމުގައި ގަދަރާ ނަމާ އަބަދަށް ޓަކައި ގާއިމުވެދާށި" އަޝްރަފް ވިދާޅުވެފަ ވެއެވެ.

އަލިބެ ނިޔާވުމާގުޅިގެން ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ، ކެލާދާއިރާގެ ނަމުގައި އަލިބެގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

"ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއްނެތޭ، ތިލަދުންމަތީ އުތުރުބުރި ރައްޔިތުން މަޖިލިސްގެ އިއްޒަތްތެރި ކުރީގެ މެންބަރު އަލީއިބްރާހިމް މަނިކު މިއަދުގެ ހެދުނުގެ ވަގުތެއްގައި ވަނީ ފަނާވަނިވި މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ، އަޅުގަޑާއި އަދި ކެލާދާއިރާގެ ނަމުގައި އަލިބޭގެ އާއިލާއަށް ތައުޒިޔާ ދަންނަވަން، الله މިންވަރުފުޅާއެކު އާއިލާއަށް ކުރިމަތިވި ހިތްދަތިކަމުން މިންޖުކުރަށްވާ މަރުހޫމުގެ ފުރާނަޔަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި، އާމީން،'' އިބްރޭ ވިދާޅުވެފަ ވެއެވެ.

ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް ވެސް އަލިބެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައިވާއިރު، ކެލާ ކައުންސިލުން ވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. މީގެއިތުރުން ވެސް ގިނަ ފަރާތްތަކަކުން އަންނަނީ އަލިބެގެ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.

މިއަދު އަޅުގަނޑުމެންނާ ދާއިމަށް ވަކިވެގެން ދިޔަ ކެލާ އަލިބެއަކީ ބަހުގެ ފަންނުގެ އިތުރުން ލިޔެލާޖެހުމާއި ކުރެހުމާއި އަތްތެރި މަސައްކަތުގެ ވެސް ހުނަރުވެރިއެކެވެ.

އަލިބެގެ ބޭފުޅުންގެ ތެރެއިން ދީނީ އިލްމުވެރިޔާ ސެއިޚް ފައްޔާޒު އަލި މަނިކަކީ ވަރަށް ފާހަގަކޮށްލެވޭ ދީނީ ޢިލްމްވެރިއެކެވެ.