ޑެލްޓާ އަދި އޮމިކްރޯން ވޭރިއަންޓް އާއި ހުރި ބައެއް ތަފާތުތައް

Omicron varient

2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔޭގެ ބައްރުތަކަށް ފެތުރެންފެށި ކޯވިޑް-19ގެ އެކި ވޭރިއަންޓްތައް މިހާތަނަށް ވަނީ ފެނިފައެވެ. އެ ވޭރިއަންޓްތަކުންކުރެ ޑެލްޓާ ވޭރިއަންޓްއަކީ އެންމެ ނުރައްކާތެރި ވޭރިއަންޓްގެ ގޮތުގައި މިހާތަނަށް ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ. ނަމަވެސް އަނެއްކާވެސް މިވަނީ އެފަދަ ނުރައްކާތެރި އާ ވޭރިއަންޓެއް ފެތުރެން ފަށާފައެވެ.

ސައުތު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވް ވެގެން ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމާއި އެކު އެގައުމުގެ ސައިންސްވެރިން ކޮށްފައިވާ ތަޙުލީލްތަކުން ސާބިތުވެފައި ވަނީ މިއީ ކޯވިޑްގެ އާ ވޭރިއަންޓްއެއްގެ ގޮތުގައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން މި ވޭރިއަންޓްއަށް ދީފައިވާ ނަމަކީ "އޮމިކްރޯން"އެވެ.

ކޯވިޑްގެ އެކި ވޭރިއަންޓްތައް ޖެހިގެން ގިނައިން ހޮސްޕިޓަލްގައި ފަރުވާދޭން ޖެހިފައިވާ މީހުންނާއި މަރުވާ މީހުންނަކީ ވެސް އެ ބަލިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންތައް ނުޖަހާ މީހުންކަން ޑޮކްޓަރުން ދަނީ ފާހަގަ ކުރަމުންނެވެ.

އޮމިކްރޯން ވޭރިއަންޓާއި ބެހޭ ގިނަ ދިރާސާތައް ސައިންސްވެރިން ކުރަމުން އަންނަ އިރު، މި ވޭރިއަންޓް ފެނިފައިވާ ސައުތު އެފްރިކާގެ ގައުމުތަކުގެ މީހުން، ގިނަ ގައުމުތަކަކުން ވަނީ އެރުން މަނާކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ވޭރިއަންޓްއަށް ޕޮޒިޓިވް ވެފައިވާ މީހުން ދަނީ ފެންނަމުންނެވެ. މި ވޭރިއަންޓްއިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓާ ޑޯޒް އެއްވެސް ދިނުމަށް ގައުމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ސްކޮޓްލޭންޑް، ޕޯޗުގަލް، ކެނެޑާ އަދި އިނގިރޭސިވިލާތުން މި ވޭރިއަންޓް ފެނިގެން ރިޕޯޓް ކުރެވިފައިވާއިރު، ނެދަލޭންޑްސް އިންވެސް ވަނީ އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވެ ވެފައިވާ ބަޔަކު ފެނިގެން ރިޕޯޓްކޮށްފައެވެ. ސައިންސްވެރިން އަންދާޒާކޮށްފައިވާ މިންވަރަށް ވުރެން އިތުރަށް މި ވޭރިއަންޓް ޔޫރަޕުގެ ގައުމުތަކުން ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ޑަބްލިޔު.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކޯވިޑުން ދިފާއުވުމަށް ދެވޭ ވެކްސިން ޖަހާ ނަމަ މި ވޭރިއަންޓްއިންވެސް ދިފާއުވުމަށް ފުރުސަތު ބޮޑުވާނެކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ޑެލްޓާއާއި އެއްވަރަށް އޮމިކްރޯން ވޭރިއަންޓް އަކީ ވެސް ގައިން ގަޔަށް ފަސޭހައިން އަރާނެ ވޭރިއެންޓެއްކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ސައުތު އެފްރިކާގެ ހެލްތް ޑިޕާޓްމެންޓްއިން މިހާތަނަށް ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، ކޯވިޑް ޖެހިފައިވާ މީހުންނަށް ވެސް އޮމިކްރޯން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައެވެ. އަދި އެހެން ވޭރިއަންޓްތަކާއި މި ވޭރިއަންޓް ޖެހުމުން ކުރިމަތިވާ ކަންތައްތަ ވެސް ދާދި އެއްގޮތްކަމަށް ސައިންސްވެރިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުތެރޭގައި ރިއްސުން ހިމެނެއެވެ. ނަމަވެސް ކޯވިޑްގެ މީހުންނަށް އާންމުކޮށް ދިމާވާ ވަސް ދުވުމާއި ރަހަ ކެނޑުމުގެ އަލާމާތްތައް ޑެލްޓާ ވޭރިއަންޓްއާއި އެއްގޮތަށް މި ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ގައިން ނުފެންނަ ކަމަށް މި ވޭރިއަންޓް އެންމެ ފުރަތަމަ ދިރާސާކޮށްފައިވާ ސައުތު އެފްރިކާގެ ޑޮކްޓަރު ޑރ. އެންޖެލިކް ކޯޓްޒީވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *