ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ތަރައްޤީކޮށްފައިވާ ދަތުރު ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީކައުންސިލްގެ ފަރާތުން އެ ސިޓީގެ އުތުރު ބަނދަރުގައި ތަރައްގީކޮށްފައިވާ މި ދަތުރުހިޔާ ހުޅުވީ، މިއަދު ހެނދުނު 10:00ގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ކައުންސިލް 3 ވަނަ ދައުރުގެ ރައީސް ޢަބްދުލް ލަޠީފް ޙަސަނެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއާއި، ކައުންސިލަރުންނާއި، އެ ސިޓީގައި ހުރި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން، ލަތީފް ދެއްކެވި ވާހަކަފުޅުގައި ދަތުރުހިޔާގެ ސަބަބުން ސަރަހައްދުގެ އަތޮޅުތަކާއި، ރަށްތަކުގެ ދަތުރުވެރިންނަށް ފަސޭހަކަން ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.
ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވާ ގޮތުގައި މިއަދު (01 ޑިސެމްބަރ 2021) އިން ފެށިގެން ދަތުރުހިޔާގެ އިމާރާތުން އަންހެން އަދި ފިރިހެން ފާހާނާގެ އިތުރުން، ފީޑިންގ ރޫމާއި އަދި ވެއިޓިން އޭރިއާއެއްގެ ޚިދުމަތް ދަތުރުވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
މި ދަތުރުހިޔާގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން ރޭގަނޑު 11:00 އަށް ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެންމެންގެ ފަސޭހައަށް ތަރައްޤީކުރެވިފައިވާ މި ދަތުރުހިޔާ ބޭނުންކުރާ ފަރާތްތަކުން ތަނުގެ ސާފުތާހިރުކަމާއި ތަކެއްޗަށް ގެއްލުންނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ބަނދަރެވެ. އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެކިއެކި ބޭނުންތަކުގައި ކޮންމެދުވަހަކުހެން އެސިޓީއަށް ޒިޔާރަތް ކުރެއެވެ. މި ދަތުރުހިޔާގެ ސަބަބުން އެރަށްޔިތުން ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!